ބައެއް މީހުން އެމީހުންގެ އަމިއްލަ ޢާއިލާއަށްދޭ އެންމެ ބޮޑު އެއް ދެރައަކީ އެމީހުންގެ އަޚުން ނުވަތަ އުޚުތުންދެކެ ރުޅި އައިސް ވާހަކަ ނުދައްކައި ތިބުމެވެ. މިއީ ޢާއިލާއަށް ދެވޭނެ އެންމެ ބޮޑު އެއް ދެރައެވެ. އެއިގެ އިތުރުން ތިމާއަށް ލިބިގަނެވޭ އެންމެ ބޮޑު ދެރައެއްވެސްމެއެވެ.
ލޮބުވެތި އެކުވެރިންނޭވެ! މިބާވަތުގެ މައްސަލަތައް އެންމެ ބޮޑަށް ނުވަތަ އެންމެ ގިނައިން ދިމާވަނީ ސިޙުރުވެރިން ނުވަތަ ފާލުބަލާ މީހުންގެ ސަބަބުންނެވެ. އެމީހުންގެ ބަސް ޤަބޫލުކުރެވޭތީއެވެ. ޢާއިލާގެ މިވެނި އެވެނި މީހަކު ތިބާއަށް ސިޙުރުހަދާކަމަށް ބުނުމުން އެވާހަކަ ޤަބޫލުކުރެވޭތީއެވެ!
އެމީހުން އެހެން ބުނުމަކީ އެމީހުން އެންމެ ގިނައިން ކުރާ ކަންތަކެވެ. އެމީހުންގެ ކިބައިގައި ރަނގަޅު މަޢުލޫމާތު ނެތުމުން އަނެކާ ރުއްސައިލުމަށްޓަކައި އެފަދަ ނުބައި ބަސްތައް ބުނަނީއެވެ. ބޮޑެތި ދޮގުތައް ހަދަނީއެވެ.
އެދޮގުތައް ޤަބޫލުކޮށް ދެބެއިންގެ ގުޅުން ކަނޑާލައި ދުރުހެލިވީމާ ނުކުންނަ އެންމެ ބޮޑު އެއް މައްސަލައަކީ ދެމީހުންގެ ދަރިންގެ މެދުގައިވެސް ގުޅުން ކނޑިގެންދިއުމެވެ. އެކަން ދަރިފަސްކޮޅަށް ދެމިގެންދެއެވެ. ޢުމުރު ދުވަހު ދުޝްމިނުންގެ ގޮތުގައި އެބަތިބެއެވެ.
ދެބެއިންގެ މެދުގައި އެއްވެސް ކަމަކާއިމެދު ހިތްހަމަނުޖެހުމެއް އޮތްނަމަ ނުވަތަ އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ދެބެއިން އެކަނި ތިބެ ވާހަކަދައްކާށެވެ. ޙައްލުހޯދާށެވެ! ރުޅިވެރިކަން ބާއްވައި ދަރިންނަށް އެކަންކަން އެނގުނަނުދޭށެވެ. ޢާއިލީ ގުޅުން ނުވަތަ ރަޙިމުގެ ގުޅުން ކަނޑާލުމަކީ ސުވަރުގެ ނުވައްދަވައިފާނެ ކަމެކެވެ. އެފަދަ ދެރަގޮތެއް އަމިއްލައަށް ލިބިނުގަންނާށެވެ!
- -މުފްތީ މެންކުގެ ބަސްފުޅަކުން