ކުޑައިރު ބަސްޤަބޫލުކޮށްފައި ތަންކޮޅެއް ބޮޑުވުމުން ބަސްޤަބޫލުނުކުރާތީ އެކަން ޙައްލުކުރަން ކުރެވިދާނެ ކަމަކާއިބެހޭ
ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.
ދަންނަވާލަން އޮތީ ފުރަތަމަ ކަމަކަށް ދަރިފުޅަށް އެފަދަ ބަދަލެއް އައި ސަބަބު ދެނެގަންނަން މަސައްކަތްކުރާށެވެ! އެކަންކުރެވޭނީ ދަރިފުޅާއި ގުޅުންބަދަހިކޮށްގެންނެވެ. ހިތްހެޔޮކަމާއި ލޯތްބާއިއެކު މުޢާމަލާތުކޮށްގެންނެވެ.
ފަހަރެއްގައި އެއީ އެކުވެރިންގެ ސަބަބުން އައި ބަދަލަކަށްވެސްވެދާނެއެވެ. އަދި ގޭތެރެއިން ފެންނަ ކަންތައްތަކެއްގެ ސަބަބުން އައި ބަދަލަކަށްވެސް ވެސާނެއެވެ. އެހެން ސަބަބެއްވެސް އޮވެދާނެއެވެ. އެސަބަބު ދެނެގަނެ އަވަހަށް އެސަބަބު ނައްތައިލާށެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ކަމެއް ކުރުމަށް ނުވަތަ ކަމެއް އިޞްލާހް ކުރުމަށް ދަރިންނަށް މަހެއްހައި ދުވަހު ނަޞޭޙަތް ދިނުމުންވެސް އިޞްލާހް ނުވާނަމަ ދަރިން އިޞްލާޙް ނުވީކަމަށް ބަލައި ބައެއް މައިން ބަފައިން އެހިސާބުން އެކަން އެބަހުއްޓައިލައެވެ. ނަޞޭޙަތް ދިނުން އެބަ ހުއްޓާލައެވެ. ނަމާދަށް ދާން ބުނުން ވެސް އެބަ ހުއްޓާލައެވެ.
ނަމަވެސް މިއީ އެއްގޮތަކަށްވެސް އެކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ. ނަމާދަށް ނުދާނަމަ ނުވަތަ އެހެން ކަމެއް އިޞްލާޙްކުރަން ނަމަވެސް ދޭންޖެހޭ ނަޞޭޙަތް ދިނުން ހުއްޓާލުމަކީ މައިންބަފައިންނަށާއި އެދުރުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ތަކުރާރުކޮށް ކޮންމެ ދުވަހަކު ނަޞޭޙަތް ދޭން ޖެހުނު ނަމަވެސް އެއީ ތަކްލީފެއް ކަމަށް ނުދެކޭށެވެ. ހަމަ ލޯބިން ގޮވާލައި ގެނުވާށެވެ. ކައިރީގައި ބެއިންދުމަށްފަހު އިޚްލާޞްތެރިކަމާއިއެކު ނަޞޭޙަތްދޭށެވެ. ފިރުމަމުން ނަޞޭހަތްދޭށެވެ.
ނަބަވީ އިރުޝާދުގައި އޮތީ މިފަދައިން އަމަލުކުރުމަށެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އުންމަތަށް ނަމޫނާ ދައްކަވައި ބަޔާންކޮށްދެއްވަވާފައިވަނީ މިބަޔާންކުރި ފަދައިން އަމަލުކުރުމަށެވެ. ދަރިއަކަށް ނުބައި ބަހެއް ބުނެވުނު ނަމަވެސް މީސްތަކުންގެ ތެރޭގައި ހުއްޓާ ފަޟީޙަތް ނުކުރާށެވެ. އެކަމަށް ރަނގަޅު ވަގުތު ހޯދައިގެން ނަޞޭޙަތްތެރިވާށެވެ. ދަރިން އިޞްލާޙް ކުރަން ކުރަން ޖެހޭ މަސައްކަތް ކުރުމުގައި މައިން ބަފައިން އެއްވެސް ޙާލެއްގައި މާޔޫސްވެގެން ނުވާނެއެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއިއެކު ދުޢާކުރުންމަތީގައި ދެމިތިބޭށެވެ. ﷲ ތަޢާލާ މަގު ދައްކަވާނެތެވެ. އިން ޝާ ﷲ
--ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން