ސުވަރުގޭގައިވެސް އަދި ނަރަކައިގައިވެސް ކޮންމެ މީހަކަށްވެސް ޖާގައެއް ވެއެވެ. މަރުވެ ވަޅުލެވުމުން އެ 2 ޖާގަވެސް ދައްކަވާނެތެވެ. ސުވަރުގެއިން ޖާގަނުހޯދުނު މީހުން އެންމެ ދެރަވާނީ އެވަޤުތުއެވެ. ސުވަރުގެއިން އޭނާއަށް ހުރި ޖާގަ ދެއްކެވުމުންނެވެ. އެމަތިވެރި ނިޢުމަތްތައް ލިބިނުގަނެވުނީތީއެވެ.
ޢިލްމްވެރިން އެންމެ ގިނައިން ހަނދުމަކޮށްދެއްވަވާ ކަމަކީ ތަޤްވާވެރިވުމެވެ. އެއީ ސުވަރުގެ ލިބެން އޮތީ ތަޤްވާވެރިވެގެންކަމަށްވާތީއެވެ.
"ތިޔަބައިމީހުން މާތް الله އަށް تَقْوَى ވެރި ވާށެވެ! އެނބުރި ރުޖޫޢަވާންޖެހޭ ދުވަހުގެ ދަތުރަށް ލިބިގެންވާ އެންމެ ރަނގަޅު ކޮއްތަކީ تَقْوَى ވެރިކަން ކަމުގައި ތިޔަބައިމީހުން ދަންނާށެވެ! تَقْوَى ވެރިވުމަށް އަވަސްވެގަންނާށެވެ!
މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حَضْرَةُ ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައި ވަނީ، تَقْوَىވެރިންނަށެވެ."
ތަޤްވާވެރިވުމަށް މަސައްކަތްކުރާށެވެ! ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ! އެއިރުން ތިބާ ހިމެނިގެންދާނީ ތަޤްވާވެރިންގެ ތެރެއިންނެވެ. ސުވަރުގެ ޙައްޤުވާ އަޅުންގެތެރެއިންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން