މަރްޔަމް ސާޖިދާ
"ޕޮކެޓް އޮފް ޓައިމް" އަކީ ކޮބައިކަން އިނގޭތަ؟
ދުނިޔޭގެ ދިރިއުޅުމުގެ ބުރަކަމުގެ ތެރޭގައި އަޅުގަނޑުމެންގެ ގިނަބައަކު އެންމެ ގިނައިން ކުރާ އެއް ޝަކުވާ އަކީ، "ވަޤުތު ނެތުމުގެ" ޝަކުވާއެވެ. ނަމަވެސް އަޅުގަނޑުމެންގެ ދުވަހުގެ ތަރުތީބަށް ފުންކޮށް ވިސްނާ ބަލާލައިފިނަމަ، ކުރާ މަސައްކަތްތަކުގެ ދެމެދުގައި ބޭކާރުވެގެންދާ އެތައް މިނިޓެއް ފެންނާނެއެވެ. އިނގެރޭސި ބަހުން ކިޔާގޮތުން ނަމަ، "ޕޮކެޓް އޮފް ޓައިމް"އެވެ.
ވަޤުތަކީ އަމާނާތެއް:
ވަގުތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރަމެންނަށް ދެއްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. " ދެ ނިޢުމަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމުގައި ގިނަ މީހުން ވަނީ ޣާފިލުވެގެންނެވެ. އެއީ ސިއްޙަތާއި ހުސް ވަޤުތެވެ." (ޞަޙީޙް ބުޚާރީ). އެހެންކަމުން، ލިބޭ ކޮންމެ ސިކުންތަކީ ވެސް އެއާއި މެދު ޤިޔާމަތް ދުވަހު ސުވާލުކުރެއްވެވޭނެ އެއްޗެކެވެ.
އިސްލާމީ ތާރީޚުން ފެންނަން އޮތް ރީތި ނަމޫނާ:
އިސްލާމީ ތާރީޚުގެ ބޮޑެތި ޢިލްމުވެރިންނަކީ މިފަދަ ކުދި ވަޤުތުކޮޅުތަކުގެ ބޭނުން ހިފުމުގެ ލާމަސީލު މިސާލުތަކެކެވެ. މިގޮތުން އިމާމް އިބްނުލް ޖައުޒީ އެކަލޭގެފާނުގެ ފޮތް، " ޞައިދުލް ޚާޠިރު" ގައި ލިޔުއްވާފައިވާ ގޮތުގައި، މީހުން ޒިޔާރަތްކޮށް، ޢިލްމީ ނޫން ވާހަކަދައްކަން ތިބޭ ވަޤުތުތަކުގައި، އެކަލޭގެފާނު އިންނަވަނީ، ގަލަން ތޫނު ކުރެއްވުމާއި، ކަރުދާސް ކަފާ ތަރުތީބުކުރުން ފަދަ އާދައިގެ މަސައްކަތްތަކުގައެވެ. އަދި އެއީ އެކަލޭގެފާނުގެ ވަޤުތުން ހިނދުކޮޅެއްވެސް ބޭކާރުވެގެން ދިޔަ ނުދިނުމަށް ކަމަށް ވިދާޅުވެފައިވެއެވެ.
ކުޑަ ވަޤުތުކޮޅުތައް އުފެއްދުންތެރި ކުރާނީ ކިހިނެއް؟
ޛިކުރުކުރުން : ބަހަށް، ފެރީއަށް، ކިޔޫއެއްގައި މަޑުކޮށްލައިގެން ހުންނަ 5 މިނިޓެއްހައި އިރުގެ ކުޑަކުޑަ ވަޤުތުކޮޅަށް ބެލިނަމަވެސް އެއީ އެތައް ސަތޭކަ ސަވާބެއް ހޯދިދާނެ ވަޤުތުކޮޅެކެވެ. سبحان الله , أستغفر الله ފަދަ ކަލިމަތަކަކީ ދުލަށް ލުއި އެހެނަސް މީޒާނުގައި ބަރު ކަލިމަތެކެކެވެ.
ޢިލްމު އުނގެނުން: ބަހުގައި ދަތުރުކޮށްފައި ދާ ވަޤުތު ނުވަތަ، ކިޔުގައި މަޑުކޮށްލައިގެން ހުންނަ ވަޤުތު، ސޯޝަލް މީޑިއާގެ މަންސަތަކުގައި ވަޤުތު ހޭދަކުރުމުގެ ބަދަލުގައި، ކުރު އާރޓިކަލްއެއް ކިޔާލުން ނުވަތަ ދީނީ ދަރުހެއް އަޑުއަހާލުމަށް ނުވަތަ ލިޔެފައިވާ ލިޔުމެއްގެ ކުށްފިލުވާލުމަށް އެވަޤުތުކޮޅުގެ ބޭނުން ހިފާށެވެ.
ޤުރުއާން މުރާޖަޢާ ކުރުން: ހިތު ދަސްކޮށްފައިވާ ސޫރަތެއް ނުވަތަ ސޫރަތްތައް، ހިނގާފައި ނުވަތަ ދުށްވާފައިދާއިރު، ކިޔާލުމަކީ ޘަވާބު ހޯދުމަށް އޮތް ފަސޭހަ ގޮތެކެވެ. މިއީ ހިތުދަސްކޮށްފައިވާ ބައިތައް ހަނދާނުގައި ބެހެއްޓުމަށް ވެސް، އެހީތެރިވެދޭނެ ކަމެކެވެ.
މީގެއިތުރުންވެސް، ޚާއްޞަކޮށް ރަމަޟާން މަހު، "ޕޮކެޓް އޮފް ޓައިމް"ގެ ބޭނުން ރަގަޅު ގޮތުގައި ހިފުމަކީ، ރޯދަމަހުގެ ފުރިހަމަ ޘަވާބާއި ދަރުމަ ހޯދުމަށް އޮތް ނުހަނު ބޮޑު ފުރުޞަތެކެވެ. ހަމައެހެންމެ، ކިޔަވާކުދިންނާއި އަދި އެނޫން މީހުންވެސް، މިގޮތަށް ލިބޭ ކުދި ހުސް ވަޤުތުކޮޅުތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފުމަކީ އޭގެ ފައިދާ ހީވެސް ނުކުރާ ފަދައިން ފެންނާނެ ކަމެކެވެ.
ވަޤުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ދުވަހުގެތެރޭގައި ބޭކާރުވެގެންދާ 5 ނުވަތަ 10 މިނިޓްގެ "ޕޮކެޓް" ތައް ހެޔޮ ޢަމަލުތަކުން ފުރާލުމަކީ އާޚިރަތް ބާއްޖަވެރިކުރުމަށް އޮތް ރަނުގެ ފުރުޞަތެކެވެ. އަޅުގަނޑުމެންނަކީ ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން.