ޢަލީ އިޙްޞާން ފިރާޤް
އަޅުގަނޑުމެންނަށް މިއުޅެނީ މީހަކު ކިތަންމެ
ކުޑަކުޑަ ކަމަކުން ނަމަވެސް ތިމާއަށް ގެއްލުމެއް ދޭން އުޅޭކަމަށް ތުހުމަތު ކުރެވުނަސް އަދި ތިމާއާއިމެދު ނުބައި ބަހެއް ބުނިކަން އެނގުނަސް އެމީހަކަށް މާފުނުކުރެވިގެންނެވެ. ތިމާއަށް ދެވެން އޮތް އެންމެ ބޮޑު ދެރައެއް އެމީހަކަށް ދޭން ބޭނުންވެގެންނެވެ. ވީމާ ތިރީގައިވާ ލިޔުމަށް ވިސްނަވާލައްވައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް އިޚްތިޔާރުކުރަން މަސައްކަތްކުރަމާތޯއެވެ!
އެއްފަހަރަކު، ޔަހޫދީ އަންހެނަކު އިތުރު
އެކަލޭގެފާނަށް ފިހެފައިވާ ބަކަރި މަސްގަނޑެއް ވެދުމަށް އެރުވިއެވެ. އެ މަސްގަނޑަށް އޭނާ ވަނީ ޒަހަރުލާފައެވެ. އެމަސްގަނޑު އިތުރު އެކަލޭގެފާނު ފަރީއްކުޅުއްވެވުނެވެ.
އެ ކެއުމަށް ވިހަލާފައިވާކަން އެނގިވަޑައިގެންނެވުމުން އޭނާ ގެންނަވައި ސުވާލު ކުރެއްވުމުން އޭނާ ބުންޏެވެ. "އަޅުގަނޑު ބޭނުންވީ ވިހަލައިގެން ކަލޭގެފާނު ޤަތުލުކުރުމަށެވެ."
ޙަދީޘް ކުރެއްވިއެވެ. "ނަމަވެސް މާތްﷲ، އެކަމަށް ކަނބުލޭގެއަށް ވާގިވެރިވެވޮޑިއެއް ނުގެންނެވިއެވެ." އެވަގުތު ޞަޙާބީން އެއަންހެނާ ޤަތުލު ކުރުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ރަހްމަތުއްލިއްއާލަމީންގެ މަތިވެރި ލަޤަބު ލިބިވަޑައިގެން ހުންނެވި މާތް ނަބިއްޔާ އޭނާއަށް މާފުދެއްވައި ދޫކޮށްލެއްވީއެވެ. {ބުޚާރީ:2474 }
އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ އެފަދަ އޯގާތެރިކަމާއި، ރަހްމާއި ހަމްދަރުދީއާއެކު، ޣައިރު މުސްލިމުންނާ މުޢާމަލާތް ކުރެއްވީ އެބައިމީހުންނަށް އިސްލާމްދީނުގެ މަތިވެރިކަން އަންގައިދިމަށްޓަކައެވެ. އެދީނުގެ ހަރުދަނާ އުސޫލުތަކާއި، ފުރިހަމަކަން ބަޔާންކޮށްދެއްވުމަށްޓަކައެވެ. ދީނަށް ނަފްރަތުކުރުމަށް ހިތްވަރު ދިނުމުގެ ބަދަލުގައި ދީނަށް ލޯބިޖައްސުވައި، އެދީނަށް މީސްތަކުން ލެންބުމަށްޓަކައެވެ.
އާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި، މާތް ނަބިއްޔާ صلّى اللّـه عليه وسلّم ފަހަރެއްގައިވެސް އެއްވެސް އިންސާނަކަށް ދެރައެއް ލިބުމަށް އެދިވަޑައެއް ނުގަންނަވައެވެ. އަނިޔާއެއް ތުރާލެއް ތަހައްމަލު ކުރުމަކަށް އެދިވަޑައެއް ނުގަންނަވައެވެ. ނަބިއްޔާ صلّى اللّـه عليه وسلّم އާއި މުސްލިމުންގެ ހަތުރުންކަމުގައިވި، މުޝްރިކުންނާއި ޔަހޫދީންނަށް ވެސް އެއްވެސް ކަހަލަ އުނދަގުލެއް ނުވަތަ ދަތިކަމެއް ޖެހުމަކީ އެމާތް ނަބިއްޔާގެ ހެޔޮ ޠަބީޢަތު އެއްވެސް ޙާލެއްގައި ތަރްހީބު ދެއްވި ކަމެއް ނޫނެވެ.
ހަނގުރާމައިގެ މައިދާނަކީ، ނަފްރަތާއި، ޖޯޝާއި ބުންވަރާއި ފަންވަރު އޭގެ އެންމެ މަތީ ދަރަޖައަށް ބޭރު ކުރެވޭ މައިދާނެވެ. ކޮންމެ ބަޔަކުވެސް ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލަނީ، ދުޝްމަނުންގެ އާރާއި ބާރު މި ދުނިޔެ މަތީން ފޮހެލުމަށްޓަކައެވެ. އެއްފަހަރަކު ދިމާވި ޙާދިސާއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ބައިވެރިވެވަޑައިގެންނެވި ހަނގުރާމައެއްގައި، ކާފިރުންގެއަންހެނަކު ޤަތުލު ކުރެއްވިފައިވަނިކޮށް ފެނިވަޑައިގެންނެވިއެވެ.
އެ މަންޒަރުފެނިވަޑައިގެން އެކަލޭގެފާނު ވަރަށް ނުރުހުންވެވަޑައިގެން، ހިތާމަފުޅު
ކުރެއްވިއެވެ. އަދި ހަނގުރާމައިގެ މައިދާނުގައި، އަންހެނުންނާއި ކުޑަކުދީން މެރުން މަނާ ކުރެއްވިއެވެ.
މުނާފިޤުންގެ ތެރޭގައި ނަން މަޝްހޫރު ޢަބްދުﷲ ބިން ޢުބައްޔު ބިން ސަލޫލަކީ، ނަބިއްޔާގެ މަތިވެރި ޝަޚްސުގެ ޢިއްޒަތަށް މޮޑެލުމަށްޓަކައި، ޒާތްޒާތުގެ ވާހަކަތައް ދެއްކި މީހެކެވެ. ވަރަށް ގިނަ ފިތުނަތައް މުސްލިމު އުއްމަތުގެ ތެރޭގައި އުފެއްދި މީހެކެވެ. ނަމަވެސް އޭނާ މަރުވި ދުވަހު ނަބިއްޔާ صلّى اللّـه عليه وسلّم އަނދެވަޑައިގެން ހުންނެވި އިޒާރުކޮޅު އޭނާގެ ކަފުނުގެ ތެރޭގައި ބޭނުން ކުރުމަށް ދެއްވިއެވެ. ޚުދު އޭނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވިއެވެ. މިހުރީ އެމާތް ނަބިއްޔާ، ހިތްޕުޅުގެ ސާފުކަމާއި، އަޚްލާޤުގެ ފުރިހަމަ ކަމެވެ.
އަނަސްގެފާނު ވިދާޅުވެފައިވެއެވެ. އެއްފަހަރަކު ނަބިއްޔާ صلّى اللّـه عليه وسلّم އަށް ދެންނެވުނެވެ. " އޭ މާތްﷲ ގެ ރަސޫލާއެވެ. މުޝްރިކުންނަށް ބަދު ދުޢާއެއް ކުރެއްވުން ކީއްތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. " އަހަރެން ފޮނުއްވުނީ، މީހުންނަށް ބަދު ދުޢާކޮށް ލަޢުނަތް ދޭކަށް ނޫންނެވެ. އަހަރެން ފޮނުއްވިގެންވަނީ އާލަމްތަކަށް ރަޙްމަތެއްކަމުގައެވެ."
{ޞަޙީޙު މުސްލިމު 2599}