އެހެން މީހުންގެ ސަމާލުކަން ހޯދަންވީ ތުއިވެގެން ނުވަތަ ތުއި އަޑުން ވާހަކަދައްކައިގެނެއް ނޫނެވެ. ރިވެތި ގޮތުގައި މުޢާމަލާތުކޮށްގެންނެވެ. ތުއިވާނަމަ އަނެކާ ދެކޭނީވެސް ނުރަގަޅު ގޮތުގައެވެ. އެހެންކަމާއިއެކުވެސް މިއީ ބައެއް މީހުންނަށް ކުރެވޭ ކަމަކަށްވެފައި ބައެއް ކިޔުން ތެރިން ސުވާލުކުރައްވާ ކަމަކަށްވާތީ މިގެނެސްދެނީ ކަން އޮތްގޮތް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ބައެއް މީހުން އަނެއްޖިންސުގެ މީހުންނާއި ވާހަކަދައްކާއިރު އަޑަށް ބަދަލުގެނެއެވެ. ހިނިތުންވުން ގިނަކުރެއެވެ. މޫނުގެ ސިފައަށްވެސް ބަދަލުތައް ގެނެއެވެ. ނަމަވެސް ތިމާ އާއި އެއްޖިންސުގެ މީހުންނާއި ވާހަކަދައްކާ ގޮތާ ޢަމަލުކުރާ ގޮތް ތަފާތެވެ.
އެފަދަ މީހުންގެ ނިޔަތާއިމެދު އެއްޗެއް ބުނާކަށް ނެތީމެވެ. ނިޔަތް ދެނެވޮޑިގެންވާނީ ހަމައެކަނި ﷲ އެވެ. އަޅުގަނޑުގެ ސުވާލަކީ މިއީ މުސްލިމުންނަށް ހުއްދަކަމެއްތޯއެވެ.؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބޭނެ ކަމަށް އުންމީދުކުރަމެވެ.
އިސްލާމް ދީނުގައި އެއް ޖިންސުގެ މީހުން އަނެއް ޖިންސުގެ މީހުންނާއި މުޚާޠަބްކޮށް ވާހަކަ ދެއްކުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. އަދި އެއީ ބައެއް ޙާލަތްތަކުގައި ކުރަންވެސް ޖެހޭ ކަމެކެވެ. ޚާއްޞަކޮށް ބޭރު ޤައުމުތަކުގައި އުޅޭއިރު މިފަދަ މައްސަލަތައް އިތުރުވާނެއެވެ. ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަކަށް ދިއަ ނަމަވެސް ބޭހެއް ގަންނަން ފާމަސީއަކަށް ދިއަ ނަމަވެސް އަދި ދަތުރުކުރަން އުޅަނދަކަށް އެރި ނަމަވެސް މީހުންނާއި ވާހަކަދައްކަން ޖެހޭނެއެވެ. ކަންކަން އޮޅުން ފިލުވަން ނުޖެހިއެއް ނުދާނެއެވެ.
އެއް ޖިންސުން އަނެއް ޖިންސެއްގެ މީހުންނާއި މުޚާޠަބްކުރަންޖެހޭ ކަންކަމުގައި މުޚާޠަބްކުރި ނަމަވެސް ވަރަށް ބޮޑަށް ބަލަން ޖެހޭ ކަންކަން އެބަހުއްޓެވެ. ޚުދު ތިމާގެ އަމިއްލަ މައިން ފައިންނާއި އަނބިދަރިންނާއި ފިރިންނާއި ކަމުގައިވީނަމަވެސް މެއެވެ. މިކަމުގައި އެންމެ ބޮޑަށް ސަމާލކުކަން ދޭން ޖެހޭނީ އެފަދަ މީހަކު ހިތުގައި ޖެހިދާނެ ފަދަ އެއްވެސް ބަހެއް ނުބުނުމަށެވެ. ވީހައި ބޮޑަށް އޯގާތެރިކަމާއިއެކު ވާހަކަ ދެއްކުމަށެވެ.
ހަމައެއާއިއެކު އެއަށްވުރެ ދުރު މީހުންނާއި ވާހަކަ ދައްކާއިރުވެސް އަމަލުކުރަން ޖެހޭނެ ގޮތްތަކެއް ހުރެއެވެ. މިސާލަތަށް އެއްގޮތަކަށްވެސް "ތުއި"ވެގެން ނުވާނެއެވެ. ތުއިވުމޭ މިބުނަނީ އަޑުގައި ބަނޑިބަނޑި ލައްވައި އަނެކާގެ ހިތް ދަމައިގަންނަން މަސައްކަތްކުރުމަށެވެ. މާބޮޑަށް އޯގާތެރިވާކަން ދައްކައިގެންވެސް ނުވާނެއެވެ. އަނެކާގެ ހިތުގައި ތިމާއާއިމެދު އެއްވެސް ބާވަތެއްގެ ޖަޒުބާތެއް އުފެދުމުގެ ފުރުޞަތުދީ އެކަމަށް ދައުވަތުދެވޭ ގޮތަށް ވާހަކަ ދެއްކުމެއް ނެތެވެ. އެއީ އިސްލާމް ދީނުގައި ހުއްދަ ކަންކަމެއް ނޫނެވެ.
ހަމަ އެއާއިއެކު ވިސްނައިލަމާ ހެއްޔެވެ؟ މުސްލިމުންނަކީ އެކަކު އަނެކަކާއި މުޚާޠަބުކުރުމުގައި ރިވެތި އުޞޫލުތައް ބޭނުންކުރަން ޖެހޭ ބައެކެވެ. ކަންކަން އިސްލާމް ދީނުގައި ބަޔާން ކުރައްވަވާފައި އެވަނީ އެންމެންގެ ފައިދާއަށެވެ. އެކަމުން އެންމެންނަށް އެންމެ ފައިދާކުރާނެ، އަދި ރައްކައުތެރިކަން ލިބޭނެ ގޮތަށެވެ.
އިސްލާމް ދީނަކީ އެއްޖިންސުގެ މީހުން އަނެއްޖިންސުގެ މީހުންނަށްވެސް އަދި އެއްޖިންސުގެ މީހުންގެ މެދުގައިވެސް ބޭކާރު ވާހަކަތައް ދެއްކުން ހުއްދަކުރާ ދީނެއް ނޫނެވެ. ނަމަވެސް އެކަން މިހާރު ޤަބޫލުކުރެވެނީ މަދު މީހަކަށެވެ. ދެމީހަކު ބައްދަލުވި ނަމަވެސް ސޯޝަލް މީޑިއާގައިވެސް އަބަދުވެސް މިތިބެނީ ކޮންމެވެސް އެއްޗެއް ކިޔައިލަކިޔައިލައެވެ. ކިޔާނެ އަމިއްލަ ވާހަކަ ހުސްވުމުން ދެން މިކުރާ ކަމަކީ ޣީބަ ބުނެ މީހުން ދިރި ތިއްބައި އެމީހުންގެ މުޅަ މަސް ކެއުމެވެ.
ނިކަން އަމިއްލަ ނަފްސާ މިސުވާލުކޮށްލައިބަލާށެވެ! އިސްލާމީ އުންމަތަށް ނުވަތަ އިސްލާމް ދީނަށް ކުރިއެރުމެއް ލިބޭނެ ވާހަކައެއް އެންމެ ފަހުން ދެއްކީ ކޮން ދުވަހަކު ހެއްޔެވެ؟ މިއީ މިއަދު ތިއަބައިމީހުންނަށް ބޭކާރު ސުވާލަކަށް ވެދާނެއެވެ. ނަމަވެސް މި ސުވާލަށް އާޚިރަތް ދުވަހު ޖަވާބުދާރީވާން ނުޖެހިއެއް ނުދާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން