އަހުރެން ދުވަހަކުވެސް (އެއްވެސް އަހަރަކު)
މަންމައިންގެ ދުވަސް ފާހަގައެއ ނުކުރަމެވެ. ނުވެސްކުރާނަމެވެ. އެއީ މަންމަދެކެ ލޯބިނުވާތީއެއް ނޫނެވެ. މަންމަދެކެވާލޯބި ބޮޑުކަމުންނެވެ.
އަހުރެން ޤަބޫލުކުރާ ގޮތުގައި މަންމަ ކޮށްދިން ޚިދުމަތުގެ އަގުވަޒަންކުރުމަކީ ކޮށްނިމެން އޮތް ކަމެއް ނޫނެވެ. އަހުރެންނަށް މިހާހިސާބަށް އާދެވިފައި މިހުރީ މަންމަ ރެއާއި ދުވާލު ކިތައް އަހަރުވަންދެން ކުރި ބުރަމަސައްކަތުން ހެއްޔެވެ؟ އެދުވަސްތަކުގެ ޢަދަދު ނިކަން ގުނައިބަލާށެވެ!
ދެން ކޮންމެ އަހަރަކު އެންމެ ދުވަހަކު މަންމަގެ އަގުވަޒަންކުރީމާ މަންމަގެ ޢުމުރުގައި އެކަންކުރެވޭނީ ކިތައް ދުވަހު ކަމާއިމެދުވެސް ނިކަން ވިސްނައިލަބަލާށެވެ! އަހުރެންނަށް ވިސްނެނީ ގިނަވެގެން އެންމެ 70 ވަރަކަށް ދުވަހު ކަމަށެވެ. މިއީ ކޮންހަމައަކުން ބަލައިގަނެވޭނެ ކަމެއް ހެއްޔެވެ؟
މައިންގެ ދުވަސް ބައްޕައިންގެ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމުގެ ޘަޤާފަތެއް އުފައްދައިގެން މިއުޅެނީ އެންމެ ދުވަހަކު އެމީހުންނާއި އަޅައިލައިފަ އެހެން ދުވަސްތަކުގައި އަޅައިނުލަން ބޭނުންވާ ބައަކު އެކަމަށް މަގުފަހިކުރަން ބޭނުންވެގެންނެވެ.
އަހުރެން ކޮންމެ ދުވަހަކުވެސް އެންމެ އިސްކަންދެނީ މަންމައަށެވެ. ވަޤުތުވީވަރަކުން މަންމަ ބޭރަށްވެސް ގެންދަމެވެ. ގޭގައިވެސް ސަމާލުކަންދެމެވެ. އަނބިމީހާއަށް ހަދިޔާއެއްދިނަސް މަންމައަށްވެސް ދެމެވެ. މަންމައަށްދޭ ހަދިޔާ ބައެއް ފަހަރު އަނބުރާ އަނބިމީހާއަށްވެސް ދެއެވެ. އެކަމަކަށް ބަހެއް ނުބުނަމެވެ. އެއީ މަންމަ ބޭނުންވެގެންކުރާ ކަމަކަށްވާތީއެވެ.
އަހުރެންގެ އުންމީދަކީ މަންމަ ދުނިޔޭގައި އިންހައި ދުވަހަކު އެންމެ އިސްކަންދޭ މީހަކީ މަންމަ ކަމަށް ހެދުމެވެ. އެންމެ އުފާވަނީ އަހުރެންގެ އަނބިމިހާވެސް އެކަމަށް އަހުރެންނަށް ހިތްވަރުދޭތީއެވެ!
--މިއަދުނޫހުގެ ކިޔުންތެރިއެއް
މަންމަގެ އަގު މިގޮތަށް ވަޒަންކުރާ ދަރިއަކަށް ސުވަރުގެ ދެއްވަވާނެތެވެ. މާނައަކީ އެއީ ސުވަރުގެ ލިބުމަށް ބޮޑުތަނުން މަގުފަހިވެގެންދާނެ ކަމެކެވެ. އިން ޝާ ﷲ