ކުދިންލައްވައި ރޯދަ ހިއްޕުވަން ފެށުމުގަ ސަމާލުކަންދޭންވީ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 36ސ
ކުދިންލައްވައި ރޯދަ ހިއްޕުވަން ފެށުމުގަ ސަމާލުކަންދޭންވީ ކަންކަން-

ބަލިޣްނުވާ ކުޑަކުދިންވެސް ރޮއިފަ ރޯދަވީއްލުމަށް އެދޭތީ އެކަމަށް ކެތްކުރަން އުދަގޫވެގެން ރޯދަވީއްލަން މަންމަ ހުއްދަ ދީފިނަމަ މަންމަ ފާފަވެރިވާނެކަމާއިމެދު ބައެއް ބެލެނިވެރިން ކަންބޮޑުވެލައްވައެވެ.  

މައްސަލައިގައި ޖަވާބަކަށް ދިއުމުގެ ކުރިން ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ރޯދަ ހިފުމަށް ދަރިފުޅުގެ ހިތުގައި ޝައުޤުވެރިކަން އުފައްދުވާށެވެ. އެއީ ކިހާބޮޑު ފައިދާއެއް ލިބޭ ކަމެއްކަން ހިތަށް ވައްދުވާށެވެ. ރޯދަހިފުމުގައި މައިންބަފައިން ނަމޫނާ ދައްކައިދޭށެވެ. ނަމޫނާ ދެއްކޭނީ ހަމައެކަނި ރޯދަމަހު ރޯދަހިފުމަކުން ނޫނެވެ. ސުންނަތް ރޯދަތައްވެސް ހިފައިގެންނެވެ. ޝައުޤުވެރިކުރުވުނީމާ ކުދިން އަމިއްލައަށް ރޯދަހިފަން އެދެން ފަށާނެއެވެ.  

އިސްވެ ބުނެވުނުފަދަ ބެލެނިވެރިން ތިރީގައިވާ ލިޔުން ވިދާޅުވެ އެލިޔުމުގައިވާ މަގުން ޢަމަލުކުރައްވަން މަސައްކަތްކުރައްވާށެވެ! ކުރިމަތިވާ މައްސަލަތައް ޙައްލުކުރެވޭނެއެވެ. އިން ޝާ ﷲ  

ފުރަތަމަ ކަމަކީ ކުއްޖާ ބާލިޣު ވުމުގެ ކުރިން އެކުއްޖާޔަށް ރޯދަހިފުން ވާޖިބެއްނުވާނެ، ސަބަބަކީ އިންސާނާ މުކައްލަފަކަށް ވަނީ، "މުކައްލަފް"ގެ މާނައަކީ އެއީ އިސްލާމްދީނުގާ އައިސްފައިވާ ޙުކުމްތައް ތަންފީޛު ކުރަންޖެހޭ މީހަކަށް މިސާލަކަށް ނަމާދު ކުރުން ވާޖިބުވެފަ، ރޯދަހިފުން ވާޖިބުވެފަ، ޒަކާތް ދިނުން ވާޖިބުވެފަ މިކަންތައްތައް މިއަންނަނީ ހަތަރު ޝަރުޠެއް މީހާގެ ކިބައިގާ ހަމަވެގެން. 

ފުރަތަމަ ކަމަކީ އޭނާއަކީ މިނިވަނަކަށް ވާންޖެހޭނެ،

އަނެއްކަމަކީ އޭނާއަކީ ބުއްދި ސަލާމަތުން ހުރި މީހަކަށް ވާންޖެހޭނެ،

އަނެއްކަމަކީ އޭނާއަކީ މުސްލިމެއް ކަމުގައި ވާންޖެހޭނެ،

އަނެއްކަމަކީ އޭނާއަކީ ބާލިޣު ވެފައިވާ މީހަކަށް ވާންޖެހޭނެ.  

އެހެންވީމާ، 7 އަހަރު 8އަހަރު ނުވަތަ 9 އަހަރުގެ ކުދިން އެކުދިންނަކީ އަދި ބާލިޣުނުވާ ކުޑަކުދިންކަމަށް ވަނީނަމަ އެކުދިންނަށް ރޯދަޔަށް ނުހުރެވިގެން ރޯދަވީއްލަން އެދުނީމާ އެކުދިން ރޯދަދޫކޮށްލަން ފުރުޞަތު ދިނުން އެއަކީ އެއްގޮތަކަށްވެސް މަންމަ ފާފަވެރިވާނެ ކަމެއްނޫން، 

އެހެންނަމަވެސް މީގާ އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ ކަމަކީ ކޮންމެވެސް ވަރަކަށް އެކުދިންލައްވާ ރޯދަހިފުވަން އާދަކުރުވުން އެބަޖެހޭ އެއީ އެއްގޮތަކަށްވެސް އެކުއްޖާ ސްކޫލަށްދާތީ އެކުއްޖާޔަށް ރޯދަ ނުހިފޭނޭ، އެކުއްޖާ ފިލާވަޅު ދަސްކުރަންޖެހޭ  އެހެންވީމާ އެކުއްޖާޔަށް ރޯދަނުހިފޭނޭ ކިޔާ އެގޮތަށް އަޅުގަނޑުމެން ކުއްޖާ މާބޮޑަށް ޅަކުރަން ފަށައިފިކަމުގައި ވަނީނަމަ ރޯދަހިފަން ވާޖިބުވާޢުމުރަށް ކުއްޖާދާއިރުގާ ކުއްޖާ ހުންނާނީ ރޯދަހިފަން ދަސްނުވެ އަދި ރޯދަހިފަން ކުއްޖާޔަށް ފަހަތަށް ޖެހޭގޮތް ވެދާނެ.  

އެހެންވީމާ، ނަމާދާބެހޭ ގޮތުންވެސް  ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފަވަނީ ކުއްޖާގެ ޢުމުރުން 7 އަހަރުވީމަ ނަމާދު ކުރަން އަމުރުކުރާށޭ އަދި 10 އަހަރުވީމަ ނަމާދު ނުކޮށްފި ކަމަށްވަނީނަމަ ގަދަކަމުންނަމަވެސް ކުއްޖާލައްވާ ނަމާދު ކުރުވާށޭ. އެހެންވީމާ އެޔަށް ޤިޔާސް ކުރައްވާފަ ޢިލްމުވެރިން ވިދާޅުވަނީ ރޯދަހިފުންވެސް ހަމަ އެގޮތަށޭ އޮންނާނީ ކުއްޖާގެ ޢުމުރުން 7 އަހަރުވީމަ ދެން ރޯދަ ހިފުވަން ފައްޓާށޭ އަދި ކޮންމެދުވަހަކު ރޯދަ ޔަށް ނުބޭތިއްބި ކަމުގައިވީނަމަވެސް ކޮންމެސްވަރަކަށް ރޯދަ ހިފުވަން ފަށާށޭ. 10 އަހަރު ވީމަ ބޮޑަށް މަސައްކަތް ކުރާށޭ، ކުރީއަހަރު ތަކަށްވުރެން ތަންކޮޅެއް ގިނައިން އެކުއްޖާ ލައްވާ ރޯދަހިފުވަން.   

އޭރުން އިރާދަކުރެއްވިއްޔާ ބާލިޣުވާ ޢުމުރަށް ދާއިރު ކުއްޖާ ހުންނާނީ ރޯދަހިފަން އާދަކުރެވިފަ. އެހެންވީމާ އެގޮތަށް  އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކޮށްފި ކަމަށްވަނީނަމަ إنْشَاء الله  އަޅުގަނޑުމެނަށް ފަހުންވެސް އެކަމުގެ އުޖާލާކަން ފެންނާނެ. 

އެހެންނަމަވެސް އަޅުގަނޑުމެންނަށް ފުރިހަމަ ގޮތުގާ ކުދިންގެ ޅަޢުމުރުގާ އެކުދިންނަށް ދޭންވާ ފުރިހަމަ ތަރުބިއްޔަތު ނުދެވިއްޖެކަމަށް ވަނީނަމަ އޭގެ ދެރަކަން އޭގެ ހިތާމަ އަޅުގަނޑުމެންނަށް ފަހުންވެސް ކުރަން ޖެހިދާނެ.  

އަޅުގަނޑުމެން ބައެއްމީހުން ބުނޭ ކިތަންމެ ވަރަކަށް ނަމާދު ކުރަން ބުނިކަމުގައިވީނަމަވެސް އެކުއްޖާ ނަމާދެއް ނުކުރޭ، ރޯދައެއް ނުހިފައޭ، ކުއްޖާއަށް ރޯދަހިފަން އާދަކުރަންޖެހޭ ޢުމުރުގާ އެކުއްޖާ ލައްވާ ރޯދަހިފުވަން ނުވާތީ އަދި މައިންބަފައިންނަށް ކިޔަމަންތެރި ވުމަކީ ކިހާވަރެއްގެ މުހިންމުކަމެއްކަން ވެސް ކުއްޖާޔަށް ޅަޢުމުރުގާ ވިސްނާދެވިފާ ނުވާތީވެ އެހެންވެގެން އެގޮތަށް އެކަން އެވަނީ. 

އެހެންވީމާ އެހެންވިޔަ ނުދިނުމަށްޓަކާ ހިތާމަ ކުރުމަކުން ފައިދާއެއް ނުކުރާނެ. ވަގުތު އައުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ އެކަމަށްޓަކައި ފިޔަވަޅު އަޅަން އެކަމަށް އަޅުގަނޑުމެން ފިޔަވަޅު އަޅައިފި ކަމަށްވަނީނަމަ ﷲގެ ރަޙްމަތާއެކު އިންޝާﷲ އަޅުގަނޑުމެނަށް ކާމިޔާބު ލިބޭނެ. އިން ޝާ ﷲ

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން