ޢަލީ އިޙްޞާން ފިރާޤް
أيُّوبُ عليه السّلام ގެ އަނބިކަނބަލުންގެ ވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެކަމަނާ އެންމެ ޚާއްޞަ އެއް ސިފައަކީ އައްޔޫބުގެފާނުގެ އިމްތިހާނުގެ ދައުރުގައި ސާބިތުވެވަޑައިގެން އައްޔޫބުގެފާނަށް އެހީތެރިވެދެއްވުމަށްޓަކައި ދެމިއިންނެވުމެވެ.
ކީރިތި ޤުރްއާނުގައި أيُّوبُ عليه السّلام އަށް ޖެހިވަޑައިގެންނެވި އިމްތިޙާނުގެ ވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. އަންބިޔާއު ސޫރަތުގެ 83 ވަނަ އާޔަތުގައި أيّوب عليه السّلام ގެ ޙާލުކޮޅުގެ ވާހަކަ ޙިކާޔަތުގެ ގޮތުން ވަޙީ ކުރައްވަނީ މިދަންނަވާ އިބާރާތުންނެވެ.
وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ ﴿٨٣﴾
މާނައީ: "އަދި أيوب ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ."
سورة ص ގެ 41 ވަނަ އާޔަތުގައި އައްޔޫބުގެފާނަށް ޖެހިވަޑައިގެންނެވި އިމްތިޙާނުގެ ވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَاذْكُرْ عَبْدَنَا أَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ ﴿٤١﴾
މާނައީ: "ތިމަންރަސްކަލާނގެ އަޅު أيـّوب ގެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطان އާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ."
ދެން މިބަލައިލަނީ، الحافظ ابن كثير އެކަލޭގެފާނު ލިޔުއްވި ތަފްސީރުގައި أيّوب عليه السّلام ގެ އިމްތިޙާނުގެ ދައުރު ސިފަ ކުރައްވައިފައިވާ ގޮތަށެވެ. އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ.
" أيّوب عليه السّلام އަކީ ވަރަށް މުއްސަނދި ބޭފުޅެކެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ދިރޭމުދަލާއި ދަނޑުގޮވާމުގެ ބާވަތްތަކާއި ބޮޑެތި ބޮޑެތި ގެތަށް ހުއްޓެވެ. އެކަލޭގެފާނަށް ވަރަށް ގިނަ ދަރިދަރިކައުކަނބަލުން ލިބިވަޑައިގެންފައިވެއެވެ. އެކަލޭގެފާނު އިމްތިޙާނު ކުރެވުނީ މިދެންނެވި ނިޢުމަތްތަކުން މަހުރޫމު ކުރުވުމުންނެވެ.
އެކަލޭގެފާނަށް އާލާސްކަންފުޅު ޖެހިވަޑައިގެން އެކަލޭގެފާނު ހަށިކޮޅު އިމްތިޙާނަށް ހުށައެޅުނު ހިނދު، އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެންމެހައި މީސްތަކުން އެކަލޭގެފާނު ދޫކޮށް ދިޔައެވެ. އެ އިމްތިޙާނުގެ ދުވަސްވަރުގެ ތެރޭގައި أيّوب عليه السّلام އާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނެތެވެ. ބުނެވޭ ގޮތުގައި އެދުވަސްވަރު أيّوب عليه السّلام ގެ އަނބިކަނބަލުން އެކަލޭގެފާނުގެ ބޭނުންތައް ފުއްދަވައި ދެއްވުމަށްޓަކައި ގޭގެއަށް ވަޑައިގެން ނޯކަރީކަން ކުރައްވައިގެން ފައިސާ ހޯއްދަވައެވެ." {ތަފްސީރު އިބްނު ކަޘީރުގެ އިނގިރޭސި އެޑިޝަން: އަންބިޔާޢު ސޫރަތުގެ 83 ވަނަ އާޔަތުގެ ތަފްސީރު}
އައްޔޫބުގެފާނު އާލާސްކަންފުޅާ އުޅުއްވާތާ އެތައް ދުވަހެއްފަހުން އަރަހުށި މާތްﷲ އެކަލޭގެފާނުގެ ބައްޔަށް ޝިފާދެއްވިއެވެ. ކީރިތި ޤުރުއާނުގެ سورة ص ގެ 41 ވަނަ އާޔަތުން ފެށިގެން 43 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَاذْكُرْ عَبْدَنَا أَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ ﴿٤١﴾ ارْكُضْ بِرِجْلِكَ ۖهَـٰذَا مُغْتَسَلٌ بَارِدٌ وَشَرَابٌ ﴿٤٢﴾ وَوَهَبْنَا لَهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُولِي الْأَلْبَابِ﴿٤٣﴾
މާނައީ: "ތިމަންރަސްކަލާނގެ އަޅު أيـّوب ގެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطان އާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ. (އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައްޔާއި، ބުއްދީގެ أهل ވެރިންނަށްވާ عبرة އަކާއި، نصيحة އެއް ކަމުގައެވެ."
أيّوب عليه السّلام އާލާސްކަންފުޅާ އުޅުއްވި ދުވަސްވަރު އެކަލޭގެފާނުވަނީ ކޮންމެވެސް ކަމެއްގެ ސަބަބުން ހުވައެއް ކުރައްވާފައެވެ. އެކަލޭގެފާނުގެ އާލާސްކަނފުޅު ފަސޭހަފުޅުވުމުން އެކަލޭގެފާނުގެ އަނބިކަނބަލުންގެ ގައިކޮޅުގައި 100 އެތިފަހަރު ޖެއްސެވުމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި، ކީރިތި ޤުރްއާނުގެ ޞާދު ސޫރަތުގެ 44 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَخُذْ بِيَدِكَ ضِغْثًا فَاضْرِب بِّهِ وَلَا تَحْنَثْ ۗ إِنَّا وَجَدْنَاهُ صَابِرًا ۚ نِّعْمَ الْعَبْدُ ۖ إِنَّهُ أَوَّابٌ ﴿٤٤﴾
މާނައީ: "އަދި ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން (އަނބިކަނބަލުންގެ ގައިކޮޅުގައި) ޖައްސަވާށެވެ! ކަލޭގެފާނު ހުވަޔާ خلاف ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ."
انوار البیان އޭ ކިޔުނު ތަފްސީރު ފޮތުގައި ލިޔެވިގެންވެއެވެ. أيّوب عليه السّلام ގެ އާލާސްކަންފުޅުގެ ދުވަސްވަރުގައި، އެއްފަހަރަކު އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންދެކެ ކޮންމެވެސް ކަމަކާހުރެ ކޯފާވެވަޑައިގެން، އެކަމަނާގެ ގައިކޮޅުގައި ސަތޭކަ އެތި ފަހަރުން ޖެއްސެވުމަށް ހުވާ ކުރެއްވިއެވެ. އެކަލޭގެފާނު ކޯފާއިސްކުރެއްވީ ކޮންސަބަބަކާ ހުރެކަން ބަޔާން ކުރާ ވަރަށް ގިނަ ރިވާޔަތްތައް ބަޔާންވެގެންވެއެވެ. އޭގެ ތެރެއިން ހުރިހާ ރިވާޔަތްތަކީވެސް އިސްރާއިލީ ރިވާޔަތްތަކެވެ.
އޭގެ ތެރެއިން ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވެއެވެ. ޝައިޠާނާ އެއްފަހަރަކު ބޭސްވެރިއެއްގެ ސިފަޖެހިގެން أيّوب عليه السّلام ގެ އަނބިކަނބަލުންގެ އަރިހަށް ދިޔައެވެ. އެކަމަނާއަށް އޭނާ ފެނިވަޑައިގެން أيّوب عليه السّلام ގެ އާލާސްކަންފުޅު ފަސޭހަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ޝައިޠާނާ ބުނީ އޭނާ އެކަލޭގެފާނުގެ އާލާސްކަންފުޅަށް ފަރުވާ ކުރާނީ ޝަރުތެއްގެ މަތިން ކަމަށެވެ. އެއީ އެކަލޭގެފާނު އާލާސްކަންފުޅުން ފަސޭހަފުޅު ވެއްޖެނަމަ، އާލާސްކަންފުޅަށް ޝިފާ ދިނީ އެ ޝައިޠާނު ކަމުގައި ބުނުމެވެ.
އެކަމަނާ ވަޑައިގެން މިވާހަކަ أيّوب عليه السّلام އަށް ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. "ބަލިތަކަށް ޝިފާދެނީ ޝައިޠާނާއޭ ބުނަން ކަމަނާ އޭނާއާ ވަޢުދުވެވަޑައިގަތީ ހެއްޔެވެ؟. ތިމަންކަލޭގެފާނު މިބަލިން ސަލާމަތްވެވަޑައިގެންފިނަމަ، ކަމަނާގެ ގައިކޮޅުގައި ސަތޭކަ އެތިފަހަރު ޖެހުމަށް ތިމަންކަލޭގެފާނު ހުވާ ކުރައްވަމެވެ." ދެން އެކަލޭގެފާނުގެ އާލާސްކަންފުޅު ފަސޭހަފުޅުވެ، އެކަލޭގެފާނު ވެވަޑައިގެންނެވި ވަޢުދު ނުވަތަ ކުރެއްވި ހުވާ ފުއްދުމުގެ ވަގުތު ޖެހުމުން މާތްﷲ އެކަލޭގެފާނަށް ވަޙީ ކުރެއްވިއެވެ. "ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން (އަނބިކަނބަލުންގެ ގައިކޮޅުގައި) ޖައްސަވާށެވެ." ސަތޭކަ އެތިފަހަރުގެ ބަދަލުގައި ހުއިބޮޑިއެއް ނަންގަވައި އެކަމަނާގެ ގައިކޮޅުގައި ޖެއްސެވުމަށް މާތްﷲ އަމުރުކުރެއްވިއެވެ."{ انوار البیان އޭ ކިޔުނު ތަފްސީރު ފޮތުގެ އިނގިރޭސި ތަރުޖަމާ: އިލުމިނޭޓިން ޑިސްކޯސެސް އޮން ދި ނޯބެލް ޤުރްއާން، ހަތަރުވަނަ ޖިލްދުގެ 387 ވަނަ ޞަފްޙާ}
أيّوب عليه السّلام ގެ އަނބިކަނބަލުންގެ ނަންފުޅު ބަޔާން ކުރުމުގައިވެސް ޢިލްމުވެރިންގެ މެދުގައި ވަރަށް ބޮޑެތި އިޚްތިލާފުތައް އުފެދިފައިވެއެވެ. އެގޮތުން ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި އެކަލޭގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ، لِيا بِنْتُ يَعْقُوبُ އެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ رَحْمَةُ بِنْتُ أفْرائِيم ކަމަށެވެ. މި ދެ ގޮތުގެ ތެރެއިން އެންމެ މަޝްހޫރު ގޮތަކީ ފަހުން މިދެންނެވި رحمه بنت أفرائيم ކަމަށް ބުނާ ބުނުން ކަމަށް އަލްޙާފިޡު އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 506}