އެދެމަފިރިންނަށް ލިބިފައިވަނީ އެންމެ ދަރިއެކެވެ.
ދަރިފުޅު ކިޔަވައި ނިމުނުތަނާހެން ދަރިފުޅުގެ ބައްޕަ ނިޔާވުމުން ދިރިއުޅެންޖެހުނީ ވަރަށް ނިކަމެތި ޙާލުގައެވެ. ނިކަމެތިކަން ބޮޑުވީ ދަރިފުޅަށް ވަޒީފާއެއްވެސް ނުލިބުމުންނެވެ.
ދަރިފުޅަށް ވަޒިފާއެއް ނުލިބުނު ނަމަވެސް އަތްއުރާލައިގެން ހުންނަނީއެއް ނޫނެވެ. އެކުވެރިން ބުނާ މަސައްކަތްކޮށްދެއެވެ. އެކަމަށް ކޮންމެވެސް ވަރެއްގެ އަގެއްވެސް ލިބެއެވެ. ދެމައިން ކައިބޮއި ބޭނުންތައް ފުއްދަނީ އެގޮތަށް ލިބޭ ފައިސާކޮޅުންނެވެ.
ދަރިފުޅުގެ އަތުގައި ފައިސާކޮޅެއް ޖަމާވުމުން މަންމައަށް ހެދުމެއް ގަނެދޭން މަންމަ ގޮވައިގެން ފިހާރައަކަށް ގޮސް ހެދުންތައް ބަލައި މަންމައަށް ރީތިވި ހެދުން ގަނެދޭން ބެލިއިރު އެވަރަކަށް ފައިސާއެއް ނެތެވެ. ވަރަށް ދެރަވިއެވެ. ނަމަވެސް އެކަން މަންމައަށް ނުއަންގައި މަޑުކޮށްލަން ބުނެފައި ގޮސް ފިހާރައިގެ ވެރިމީހާ އާއި ބައްދަލުކުރިއެވެ.
އޭނާއަށް ހުރިހާ ވާހަކަތަކެއް ތެދަށް ކިޔައިދީފައި ބުންޏެވެ. "ހެދުމުގެ އަގަކީ 400 ރުފިޔާއެވެ. އަތުގައި އޮތީ 200 ރުފިޔާއެވެ. މަންމައަށް ސިއްރުވާނެ ގޮތަށް މިކަން ކޮށްލައިދެއްވާށެވެ! އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ބާކީ 200 ރުފިޔާ ބޮޑުމީހާއަށް ގެނެސްދޭނަމެވެ."
ވެރިމީހާ އެގޮތަށް އެއްބަސްވެ އެކަންކޮށްދީފައި ބުނީ މިހާރު މަންމަ ގޮވައިގެން ދިއުމަށާއި މިރޭ ފިހާރަ ބަންދުކުރާ ގަޑީގައި އައިސް ދިނުމަށެވެ. އެއީ ވާހަކައެއް ދައްކާލަން ބޭނުންވާތީ ކަމަށެވެ.
ޒުވާނާ އެގަޑީގައި ގޮސް ބައްދަލުކުރުމުން ބުންޏެވެ. "ކަލޭ މަންމަދެކެ ލޯބިވާވަރު މިއަދު އެނގިއްޖެއެވެ. މަންމަދެކެ ތިއަވަރަށް ލޯބިވާކުދިން ވަރަށް ތެދުވެރިވާނެއެވެ. އަޚްލާޤްވެސް ރަނގަޅުވާނެއެވެ. މިއުޅެނީ ވަޒީފާއެއް ނުލިބިގެންކަމަށް ބުނީމެއްނޫންހެއްޔެވެ؟ އެހެންވީމާ އަހުރެން ޤަޞްދުކުރަނީ އަހުރެންގެ އެއްފިހާރައިގެ މެނޭޖަރުކަންދޭށެވެ. މާދަމާއިން ފެށިގެން މަސައްކަތު ނުކުންނާށެވެ. މަހަކު ވިހިހާސް ރުފިޔާގެ މުސާރައެއް ދޭނަމެވެ. ބޯނަސްވެސް ދޭނަމެވެ."
މިއީ މީގެ 10 ވަރަކަށް އަހަރުކުރީގެ ވާހަކައެކެވެ. އެޒުވާނާއަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފައި ވަޒީފާއަދާކުރަން ފެށިއެވެ. މިއަދު އެޒުވާނާއަކީ މާލޭގެ އިތުރުން ރަށެއްގައިވެސް އަމިއްލަ ފިހާރައެއް ހިންގާ ވިޔަފާރިވެރިއެކެވެ.
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ މިއަދުނޫހުން މިބާވަތުގެ ޙާދިސާތަކުގެ ވާހަކަ ފެންނާތީއެވެ. އަޅުގަނޑުވެސް ބުނާނީ މައިންނަށް ހެޔޮކޮށްހިތާށެވެ. އެކަމުގެ ބަދަލު މާފުރިހަމައަށް ދެއްވަވާނެއެވެ. އިން ޝާ ﷲ
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ