ހިތުން އޯގާތެރިކަން ފިލައި ހަރުކަށިވާ އެންމެ ބޮޑު ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ހިތުން އޯގާތެރިކަން ފިލައި ހަރުކަށިވާ އެންމެ ބޮޑު
ސަބަބު-

 

ކުރިން ހިތް ހެޔޮ އޯގާތެރި ބައެއް މީހުން މަޑުމަޑުން ގޮސް ހަރުކަށި މީހުންނަށް ބަދަލުވެއެވެ. ގިނަ ފަހަރު އެބަދަލު ތިމާއަށް އަންނަކަން އިޙްޞާޞްވެސް ނުކުރެވޭނެއެވެ. އެގޮތަށް އެކަން މެދުވެރިވާ އެންމެ ޢާންމު ސަބަބަކީ ފާފަކުރެވުމެވެ. ހަމަ އެއާއިއެކު ނުބައި އެކުވެރިން އިޚްތިޔާރު ކުރެވުމެވެ.

މިބުނި ދެކަންތައް އެމީހެއްގެ ކިބައިގައި ހުރެއްޖެނަމަ އިސާހިތަކު އޭނާގެ ހިތަކީ ހިލަ ހިތަކަށް ބަދަލުވެދާނެއެވެ. އެއިރުން ކުރިން އޮތް މަޑުމައިތިރިކަން ގެއްލި ހަރު ހިލަ ހިތެއް ލިބިފައިވާ މީހަކަށް ބަދަލުވެދާނެއެވެ. އެއީ ވަރަށް ބިރުހުރި ކަމެކެވެ.

ﷲ ތައާލާގެ ކުޅަދުންވަންތަކަމާ ދީލަތިވަންތަކަމުގެ ހެކިތައް ކިތަންމެ ގިނައިން ފެނުނު ނަމަވެސް އެކަމުން އެއްވެސް އަސަރެއް ނުކުރާ މީހުން ވަރަށް ގިނަވެގެން މިއުޅޭ ސަބަބަކީ އެމީހުންނަށް ކުރެވޭ ނުބައި އަމަލުތަކުގެ ސަބަބުން ހިތް ހަރުވެ ހިލަވެފައިވުމެވެ.  

ކިތަންމެ ތޫނު ވަޅިއެއް ހަރަން އުޅުނު ނަމަވެސް ހިލަގަނޑަކަށް ނުހެރޭނެއެވެ. ހަމަ އެފަދައިން ހިތް ހިލަވުމުން ހަމަ އެ މައްސަލަތައް ކުރިމަތިވާނެއެވެ. ބަނގީގެ އަޑެއް ނުއިވޭނެއެވެ. ކީރިތި ޤްރްއާނުގެ އަޑެއް ނުއިވޭނެއެވެ. ދީނީ ދަރުސްތަކުގެ އަޑެއްވެސް ނުއިވޭނެއެވެ. އަޑެއް ނުއިވޭނެ ކަމަށް މިބުނަނީ ކަންފަތަށް އެއަޑުތައް އިވުނަސް އެއިން އެއްވެސް ކަމަކުން އެމީހަކަށް އެއްވެސް އަސަރެއް ނުކުރާނެވާހަކައެވެ.  

ޙަޤީޤަތުގައި މިއީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ނުރައކައުތެރި ޙާލަތެވެ. މިޙާލަތަށް ކޮންމެ މީހަކުވެސް ވއްޓިގަންނަނީ ހަމަ އެމީހަކު އަމިއްލައަށެވެ. ކޮންމެ މީހަކުވެސް ބާލިޣްވެ ދުނިޔެތެރެއަށް ނުކުންނައިރު އެމީހެއްގެ ހިތަކީ ޠާހިރު އެއްޗެކެވެ. ހިތް ނަޖިސްވެ ކުނިވެ އަދި ހިލަގަނޑަކަށް ބަދަލުބވެގެންދަނީ އެމީހަކު އަމިއްލައަށް ކުރާ ކަންތައްތަކުގެ ސަބަބުންނެވެ.  

ތިމާއަށް މިހާލު ޖެހެން ބޭނުންނުވާނަމަ ފުރަތަމަ ކަމެއްގެ ގޮތުންވެސް އިސްކަންދޭން ޖެހޭ ކަމަކީ ގިނަގިނައިން ތައުބާވުމެވެ. ކުށެއް ނުވަތަ ފާފައެއް ކުރެވުނު ނަމަވެސް އެކަމަކަށް ހިތާމަކުރުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމެވެ. އެކަންކަން ނުކޮށް ހުންނަނަމަ ހިތަށް ދާނީ މި ބުނި ފަދައިން ބަދަލުތައް އަންނަމުންނެވެ. ބަދަލުތައް އަންނަވަރަކަށް ހިތް ހިލަވަމުން ގޮސް ކުރިން މިބުނިހިސާބަށް ދާނެއެވެ. އެހިސާބުން ޙާލަތު ބަދަލުކުރުން ގިނަ ފަހަރަށް އޮންނަނީ ފަސޫހަ ކަމކަށް ނުވެފައެވެ.

ހަމަ އެއާއިއެކު ނުބައި އެކުވެރިންނާއި ދުރުހެލިވާށެވެ! ނުބައި އެކުވެރިންނާއިއެކުގައި އުޅެވޭނަމަ އެކަމުގެ ނުބައި އަސަރު އެމީހަކަށް ކުރާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވުން ކުޑަވެވި ފާފަތަކަށް އަރައިގެވުން ގިންވާނެއެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން