ތަނަވަސް ފިރިއެކެވެ. ބޭރު ޤައުމަކަށް ފުރަން އެއާޕޯޓަށްދިއަތަނާ އޮފީހުގައި ކުއްލިކަމެއް ދިމާވެގެން ގުޅުމުން ދަތުރުކެންސަލްކޮށްފައި އައީ ގެއަށެވެ. ގެއިންބައެއް ތަކެތި އޮފީހަށް ގެންދަންޖެހޭތީއެވެ. ގެއަށް ވަންއިރު އަނބިމީހާ ސިޓިންގރޫމްގައި މީހަކާއިއެކު ލޯބިކުރަނީއެވެ.
ފެނުނުކަމަށްވެސް ނުހަދައި ވަދެ އޮފީހަށް ގެންދަންޖެހޭ އެއްޗެތި ހިފައިގެން ނުކުންނަމުން ބުންޏެވެ. "ދެމީހުންގެ ގުޅުން ކުރިއަށްގެންދާށެވެ. އެކަމަކު މިހާރުން މިހާރަށް ދެމީހުން މިގެއިން ނުކުންނާށެވެ." އެހެންބުނުމުން އަނބިމީހާ އެދުނީ މާފަށެވެ. ބުނީ ލޯބިވަނީ ފިރިމީހާދެކެ ކަމަށާއި އުޅެން ބޭނުންވަނީ ފިރިމީހާއާއިއެކުގައި ކަމަށެވެ. މިއީ ކުރެވުނު ކުށެއް ކަމަށެވެ.
ފިރިމީހާގެ ޖަވާބަކީ ކުށުގައިވެސް ދަރަޖަތަކެއް ހުންނަ ކަމަށެވެ. މިފެނުނީ މާފުކުރެވޭނެ ކުށެއް ނޫން ކަމަށެވެ. "ލޯބިވާ މީހަކު ބޭވަފާތެރިއެއް ނުވާނެ! އޮފީހުގައި އެއުޅެނީ އެތައް ބައިވަރު އަންހެންކުދިން. އެއިގެ އިތުރުންވެސް ކޮންމެ ދުވަހަކު އެތައް ބައިވަރު ކުދިންނާ ބައްދަލުވޭ. އެކަމަކު ދުވަހަކުވެސް ތިއަބާވަތުގެ ކަމެއް ނުކުރަން. އެއީ އަނބިމީހާ ދެކެ ލޯބިވާތީ. ލޯބިވެގެން އުޅުނު ދުވަސްތަކާ ކައިވެނީގަ މިހާރު 6 އަހަރުވީ. 6 އަހަރު ތިބާ އުޅުނު ގޮތެއްވެސް ނޭނގެ. ހޯދާކަށްވެސް ބޭނުމެއް ނޫން. މިބުނިހެން އަވަހަށް މިގެއިން ދެމީހުން ނުކުމެގެންދޭ!"
އެހެންބުނެފައި ފިރިމީހާ ނުކުމެގެންދިއައީ ދެމީހުން ގެއިން ނެރެން ސެކިޔުރިޓީއާއި ޙަވާލުކޮށްފައެވެ. ދެން އެހެން ގޮތެއް ނެތުމުން ލޯބިވެރިޔާއާއިއެކު އޭނާގެ ގެއަށް ގެންދަން އެދުމުން ބުނިވާހަކައިން ޖެހުނީ އިތުރަށް ދެރަވާށެވެ. "އަހުރެން މިއުޅެނީ އަންހެނަކު ދެކެ ލޯބިވެގެން ކައިވެނިކުރަން. ކަލޭ ގުޅީމާ މިއަންނަނީ ބޭނުންވާ ކަންތައްވެފަ ފައިސާވެސް ލިބޭތީ. އެހާ ތަނަވަސް އެހާ ރަނގަޅު ފިރިއަކަށް ބޭވަފާތެރިވި މީހަކު އަހުރެންނަށް ތެދުވެރިވާނެކަމަށް ވިސްނުމަކީވެސް ބޮޑު މޮޔަކަމެއްނޫންތަ؟ ނަމަނަމަ ދެން މަށަށް ނުގުޅާތި!"
ކުރެވޭނެ ކަމެއް ނެތެވެ. އެހެން ބުނެފައި ލޯބިވެރިޔާވެސް ނުކުމެގެންދިއައީއެވެ. ދަބަސް ހިފައިގެން ޖެހުނީ ގެއަށްދާށެވެ. އެއްވެސް ފައިސާއެއްވެސް ނެތި ހުސްއަތާއެވެ.
މިހުންނަނީ އަބަދުހެން ހިނގަމުންދާ ކަންކަމެވެ. ދެރަކަމަކީ ވަރަށް މަދުމީހަކަށް ނޫނީ ވިސްނައި ޢިބްރަތް ޙާޞިލުނުކުރެވޭ ކަމެވެ. ވިސްނައިލެވޭނަމަވެސް ރަނގަޅު ބައިވެރިއަކު ލިބުމުން މަސައްކަތްކުރާނީ ތެދުވެރިކަމާއިއެކު އެކުގައި އުޅޭށެވެ. ބޭވަފާތެރިއެއް ނުވާނެއެވެ.
އޭނާގެ ލޯބިވެރިޔާ އެބުނީ ތެދަށެވެ. ގިނަބައަކަށް ހިތްދަތިޙާލުގައި އުޅެންޖެހިފައިވަނީ ރަނގަޅު ބައިވެރިއަކު ނުލިބިގެންނެވެ. އެހެންކަމަށްވާއިރު ރަނގަޅު ބައިވެރިއަކު ލިބުމުން އޭނާއަށް ބޭވަފާތެރިވާ މީހަކު އެހެން މީހަކަށް ތެދުވެރިވާނެކަމަށް ޤަބޫލުކުރާނީ މޮޔައިން ނޫންހެއްޔެވެ؟
-- ފަޒްލާ / މިއަދުނޫހުގެ ކިޔުންތެރިއެއް