މީހަކު ކަމެއް ކޮށްދީފިނަމަ ޝުކުރުވެރިވަމުއެވެ. ހެވިފައި ހުރެގެން 2،3 ފަހަރު ޝުކުރިއްޔާއެވެ. ބުނެފިނަމަ އެމީހަކު ހުންނާނީ އުފަލުންނެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ހިނގަނީ މުޅިން ތަފާތު ގޮތަކަށެވެ. ފުރަތަމަ ކަމަކީ ޝުކުރިއްޔާއެވެ ކިތަންމެ ގިނައިން ބުނުމަކުން އަދި ނުފުދޭކަމެވެ. ޝުކުރުވެރިވާކަން އަމަލުން ދައްކަން ޖެހެއެވެ. އަމަލުން ދައްކަން ކުރަން ޖެހޭ ފުރަތަމަކަމަކީ ފަރުޟު 5 ނަމާދު ފުރިހަމައަށް ކުރަމުން ގެންދިއުމެވެ.
ހަމައެޢާއިއެކު މީހަކަށް ޝުކުރުވެރިވުމުން އެމީހަކު ވެސް ޝުކުރިއްޔާއެވެ. ބުނާ ހިސާބުން އެކަން އޮންނަނީ ނިމިފައެވެ. ނަމަވެސް ﷲ ތަޢާލާގެ ހަޟްރަތުގައި އެކަންވެސް ތަފާތެވެ. މީހަކު ﷲ ތަޢާލާއަށް ޝުކުރުވެރިވެއްޖެ ނަމަ އެމީހަކަށްޓަކައި އެތައް ގިނަ ނިޢްމަތްތަކެއް މިންވަރު ކުރައްވަވަތެވެ.
މިކަންކަން އެންމެންނަށް އެނގޭއިރުވެސް ބައެއް މީހުން ބުނާ ގޮތުން އެމީހުންނަށް ފަރުޟު 5 ނަމާދު ނުކުރެވެނީ، ޚާއްޞަކޮށް ޖަމާއަތަށް ނަމާދަށް ނުދެވެނީ ހަމަ "ބިޒީ" ކަމުންނެވެ. އެފަދައިން ބުނާ ކޮންމެ މީހަކާއިވެސް ކުރަން އޮތް ސުވާލަކީ އެހައި "ބިޒީވެގެން" ތެޅި ފޮޅޭތީ ކުރަން އުޅޭ ހުރިހާ ކަމެއް ކުރެވިއްޖެ ހެއްޔެވެ؟ ދުނިޔެއިން ޙާޞިލުކުރަން ބޭނުންވެގެން ތިއަ އުޅޭ ހުރިހާ އުފާތަކެއް ޙާޞިލުކުރެވިއްޖެ ހެއްޔެވެ؟
ޖަވާބުގައި އާނއެކެވެ ބުނެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ހަމަ އެކަކުވެސް އެބަހުރި ހެއްޔެވެ؟ ނެތް ކަމާއި ނުހުންނާނެކަން ކަށްވަރެވެ. އެއީ ދުނިޔެ ޙާޞިލުކުރަން ބޭނުންވެގެން އުޅޭ އެއްވެސް މީހެއްގެ ހިތް ނުފުރޭނެތީއެވެ.
--މުފްތީ މެންކުގެ ދަރުސަކުން