ޢާއިޝަތުގެފާނުގެ މިބަސްފުޅު އެނގުމުންވެސް ފަތިސްނަމާދުގެ އިހު ސުންނަތަށް ސަމާލުކަން ނުދޭނަން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޢާއިޝަތުގެފާނުގެ މިބަސްފުޅު އެނގުމުންވެސް
ފަތިސްނަމާދުގެ އިހު ސުންނަތަށް ސަމާލުކަން ނުދޭނަން ހެއްޔެވެ؟


ފަތިސްނަމާދާއި ފަތިސްނަމާދުގެ އިހުސުންނަތުގެ މުހިންމުކަމާއި މަތިވެރިކަމުގެ ވާހަކައަކީ އެންމެ ގިނައިން ކިޔުންތެރިންނަށް ގެނެސްދެވޭ އެއްވާހަކަކަމަށްވާނެއެވެ. އެކަން އެގޮތަށް ކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެސަބަބަކީ ފަތިސްނަމާދުގެ އިހުސުންނަތަށާއި ފަތިސްނަމާދަށް ސަމާލުކަން ދިނުމުން ކުރަން އޮތް ފައިދާ ބޮޑުކަމުންނެވެ. އަދި ސަމާލުކަންދީފިނަމަ ފަސޭހައިން ކުރެވެންވެސް އޮތް ޢަމަލަކަށްވާތީއެވެ.

ޢާއިޝަތުގެފާނުގެ ބަސްފުޅު: 

ޢާއިޝަތުގެފާނުގެ އަރިއަހުން ރިވާވެގެންވާ ގޮތުގައި ރަސޫލް ﷺ އެންމެ ބޮޑަށް އަވަސްވެވަޑައިގެންނެވި އަޅުކަމަކީ ފަތިސް ނަމާދުގެ އިހުސުންނަތުގެ 2 ރަކްޢަތެވެ. އެކަމުގެ މިސާލު ދައްކަވަމުން އެކަމަނާ ވިދާޅުވެފައިވަނީ ހަނގުރާމައެއްގައި ނަޞްރު ލިބުމުން ޣަނީމާ މުދާ އެއްކުރަން ނުވަތަ ލިބިގަންނަން މީސްތަކުން އަވަސްވެގަންނަވަރަށްވުރެވެސް ބޮޑަށް ފަތިސްނަމާދުގެ އިހު ސުންނަތް ކުރެއްވެވުމަށް ރަސޫލާ ﷺ އަވަސްވެވަޑައިގަންނަވާ ކަމަށެވެ.  

މިވާހަކަ ދައްކާއިރަށް ބުނާނީ ތިއަ ހަދީޘް އެނގޭކަމަށެވެ. ކިތަންމެ ގިނަ އަދި ކިތަންމެ ފައިދާ ބޮޑު ޙަދީޘްތަކެއް އެނގުނު ނަމަވެސް ފައިދާކުރާނީ ޢަމަލުކުރުމުންނެވެ. ނޫންނަމަ ކުރާނެ ފައިދާއެއް ނެތެވެ.  

މިޙަދީޘަކީ އެންމެންނަށް ވަރަށް ރަނގަޅަށް އެނގޭ ޙަދީޘެކެވެ. ނަމަވެސް ޢަމަލުކުރެވެނީ ހާދަ މަދު މީހަކަށެވެ. އާދޭސްކޮށްފައި ބުނަމެވެ. ޤަޟާއަށް ފަތިސްނަމާދުކުރިނަމަވެސް ފުރަތަމަ އިހުސުންނަތް ކުރާށެވެ. އަދި ފަތިސް ނަމާދުގެ އިހުސުންނަތްކޮށްގެން ޖަމާޢަތުގައި ފަތިސްނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!  

ހިތާމައާއެކުވެސް ބުނެލަން އޮތީ އަހުރެމެންގެ ތެރެއިން ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލުވެވެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  އެނަމާދަކަށް އެންމެ ބޮޑަށް އަވަސްވެވަޑައިގެންނެވި ނަމާދަށެވެ! މިއީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހިފައިވާ ކަމެކެވެ. އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން