ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
((التَّائِبُ مِنَ الذَّنبِ كَمَن لَا ذَنبَ لَهُ))
ފާފަތަކުން ތައުބާވާމީހާ، އެމީހެއްގެ ފާފައެއް ނުވާ މީހެއް ފަދައެވެ.
اللَّه އީ، رحيم ވަންތަ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ނުކިޔަމަންތެރި އަޅުންނަށްވެސް އެއުރެންގެ ފާފަތަކަށް ތައުބާވެއްޖެނަމަ، ކިތަންމެ ގިނަ ފާފައެއްވިޔަސް އެކަލާނގެ رحمة ގެ ދޮރު ހުޅުއްވައިދެއްވައެވެ.މާނައަކީ އަޅަކު ފާފައެއް ކޮށް، އެއަށްފަހު ތައުބާވެއްޖެނަމަ ހެޔޮ ގޮތުގައި ތައުބާވެ، އެކަމުން އެއްކިބާވެ، ހިތާމަކޮށް، ފާފަފުއްސެވުމަށް އެދުމާއި، ކުރީގެ މަގަށް އެނބުރި ނުގޮސްފިނަމަ، الله ތަޢާލާ އަޅަކަށް ތައުބާ ލައްވައެވެ.
އަދި ފާފައެއް ނުކޮށް، ނުބައި ޢަމަލުތައް ހެޔޮޢަމަލުތަކަށް ބަދަލުކުރާ މީހާގެ ގޮތުގައި އެކަލާނގެ ދެކެވަޑައިގަންނަވައެވެ.
ސަބަބަކީ އޭނާ ވެރިރަސްކަލާނގެحضرة އަށް توبة ވެ، اللَّه ދެކެ ލޯބިވެވޮޑިގަތުމާއި، އެކަލާނގެއާމެދު އެކަލޭގެފާނުގެ ހިތްހަމަޖެހުމާއި، ބިރުވެތިވުމުގެ ސަބަބުން ތައުބާވެ ވަޑައިގަތުމުންނެވެ. އަދި އެއީ تقوى ވެރިންގެ ސިފަތަކެވެ.ކުށެއް ނެތިހިނގައްޖެނަމަ، އެ ކުށުގެ އަދަބުތަކާއި ވާޖިބުތައް ނެތިގެން ހިނގައިދާނެއެވެ. އަދި މިއީ ކުށުން ތައުބާވާ ކޮންމެ މީހެއްގެ މައްޗަށް ޢާންމު ޙުކުމެކެވެ.
ﷲ ތަޢާލާ ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾
މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (53)"
ކީރިތި ޤުރްއާނާ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ތައުބާ ޤަބޫލުވުމުގެ ޝަރުޠުތަކުގެ ތެރޭގައި: އެތައުބާ ވާންޖެހޭނީ ﷲ ތަޢާލާއަށްޓަކައި ކުރާ ޚާލިޞް ތައުބާއަކަށެވެ. އެއީ ދުނިޔަވީ މީހަކަށް ނުވަތަ މީސްތަކުންނަށް ތައުރީފުކުރުމެއް ކުރާކަމެއް ނޫނެވެ. ދެން ފާފަ ދޫކޮށްލުމާއި، ދެން އެފާފައަށް އެނބުރި ނުދިއުމުގެ ޢަޒުމަކާއެކު އެފާފައަށް އަރައިގަތުން ދޫކޮށްލުމެވެ. ދެން އެފާފައަކީ އެހެން މީހުންގެ ޙައްޤެއްކަމުގައިވާނަމަ، އެފާފަގެ ވެރިފަރާތަށް ޙައްޤުތައް ރައްދުކޮށްދިނުމާއި، ތައުބާވާންޖެހޭނީ މަރުވުމުގެ ކުރިންނެވެ.