އެބޮޑު އުހުދުފަރުބަދަ ތެޅިގަތް ޙާދިސާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 27ސ
އެބޮޑު އުހުދުފަރުބަދަ ތެޅިގަތް ޙާދިސާގެ ވާހަކަ-

ޢުމަރު رضي الله عنه އަވަހާރަވާނީ ޝަހީދެއްގެ ގޮތުގައިކަމުގެ ޚަބަރު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނަށް ދެއްވިއެވެ. އަނަސް ބުން މާލިކުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނު އުޙުދު ފަރުބަދައަށް އަރާވަޑައިގެންނެވިއެވެ. އެހިނދު އުޙުދު ފަރުބަތަ ތެޅެން ފެށިއެވެ. ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. 

«اثْبُتْ أُحُد فَإِنَّمَا عَلَيْكَ نَبِيٌّ، وَصِدِّيقٌ، وَشَهِيدَانِ»  

މާނައީ: "އުޙުދެވެ. މަޑުން އޮންނާށެވެ. ފަހެ، ހަމަކަށަވަރުން ތިބާގެ މަތީގައި ތިއްބެވީ ނަބިއްޔަކާއި ޞިއްދީޤަކާއި ދެ ޝަހީދުންނެވެ."

(ނަބިއްޔަކީ ރަސޫލް އެވެ. ޞިއްދީޤަކީ އަބޫބަކުރުގެފާނެވެ. ދެ ޝަހީދުންނަކީ ޢުމަރުގެފާނާއި ޢުޘްމާންގެފާނެވެ. އެހެންކަމުން މިއީ އެ ދެ ބޭކަލުން ޝަހީދުވެވަޑައިގަންނަވާނެކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅެކެވެ. އެކަންވީވެސް ހަމަ އެފަދައިންނެވެ.)  

ޢުމަރުގެފަނުގެ މާތްކަމާ ބެހޭގޮތުން ވާރިދުވެގެން އައިސްފައިވާ ބައެއް ޙަދީޘްތައް 

އިސްވެ ބަޔާންވެދިޔަ ކަންކަމުގެ އިތުރުންވެސް ޢުމަރު رضي الله عنه ގެ މާތްކަމާއި އެކަލޭގެފާނުގެ ކިބައިގައިވާ ފާހަގަކޮށްލެވޭ ޞިފަފުޅުތަކާ ބެހޭގޮތުން ވަރަށް ގިނަ ޙަދީޘްތައް އައިސްފައިވެއެވެ. އެފަދަ ޞިފަފުޅުތަކުގެ ތެރޭގައި ބާރުގަދަކަމާއި، އީމާންތެރިކަމާއި، ހައިބަތާއި، ޢިލްމުގެ ތަނަވަސްކަމާއި، ޣީރަތްތެރިކަމާ އަދި ރައުޔުގެ ފުރިހަމަކަން ހިމެނެއެވެ. 

ހ. އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު އެއްސެވީމެވެ. 

«بَيْنَا أَنَا نَائِمٌ رَأَيْتُ النَّاسَ عُرِضُوا عَلَيَّ، وَعَلَيْهِمْ قُمُصٌ، فَمِنْهَا مَا يَبْلُغُ الثَّدْيَ، وَمِنْهَا مَا يَبْلُغُ دُونَ ذَلِكَ، وَعُرِضَ عَلَيَّ عُمَرُ وَعَلَيْهِ قَمِيصٌ اجْتَرَّهُ»، قَالُوا: فَمَا أَوَّلْتَهُ يَا رَسُولَ اللَّهِ قَالَ: «الدِّينَ» 

މާނައީ: "ތިމަންކަލޭގެފާނު އަވަހާރަފުޅު ލައްޕަވާފައިވަނިކޮށް، ހުވަފެނުގައި ތިމަންކަލޭގެފާނަށް މީސްތަކުން ހުށަހެޅުނެވެ. އެބައިމީހުން ތިބީ ޖުއްބާ ލައިގެންނެވެ. ފަހެ، އޭގެ ތެރޭގައި އެބައިމީހުންގެ ޖުއްބާ ކިރިޔާ މެއާ ހަމައަށް ފޯރާ މީހުން ތިއްބެވެ. އަދި އެއަށްވުރެ ތިރިއަށް ހުރި މީހުންވެސް ތިއްބެވެ. އަދި ތިމަންކަލޭގެފާނަށް ޢުމަރުގެފާނު ހުށަހެޅުނެވެ. އެކަލޭގެފާނުގެ ޖުއްބާ ދިގުކަމުން ދެމެމުން ދެއެވެ." މީސްތަކުން ދެންނެވިއެވެ. "ފަހެ، ކަލޭގެފާނު އެ ތަޢުބީރު ކުރައްވަނީ ކިހިނެތް ހެއްޔެވެ؟ އޭ ﷲ ގެ ރަސޫލާއެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ދީންވެރިކަމެވެ. (އެބަހީ: ދީންވެރިކަމުގެ ފުރިހަމަކަމަށެވެ.)" 

ށ. އެކަލޭގެފާނުގެ ހައިބަތާއި ޝަޚްޞިއްޔަތުގެ ވަރުގަދަކަމުގެ ސަބަބުން ޝައިޠާނާވެސް އެކަލޭގެފާނުދެކެ ބިރުން ފިލައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«وَالَّذِي نَفْسِي بِيَدِهِ، مَا لَقِيَكَ الشَّيْطَانُ سَالِكًا فَجًّا إِلَّا سَلَكَ فَجًّا غَيْرَ فَجِّكَ»   

މާނައީ: "އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ ފަރާތް ގަންދެއްވަމެވެ. ޝައިޠާނާއަށް ކަލޭގެފާނާ މަގަކުން ވަޑައިގަންނަވަނިކޮށް ބައްދަލުވެއްޖެނަމަ، އޭތި ކަލޭގެފާނު ވަޑައިގަންނަވާ މަގު ނޫން އެހެން މަގަކަށް ދެއެވެ."   

ނ. ޢުމަރު رضي الله عنه އަކީ ޢިލްމުގެ ތަނަވަސްކަމާއި ފިޤުހުވެރިކަމުގައި ފާހަގަކޮށްލެވޭ ބޭކަލެކެވެ. އެކަލޭގެފާނުވަނީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން 537 ޙަދީޘް ރިވާކުރައްވާފައެވެ.  އެކަލޭގެފާނުގެ ޢިލްމުގެ ތަނަވަސްކަމަށް އިޝާރާތްކުރައްވާ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«بَيْنَا أَنَا نَائِمٌ، شَرِبْتُ، يَعْنِي، اللَّبَنَ حَتَّى أَنْظُرَ إِلَى الرِّيِّ يَجْرِي فِي ظُفُرِي أَوْ فِي أَظْفَارِي، ثُمَّ نَاوَلْتُ عُمَرَ» فَقَالُوا: فَمَا أَوَّلْتَهُ؟ قَالَ: «العِلْمَ»  

މާނައީ: "ތިމަންކަލޭގެފާނު ކިރުފޮދެއް ހިއްޕަވަނިކޮށް ހުވަފެންފުޅުގައި ފެނިވަޑައިގަތެވެ. އޭގެ ސަބަބުން ބަނޑު ފުރި، ތިމަންކަލޭގެފާނުގެ ނިޔަފަތިފުޅަކާ ހަމައަށް ނުވަތަ ނިޔަފަތިފުޅާ ހަމައަށް އޭގެ އަސަރު ވާސިލުވާތަން ފެނިވަޑައިގަތެވެ. އެއަށްފަހުގައި ޢުމަރުގެފާނަށް އެ ދެއްވީމެވެ. ފަހެ (އަރިހުގައި ތިއްބެވި) ބޭކަލުން ދެންނެވިއެވެ. އެ ހުވަފެނުގެ ތައުވީލަކީ ކޮބާ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ޢިލްމެވެ." 

ރ. ޢުމަރުގެފާނަކީ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާމެދު ނުހަނު ޣީރަތްތެރިވެވެޑައިގެންނެވި ބޭކަލެކެވެ. އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އެބޭކަލުން ތިއްބަވަނިކޮށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 

«بَيْنَا أَنَا نَائِمٌ رَأَيْتُنِي فِي الجَنَّةِ، فَإِذَا امْرَأَةٌ تَتَوَضَّأُ إِلَى جَانِبِ قَصْرٍ فَقُلْتُ: لِمَنْ هَذَا القَصْرُ؟ فَقَالُوا: لِعُمَرَ بْنِ الخَطَّابِ فَذَكَرْتُ غَيْرَتَهُ فَوَلَّيْتُ مُدْبِرًا» ، فَبَكَى عُمَرُ وَقَالَ: أَعَلَيْكَ أَغَارُ يَا رَسُولَ اللَّهِ”.  

މާނައީ: "ތިމަންކަލޭގެފާނު ސުވަރުގޭގައި ވަނިކޮށް ހުވަފެންފުޅުގައި ފެނިވަޑައިގަތެވެ. ފަހެ ގަނޑުވަރެއް ކައިރީގައި އަންހެން ކަނބަލަކު ވުޟޫ ކުރަނިކޮށް ފެނިވަޑައިގަތެވެ. ފަހެ ތިމަންކަލޭގެފާނު ޙަދީޘްކުރެއްވީމެވެ. މިއީ ކޮން ބޭކަލެއްގެ ގަނޑުވަރު ހެއްޔެވެ؟ ފަހެ އެބޭކަލުން ދެންނެވިއެވެ. ޢުމަރު ބުން އަލްޚައްޠާބުގެ އެވެ. އެހިނދު ޢުމަރުގެފާނުގެ ޣީރަތްތެރިކަން  ހަނދުމަވެ، ފުރަގަސްދީފައި ތިމަންކަލޭގެފާނު ވަޑައިގަތީމެވެ. ފަހެ އެކަމާ ޢުމަރުގެފާނު ކީރިތި ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ކަލޭގެފާނާ މެދުވެސް ތިމަން ޣީރަތްތެރިވާނެ ހެއްޔެވެ!" 

ބ. ބިއުރު އަރީސްގެ ކައިރީގައި ހުންނަވަނިކޮށް ނަބިއްޔާ صلى الله عليه وسلم ޢުމަރުގެފާނަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރުދެއްވިއެވެ. އަބޫ މޫސާ އަލްއަޝްޢަރީ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ ބިއުރު އަރީސްގެ ކައިރީގައި ވުޟޫކުރައްވަން ހުންނަވަނިކޮށް ޢުމަރުގެފާނު ވަޑައިގެން އެތެރެއަށް ވަނުމުގެ ހުއްދައަށް އެދުނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«ائْذَنْ لَهُ وَبَشِّرْهُ بِالْجَنَّةِ»  

މާނައީ: "އެކަލޭގެފާނަށް ހުއްދަދެއްވާށެވެ. އަދި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރުދެއްވާށެވެ."

 

- އަލް އުޚްތު އުންމު ޢަބްދިﷲ

މިއަދު އޮންލައިން