ގިނަ މައިންބަފައިން އެމީހުންގެ މުޅި އުމުރު ހޭދަކޮށްލަނީ ދަރިންނަށް ދުނިޔޭގައި ރަނގަޅު ގޮތްތައް ހޯދައިދޭށެވެ. ބޮޑުއަގުދީފައި ބިންގަނެ ބޮޑެތި ގެތައް އަޅައިދީ ގޭގެކަންކަން އެންމެ ޒަމާނީ ފެންވަރަށް ފުރިހަމަކޮށްދޭއިރު އެންމެ ބޮޑު ހިތާމައަކީ އެންމެ ކުޑަމިނުން ނަމާދުކުރަންވެސް ކުދިން އާދަނުކުރެވޭކަމެވެ.
ބުއްދިވެރި މައިންބަފައިންނަކީ ކިތަންމެ ބޮޑު ހޭދައެއްކޮށް، ކިތަންމެ ބޮޑު ޤުރްބާނީއެއް ވެގެން ނަމަވެސް މަރުވުމަށްފަހު ދެން އޮތް ޙަޔާތް ބާއްޖަވެރިކޮށްދޭން މަސައްކަތްކުރުން ނޫންތޯއެވެ؟
ޝައިޚުގެ މި ބަސްފުޅަށް ވިސްނަވާލައްވާށެވެ!
"މައިންބަފައިން މަރުވެދާ ދުވަހު ދަރިންނަށް ވެދާނެ ގޮތަކާއިމެދު ފިކުރުކޮށް ދަރިންނަށް ކަންކަން ފަހިކޮށްދެވޭތޯ މައިންބަފައިން ގަދައަޅާ މަސައްކަތްކުރެއެވެ. ނަމަވެސް އެދަރިން މަރުވެދާ ދުވަހު ބަރުޒަޚުގެ ޙަޔާތާއި، އުޚްރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމީ ހިތާމައެކެވެ." ޝައިޚް އަޙްމަދު ރިމާޒް
މިއީ ޝައިޚް ވިދާޅުވެފައިވާ އެންމެ 2 ޖުމުލައިގެ ބަސްކޮޅެއް ނަމަވެސް ވަރަށް ގިނަ ވާހަކަތައް މި 2 ޖުމުލައިގައި ހިމެނިގެންވެއެވެ.