ޢާއިޝަތު ރަފާޙް ޢަލީ
ތިބާގެ ހިތުގެ ލޯތްބާއި ލޯބިވާންޖެހޭ މަގު އަދި ލޯބިވާންޖެހޭ ފަރާތްތަކާއި ލޯބިވާންޖެހޭ މިންވަރު ތަރުތީބުކޮށްލަމާ ހިނގާށެވެ! ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ ދެރައެއް ދިނުމުން ކުރަންޖެހޭ ހިތާމަނުކޮށް ސަލާމަތްވެވޭނީ އެއިރުންނެވެ.
ލޯބިވުމުގައި އެންމެ އިސްކުރަންއަންގަވާފައި އޮތީ ﷲ ތަޢާލާއާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެކެ ވާ ލޯތްބެވެ. ވީމާ އެލޯބިވުން އެހެން ހުރިހާ ކަމަކަށްވުރެ އިސްކުރަން ޖެހެއެވެ.
ﷲ ތަޢާލާ ތައުބާ ސޫރަތުގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ ﴿٢٤﴾
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، أخ ންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) اللَّه އާއި، އެކަލާނގެ رسول އާއާއި، އެކަލާނގެ މަގުގައި جهاد ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! فاسق ވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. (24)"
ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ.
(مَنْ أَحَبَّ لِله، وَأَبْغَضَ للهِ، وَأَعْطَى لِله، وَمَنَعَ للهِ، فَقَدِ اسْتَكْمَلَ الإِيْمَانَ)
މާނައީ: “ﷲ އަށްޓަކައި ލޯބިވެ، އަދި ﷲ އަށްޓަކައި ރުޅިއަރައި، އަދި ﷲ އަށްޓަކައި ދީ، އަދި ﷲ އަށްޓަކައި ހިފަހައްޓައިފި މީހަކު، ހަމަކަށަވަރުން އީމާންކަން ފުރިހަމަކޮށްފިއެވެ.”
ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ.
ثَلَاثٌ مَن كُنَّ فيه وجَدَ حَلَاوَةَ الإيمَانِ: أنْ يَكونَ اللَّهُ ورَسولُهُ أحَبَّ إلَيْهِ ممَّا سِوَاهُمَا، وأَنْ يُحِبَّ المَرْءَ لا يُحِبُّهُ إلَّا لِلَّهِ، وأَنْ يَكْرَهَ أنْ يَعُودَ في الكُفْرِ كما يَكْرَهُ أنْ يُقْذَفَ في النَّارِ.
މާނައީ: ތިންކަމެއް އެމީހެއްގެ ކިބައިގައި ވާނަމަ، އީމާންކަމުގެ ފޮނިކަން އެމީހަކަށް އިޙްސާސްވެއެވެ. އެއީ ﷲ އާއި އެލާހުގެ ރަސޫލާ، އެމީހެއްގެ ގާތުގައި އެހެން ހުރިހާ އެއްޗަކަށްވުރެ ލޮބުވެތިކަން ބޮޑުވެގެންވުމެވެ. އަދި މީހަކުދެކެ ލޯބިވާއިރު ހަމައެކަނި ﷲ އަށްޓަކައި އެމީހަކުދެކެ ލޯބިވުމެވެ. އަދި އޭނާ ކުފުރުން ސަލާމަތްކޮށްދެއްވުމުން އަލުން އަނބުރާ އެކަމަށް އެނބުރި ދިއުމަށް ނުރުހުންތެރިވުމެވެ. އެއީ އަލިފާނަށް އެއްލާލުމަށް އޭނާ ނުރުހުންތެރިވާ ފަދައިންނެވެ.