ޢަލީ އިޙްޞާން ފިރާޤް
ސާރާގެފާނަކީ، ނަބީބޭކަލުންގެ ބަފައިކަލުން ކަމުގައި ހިމެނިވަޑައިގެންނެވި إبْراهِيمُ عَلَيْهِ السَّلامُ ގެ އަނބިކަނބަލުންނެވެ. މާތްﷲ ގެ ނަބިއްޔާ إِسْحَاقُ عَلَيْهِ السَّلامُ ގެ މައިކަނބަލުންނެވެ. މާތްﷲ ގެ ނަބިއްޔާ ޔަޢުޤޫބުގެފާނުގެ މާމާފުޅެވެ. މާތްﷲ ގެ ނަބިއްޔާ يُوسُفُ عَلَيْهِ السَّلامُ ގެ މުނިމާމާފުޅެވެ. ސާރާގެފާނު ވެވަޑައިގެންނެވީ މާތްﷲ ގެ ޚަލީލު إبْراهِيمُ عَلَيْهِ السَّلامُ ގެ ގެންނެވި އިސްލާމީ ހިދާޔަތަށް އެންމެ ފުރަތަމަ އީމާންވެވަޑައިގެންނެވި ބޭކައުކަނބަލުންގެ ތެރެއިންނެވެ.
ސާރާގެފާނުގެ ވާހަކަ ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 71 ވަނަ އާޔަތުން ފެށިގެން 73 ވަނަ އާޔަތުގެ ނިޔަލަށް އަރަހުށި މާތްﷲ ބަޔާން ކުރައްވައިފައިވެއެވެ. އެއީ އިބްރާހީމުގެފާނަށާއި އެކަމަނާއަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު މަލާއިކަތްބޭކަލުން އެދެކަނބަލުންނަށް ދެއްވި ވާހަކަ ބަޔާންކުރެއްވި އާޔަތްތަކުގައެވެ.
ހިޖުރަކުރެއްވުން:
إبراهيم عليه السّلام މާތްالله سبحانه وتعالى ގެ ދީނަށް ގޮވައިލެއްވުމުގައި ވަރަށް ދިގު މުއްދަތެއް ވަންދެން ބާބިލުގައި ހޭދަކުރެއްވިއެވެ. އެއަށްފަހު، އިލާހީ ޢަމުރުފުޅާ އެއްގޮތަށް، ބަރަކާތްލެއްވިގެންވާ ޝާމުކަރައިގެ ބިމަށް ހިޖުރައަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މި ބަރަކާތްތެރި ހިޖުރައިގެ ދަތުރުފުޅުގައި، އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާއާއި، لوط عليه السّلام ބައިވެރިވެވަޑައިގަތެވެ. ކީރިތި ޤުރްއާނުގެ އަންކަބޫތު ސޫރަތުގެ 26 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَآمَنَ لَهُ لُوطٌ ۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّي ۖ إِنَّهُ هُوَ الْعَزِيزُ الْحَكِيمُ ﴿٢٦﴾
މާނައީ: "ފަހެ، لوط ގެފާނު، އެކަލޭގެފާނުގެ (އެބަހީ: إبراهيم ގެފާނުގެ) ބަސްފުޅު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު (އެބަހީ: إبراهيم ގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ އެންގެވިފަރާތަށް ތިމަން، هجرة އަށް މިދަނީއެވެ."
މިދެންނެވި ބަރަކާތްތެރި ހިޖުރައިގެ ވާހަކަ އަންބިޔާއު ސޫރަތުގެ 71 ވަނަ އާޔަތުގައި މާތްﷲ ބަޔާންކުރައްވައިފައިވަނީ މިދަންނަވާ ލަފްޒުތަކުންނެވެ.
وَنَجَّيْنَاهُ وَلُوطًا إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ ﴿٧١﴾
މާނައީ: "އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، لوط ގެފާނު ސަލާމަތްކުރައްވައި، عالم ތަކަށްޓަކައި، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ."
ބައެއް ރިވާޔަތްތަކުގައި ވާގޮތުން إبراهيم عليه السّلام ގެ އަރިހުގައި އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާ އާއި لُوطٌ عليه السّلام ގެ އިތުރުން إبراهيم عليه السّلام ގެ ބައްޕާފުޅުވެސް ހިޖުރައަށް ވަޑައިގެންނެވިއެވެ. إبراهيم عليه السّلام ގެ ބައްޕާފުޅު އާޒަރު މަރުވީ އެކަލޭގެފާނުގެ އަރިހުގައި ހިޖުރައަށް ގޮސް އުޅެނިކޮށެވެ. ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން މަރުދުވަހަށް ދާންދެން އޭނާ ހުރީ ކާފިރުކަމުގައެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ޞަފްޙާ 347}
ތާރީޚު ފޮތްތަކުގައި ލިޔެވިގެންވެއެވެ. إبراهيم عليه السّلام ޝާމުކަރާގައި އުޅުއްވަމުން ގެންދަވަނިކޮށް ޝާމުކަރައަށް ވަރަށް ބޮޑު ތަދުމަޑުކަމަކާއި ހަނަފަސްކަމެއް އައިސް ލައިގަތެވެ. އެހެންކަމުން އެކަލޭގެފާނު އަނބިކަނބަލުންނާއި ލޫޠުގެފާނާއެކު މިޞްރުގެ ބިމަށް ދަތުރުފުޅު ފެއްޓެވިއެވެ. އެ ދަތުރުފުޅުގައި إبراهيم عليه السّلام މިޞްރުގެ ރަށްބޭރުގައި މަޑުކުރެއްވިއެވެ. އެތަނުން ޖައްބާރު ރަސްކަލަކާ ބައްދަލުވެވަޑައިގެންނެވިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ޞަފްޙާ 347 އަދި 348}
ޖައްބާރު ރަސްކަލެއްގެ ކިބައިން ސަލާމަތްކުރެއްވުން:
މިދެންނެވި ވާހަކަ ތަފްޞީލުކޮށް އިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ގެންނަވައިފައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
"إبراهيم عليه السّلام ތިންފަހަރަކު މެނުވީ އިތުރުފުޅެއް ނަހައްދަވައެވެ. އޭގެ ތެރެއިން ދެފަހަރު އިތުރުފުޅު ވިދާޅުވީ މާތްالله سبحانه وتعالى އަށް ޓަކައެވެ. އެގޮތުން އެކަލޭގެފާނުގެ އެންމެފުރަތަމަ އިތުރުފުޅަކީ، { إِنِّي سَقِيمٌ} ތިމަން މިއަދު މިއުޅެނީ ބަލިވެއޭ ވިދާޅުވުމެވެ. (އެއީ އެބައިމީހުންގެ ޢީދެއްގައި ބައިވެރިވެ ވަޑައިނުގަންނަވަންވެގެން ވިދާޅުވި ބަސްފުޅެކެވެ.) ދެވަނައަށް ވިދާޅުވި އިތުރުފުޅަކީ، ބުދުތައް ތަޅުއްވައިލެއްވުމަށްފަހު، { بَلْ فَعَلَهُ كَبِيرُهُمْ هَذَا} އެންކަންތަށް (އެބުދުތަށް ތަޅާލީ) މިތާމިހިރަ އެންމެ ބޮޑުބުދެވެ. މިހެން ވިދާޅުވުމެވެ.
ތިންވަނައަކީ إبراهيم عليه السّلام އާއި ސާރާ ޖައްބާރުންގެ ތެރެއިން ޖައްބާރެއްގެ ބިމުން ވަޑައިގަތެވެ. ސާރާއަކީ ވަރަށް ރީތި އަންހެން ބޭކަނބަލެކެވެ. إبراهيم عليه السّلام ސާރައަށް ވިދާޅުވިއެވެ. "އެބައިމީހުންނަށް ކަމަނާއަކީ ތިމަންކަލޭގެފާނުގެ އަނބިކަނބަލުންކަން އެނގިއްޖެނަމަ އެބައިމީހުން ކަމަނާ ފޭރިގެން ގެންދާނެއެވެ. އެބައިމީހުން ކަމަނާ ކުރެން ސުވާލުކޮށްފިނަމަ ވިދާޅުވާށެވެ. ތިމަންކަމަނާއަކީ އެކަލޭގެފާނުގެ އުޚްތެކެވެ. އެހެނީ މިބިމުގައި ކަމަނާއާއި ތިމަންކަލޭގެފާނު މެނުވީ އެއްވެސް މުސްލިމަކު ވާކަމެއް ތިމަންކަލޭގެފާނު ނުދެނެހުރީމެވެ."
ދެން، އޭގެ ދެކަނބަލުން އެރަށަށް ވަތްހިނދު އެޖައްބާރު ރަސްގެފާނަށް މީހަކު ޚަބަރުދިނެވެ. މިރަށަށް ވަރަށް ރީތި އަންހެނަކު އައިސްފިއެވެ. އޭނާ އެންމެ ޙައްޤުކަން ބޮޑީ ރަސްގެފާނަށެވެ. ދެން އެރަސްގެފާނު ސާރާ ބަލާއި ފޮނުއްވައިގެންގެންނެވިއެވެ. އޭރު إبراهيم عليه السّلام ހުންނެވީ ނަމާދުކުރައްވާށެވެ!
ދެން، އެރަސްގެފާނު އެކަމަނާގެ ގައިކޮޅުގައި އަތްލުމަށް މަސައްކަތް ކުރުމުން އޭނާގެ އަތް ވާވެއްޖެއެވެ. ދެން އެ ރަސްގެފާނު ބުންޏެވެ. "ކަމަނާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ތިމަންގެ އަތް ރަނގަޅުކޮށްދެއްވާތޯ އެދި ދުޢާ ދަންނަވައިދެއްވާށެވެ. އޭރުން ކަމަނާއަށް އެއްވެސް ގޯނައެއްނުކޮށް ދޫކޮށްލާނަމެވެ." ދެން އެކަމަނާ މާތްالله سبحانه وتعالى ގެ ޙަޟްރަތަށް ދުޢާ ދެންނެވުމުން އޭނާގެ އަތް ރަނގަޅުވެއްޖެއެވެ. ހަމަ ރަނގަޅުވުމާއެކު އޭނާ އެކަމަނާގެ ގައިކޮޅުގައި އަތްލުމަށް މަސައްކަތްކުރިއެވެ. މި ފަހަރުވެސް ކުރިން ވީގޮތަށް އޭނާގެ އަތްވާވެއްޖެއެވެ.
ދެން، އޭނާ ސާރާ އަރިހު ދަންނަވައިގެން އެކަމަނާ ދުޢާ ކުރެއްވުމުން ރަނގަޅުވެއްޖެއެވެ. އަނެއްކާވެސް އޭނާ އެކަމަނާގައިގައި އަތްލުމަށް މަސައްކަތްކުރުމުން، ކުރިން ވި ވަރަށް ވުރެ ބޮޑަށް އޭނާގެ އަތް ވާވެއްޖެއެވެ. މިފަހަރުވެސް، ރަސްގެފާނު އެކަމާނާގާތު އޭނާގެ އަތް ރަނގަޅުކޮށްދެއްވުން އެދި ދެންނެވިއެވެ. އަދި ބުންޏެވެ. ރަނގަޅުކޮށްދެއްވައިފިނަމަ ކަމަނާއަށް އެއްވެސް ގޯނާއެއްނުކުރާނަމެވެ. ދެން އެކަމަނާ މާތްالله سبحانه وتعالى އަށް ދުޢާ ދެންނެވުމުން އޭނާގެ އަތް ރަނގަޅުވެއްޖެއެވެ.
ދެން، ރަސްގެފާނު އެކަމަނާ ގެންނެވި މީހައަށް ގޮވައިގެން ގެނެސް ބުންޏެވެ. [ކަލޭ ތިޔަގެނައީ އިންސާނެއްނޫނެވެ. އަދި ކީއްހެއްޔެވެ؟ ޝައިޠާނުންކުރެ ޝައިޠާނަކެވެ. އެބައިމީހުން މިރަށުން ފޮނުވާލާށެވެ.]
ދެން އެރަސްގެފާނު އެކަމަނާއަށް ވެދުމަކަށް އޭނާގެ ޖާރިޔާއެއްކަމުގައިވާ ހާޖަރު ދެއްވިއެވެ. ހާޖަރާއިއެކު އެކަމަނާ އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަތުމުން އިބްރާހީމްގެފާނު ވިދާޅުވިއެވެ. [ކަމަނާ ތިޔަ ވަޑައިގަތީތޯއެވެ؟] އެކަމަނާ ވިދާޅުވިއެވެ. [ފުރިހަމަ ރައްކާތެރިކަމާއެކުއެވެ. މާތްالله سبحانه وتعالى އެޖައްބާރު ރަސްގެފާނުގެ އަތް ހިފަހެއްޓެވިއެވެ. އޭނާ ތިމަންކަމަނާއަށް ޚާދިމެއް ދެއްވިއެވެ.] މިވާހަކަ ރިވާ ކޮށްދެއްވުމަށްފަހު އަޑުއައްސަވަން ތިއްބެވި ބޭކަލުންނަށް މުޚާތަބު ކުރައްވައި، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. يَا بَنِي مَاءِ السَّمَاءِ ! ތިޔަބައިމީހުންގެ މަންމާފުޅަކީ އެއީއެވެ. (އެބަހީ: ހާޖަރުއެވެ)"
{އިމާމު ބުޚާރީ ޞަޙީހުލް ބުޚާރީ، ޙަދީޘް ނަންބަރު، 3358}
ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުއްﷲ ވިދާޅުވެފައިވެއެވެ. [ބުނެވޭ ގޮތުގައި
ޙައްވާގެފާނަށްފަހު إبراهيم عليه السّلام ގެ ޒަމާނާ ހަމައަށް ސާރާއަށްވުރެ ވަކިން ރީތި އަންހެނަކު ދުނިޔެ މައްޗަކަށް އުފަންވެފައެއް ނުވެއެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 352}
މިދެންނެވި ޙާދިޘާއަށްފަހު، إبراهيم عليه
السّلام މިސްރުން އެނބުރިވަޑައިގެންނެވީ ޝާމުކަރައިގެ ބިމަށެވެ. އެކަލޭގެފާނު ވަރަށް ގިނަ ޚާދިމުންނާއި ނަޢަމުސޫފީގެ ބާވަތްތައް ގެންދެވިއެވެ. ވަރަށް ގިނަ މުދަލާ ފައިސާވެސް ގެންދެވިއެވެ. އެކަލޭގެފާނުގެ މިދަތުރުފުޅުގައި، ވަކި ހިސާބަކުން ލޫޠުގެފާނު ވަޑައިގެންނެވީ ސަދޫމަށެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 352}
ދަރިކަލަކު ލިބިވަޑައިގަތުން:
إبراهيم عليه السّلام އާއި ސާރާ ކާވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ އެތައް ދުވަހެއް ވީއިރުވެސް އެދެކަނބަލުންނަށް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. އެދެބޭކަނބަލުންވެސް ހިތްޕުޅުގެ އަޑީން ދުޢާކުރައްވަމުން ގެންދެވީ ޞާލިޙު ދަރިކަލަކު ދެއްވުން އެދިވަޑައިގެންނެވެ. އެންމެފަހުން ސާރާގެފާނު ނުހަނު މުސްކުޅިފުޅުވެވަޑައިގެންނެވިފަހުން އަރަހުށި މާތްﷲ އެކަމަނާއަށް އިޞްޙާޤުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. މި ޚަބަރު އެކަމަނާއަށް ދެއްވީ ޚުދު މަލާއިކަތްބޭކަލުންނެވެ. އެހެންކަމުން އެކަމަނާވަނީ މަލާއިކަތްބޭކަލުންނާ ވާހަކަފުޅު ދެއްކެވުމުގެ ޝަރަފުވެސް ހާސިލު ކުރައްވައިފައެވެ.
އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވީ ލޫޠުގެފާނުގެ ޤައުމު ހަލާކު ކުރެއްވުމަށް އަރަހުށި މާތްﷲ ފޮނުއްވެވި މަލާއިކަތް ބޭކަލުންނެވެ. ސާރާގެފާނު އެހާ މުސްކުޅިފުޅުވެވަޑައިގެންފައި ހުންނަވަނިކޮށް ދަރިކަލަކު ލިބިވަޑައިގަންވާނެ ކަމުގެ ޚަބަރު ލިބިވަޑައިގަތުމުން އެކަމަނަ ވަރަށް ޢަޖާއިބުވެވަޑައިގެންނެވިއެވެ. އެކަމަނާއާ މަލާއިކަތްބޭކަލުންނާ ދެމެދުގައި ދެކެވުނު ވާހަކަތައް ޤުރްއާނުގެ ހޫދު ސޫރަތުގެ 69 ވަނަ އާޔަތާއި 73 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
وَامْرَأَتُهُ قَائِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ ﴿٧١﴾ قَالَتْ يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَـٰذَا بَعْلِي شَيْخًا ۖ إِنَّ هَـٰذَا لَشَيْءٌ عَجِيبٌ ﴿٧٢﴾ قَالُوا أَتَعْجَبِينَ مِنْ أَمْرِ اللَّـهِ ۖ رَحْمَتُ اللَّـهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِ ۚ إِنَّهُ حَمِيدٌ مَّجِيدٌ ﴿٧٣﴾
މާނައީ: [އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެތާނގައި) ހުންނެވިއެވެ. ދެން (އެބޭކަލުން އެހެން ވިދާޅުވުމުން، އެކަމާ އުފާފުޅުވެގެން) އެކަމަނާ ހިނިފުޅުވެޑުވިއެވެ. ފަހެ، އެކަމަނާއަށް إسحاق ގެފާނު ލިބިވަޑައިގަންނަވާނެކަމާއި، إسحاق ގެފާނުގެ ފަހަތްޕުޅުން يعقوب ގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر، ތިމަންރަސްކަލާނގެ އެކަމަނާއަށް ދެއްވީމެވެ. އެކަމަނާ ވިދާޅުވިއެވެ. އޭހުރި عجائب އެއްގެ ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކު ކަމުގައިވާއިރުވެސް، ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން، މިއީ عجائب ވެގެންވާ ކަމެކެވެ. އެބޭކަލުން ދެންނެވޫއެވެ. اللَّه ގެ أمر ފުޅާމެދު، ކަމަނާ عجائب ވެ ވަޑައިގަންނަވަނީތޯއެވެ؟ ގޭގެ أهل ވެރިންނޭވެ! ތިޔަބޭކަލުންގެ މައްޗަށް اللَّه ގެ رحمة އާއި، އެކަލާނގެ بركات ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ حمد ލިބިވޮޑިގެންވާ، މާތް، ދީލަތިވަންތަ ރަސްކަލާނގެއެވެ.]
މިދެންނެވި އާޔަތުގައިވާ މަލާއިކަތްބޭކަލުން އިބްރާހީމުގެފާނާއި ސާރާގެފާނުގެ އަރިހަށް ވަޑައިގެންނެވީ އިންސާނުންގެ ސިފައިގައެވެ. ޢައްލާމާ އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި، ލިޔުއްވައިފައިވެއެވެ. އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގެންނެވީ ތިން މަލާއިކަތް ބޭކަލުންނެވެ. އެއީ ޖިބްރީލުގެފާނާއި، މީކާއީލުގެފާނާއި، އިސްރާފީލުގެފާނެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު ޞަފްޙާ 372}
إِسْحَاقُ عَلَيْهِ السَّلامُ އުފަންވެވަޑައިގެންނެވީ ބައްޕާފުޅު إبْراهِيمُ عَلَيْهِ السَّلامُ ގެ އުމުރުފުޅުން 100 އަހަރުފުޅުގައެވެ. އެކަލޭގެފާނުގެ މަންމާފުޅު سَارَةُ އަށް މަލާއިކަތް ބޭކަލުން އެކަލޭގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވިއިރު އުމުރުފުޅަކީ 90 އަހަރުފުޅެވެ. އޭރު އެކަލޭގެފާނުގެ އެއްބައްޕާފުޅު ބޭބޭފުޅު إسْماعِيلُ عَلَيْهِ السَّلامُ ގެ އުމުރުފުޅަކީ ސާދަ އަހަރުފުޅެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު}
އަވަހާރަވުން:
އަލްބިދާޔަތު ވައްނިހާޔަތުގައި، އިބްނު ކަޡީރު ލިޔުއްވައިފައިވެއެވެ. سارَةُ ގެފާނު އަވަހާރަވީ އިބްރާހީމުގެފާނު އަވަހާރަވުމުގެ ކުރީންނެވެ. އެކަމަނާ އަވަހާރަވީއިރު އުމުރުފުޅަކީ 127 އަހަރުފުޅެވެ. އެކަމަނާ އަވަހާރަވީ ޙަބްރޫންގައެވެ. އިބްރާހީމުގެފާނު އަވަހާރަވީ، سَارَةُ އަވަހާރަވުމަށްފަހުއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން 175 އަހަރުފުޅުކަމަށާއި، 200 އަހަރުފުޅުކަމަށާއި، އަދި މި ނޫންވެސް އިތުރު ގޮތްގޮތަށް ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ފަސްދާނުވެޑުވިފައިވަނީ، އަނބިކަނބަލުން سارَةُ ގެ އަރިހުގައި، ޙަބްރޫންގައެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 403 އަދި 402}