ފަށަމުން ދާދިފަހުން ދިމާވި ކުޑަކުޑަ ކަމެއްގެ ވާހަކަ ބުނެލާނަމެވެ!
ބައްދަލުވުމެއްގައި ވާހަކަދައްކަމުން ކީރިތި ޤުރްއާން ކިޔަވާއިރު އެމީހަކަށް ކިޔެވޭ އެންމެ ރިވެތި ރާގަކަށް ކިޔަވަން ބާރުއަޅައި ވާހަކަދެއްކީމެވެ. ބައްދަލުވުން ނިމިގެން ދިއަފަހުން އަންހެނަކު މެސެޖްކޮށްފައި ބުންޏެވެ. "އަހުރެންގެ އަޑުމަޚްރަޖަ އެހައި ރީއްޗެއް ނޫނެވެ. ވީމާ ރިވެތި ރާގަށް އަހުރެން ކިޔަވާނީ ކިހިނަކުން ހެއްޔެވެ؟"
ޖަވާބުގައި އޭނާއަށް މެސެޖްކުރީމެވެ! "ކަންބޮޑުނުވާށެވެ! ކޮޓަރީގައި ތިބާ އިންނާނީ އެކަންޏެވެ. އެކަނި އިނދެގެން ތިބާއަށް ކިޔެވޭ އެންމެ ރިވެތި ރާގަކަށް ކިޔަވާށެވެ!"
އެއިގެ ދުވަސްކޮޅެއް ފަހުން ހަމައެއަންހެން މީހާ މެސެޖުކޮށްފައި ބުނީ ރިވެތި ރާގަށް ކިޔަވަން ަމސައްކަތްކުރަން ފެށުމުން ވަރަށް ބޮޑު ހިތްހަމަޖެހުން ލިބޭކަމަށެވެ. އެއީ އެކަންވާނެވެސް ގޮތެވެ. ރިވެތި ރާގުތަކަށް ޤުރްއާން ކިޔަވަން މަސައްކަތްކުރާނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ ލިބެމުންނެވެ. އިން ޝާ ﷲ
ރިވެތި ރާގުތަކަށް ޤުރްއާން ކިޔަވަން މިހައި ބޮޑަށް ބާރުމިއަޅަނީ ކީއްވެގެން ކަމަށް ހެއްޔެވެ؟ އަހުރެމެން ޤުރްއާން ކިޔަވަނީ ﷲ ތަޢާލާގެ ޙަޟްރަތަށްޓަކައި ކަމުގައިވާތީއެވެ. ﷲ ތަޢާލާ އައްސަވައިވޮޑިގެންވާނެތީއެވެ.
އަޑުމަޚްރަޖަ ރިވެތިނުވެގެން ލަދުގަންނަން ނުޖެހޭ ސަބަބުވެސް ބުނެލާނަމެވެ. ކޮންމެ މީހަކަށްވެސް އަޑުމަކްރަޖަ ދެއްވަވަނީ ﷲ ތަޢާލާއެވެ. ވީމާ އެމީހަކަށް ކިޔެވޭނެ އަޑު ނުވަތަ ރާގުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
ދެން އޮތީ އަޑުމަޚްރަޖަ ރިވެތިކުރަން މަސައްކަތްކުރުމެވެ. އެއީ މިޒަމާނުގައި ކުރަން އެންމެ ފަސޭހަ އެއްކަންތަކެވެ. ރިވެތިކޮށް ކިޔަވާ އެތައް ސަތޭކަ ޤާރީންގެ އަޑުތައް އެހުރީ އިންޓަރނެޓުން ނުހަނު ފަސޭހައިން އަޑުއަހައިލެވޭށެވެ.
މައްސަލައަކީ އެކަމަށް ސަމާލުކަން ނުދެވޭކަމެވެ. އެކަމަކު ލަވައެއް މަޝްހޫރުވެއްޖެނަމަ އެލަވަ ކިޔަން އެބަ ދަސްކުރެއެވެ. ދަރިންނަށްވެސް ދަސްކޮށްދެއެވެ. އެލަވަކިޔާމީހާ ލައްވާ ހުރިހާ ބަނޑިތައް ލައްވަންވެސް ދަސްކޮށްދެއެވެ. އެގޮތަށް ބަނިބަނި ލެއްވީމާ އުފާވެސްވެއެވެ.
މީސްތަކުންނޭވެ! ސިޓީއެއް ނުވަތަ ވާހަކައެއް ކިޔާ ގޮތަށް ޤުރްޢާން ކިޔެވުމަކުން ނުފުދޭނެއެވެ. މިބުނި މަގުން ޤުރްޢާން ކިޔަވަން މަސައްކަތްކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން