ޤުރްއާން ކިޔެވުމުގެ ފައިދާކުރާނީ ގިނަ ޚަތިމް ކުރުމަކުން ނޫން! މަދުމިންވަރުކަމަށްވިޔަސް ދޭންޖެހޭ ސަމާލުކަންދީގެން ކިޔެވުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ޤުރްއާން ކިޔެވުމުގެ ފައިދާކުރާނީ ގިނަ ޚަތިމް
ކުރުމަކުން ނޫން! މަދުމިންވަރުކަމަށްވިޔަސް ދޭންޖެހޭ ސަމާލުކަންދީގެން ކިޔެވުމުން!

ކުރާ ކޮންމެ ހެޔޮ ޢަމަލެއްވެސް ހެޔޮ ޢަމަލަކަށްވެ ﷲ

ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ފެންވަރުގައި ކުރަން އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމުންކަން އެއީ ހުރިހާ މުސްލިމުންނަށްވެސް އެނގޭނެ ކަމެކެވެ. ނަމަވެސް އެގޮތަށް ޢަމަލުކުރެވޭ ހެއްޔެވެ؟ ނުކުރެވޭނަމަ އެކަމުން ހެޔޮ ޢަމަލެއް ކުރިކަމުގެ ފައިދާލިބޭނީ ކިހިނަކުން ހެއްޔެވެ؟  

ކީރިތި ޤްރްއާން ކިޔެވުމުގެ ބޭނުމަކަށްވާން ޖެހޭނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާ އެއްޗެއް އެނގުމެވެ. ވީމާ ކިތަންމެ މަދު ޞަފްޙާއެއް ކިޔެވުނުކަމުގައިވީނަމަވެސް މިކިޔެވެނީ ކޮން އެއްޗެއްކަން އެނގޭ ގޮތަށް ކިޔަވާށެވެ.  

ތިބާގެ ލޯބިވެރިޔާގެ ސިޓީއެއް ތިބާއަށް ލިބުނީއެވެ. އަވަސް އަރުވާލައިގެން ކިޔާލާފައި ނިންމައިލާނީ ހެއްޔެވެ؟ ނޫންނަމަ ވިސްނުންތެރިކަމާއިއެކު ކިޔައި އަދި ބުނެފައި ހުރި ކަންކަމަށް ޢަމަލުކުރާނީ ހެއްޔެވެ؟ ކީރިތި ޤުރްއާން ކިޔެވުމުގައިވެސް މިވިސްނުން ވިސްނައިގެން ނޫނީ ފައިދާއެއް ޙާޞިލު ނުކުރެވޭނެއެވެ!  

ކީރިތި ޤްރްއާން ކިޔެވުމުގައި ދެ ގޮތެއް އެބަ އޮތެވެ. އެތަނުން އެއް ގޮތަކީ މާނަ ނުއެނގުނު ނަމަވެސް ޢަރަބި ބަހުން އޮތް އެއްޗެއް ސާފުކޮށް އެނގޭ ގޮތަށް ކިޔެވުމެވެ. އަވަސް އަރުވާލައިގެން ކިޔަވައިގެން މި ބުނި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. ދެވަނަ ގޮތަކީ ކިޔެވޭ އާޔަތުގެ މާނަ އެނގޭ ގޮތަށް މާނައާއިއެކު ކިޔުމެވެ. އެންމެ މޮޅު އިތުރުވެގެންވަނީ އެގޮތެވެ.

ކީރިތި ޤްރުއާނުގެ މާނަ ލިޔެވިފައި ނެތް ބަހެއް މިހާރު ވަރަށް މަދުވާނެވެ. ނެތް ކަމަށްވެސް ބުނެވިދާނެއެވެ. ވީމާ އަރަބި ބަސް ނުއެނގުމަކީ ކީރިތި ޤްރުޢާނުގެ މާނަ ނުއެނގުމަށް މިހާރު ދެއްކެން އޮތް ބަހަނާއެއް ނޫނެވެ.  

އަހަރެން ޤަބޫލުކުރާ ގޮތް ބުނަން ހެއްޔެވެ؟ އެމީހަކަށް ކިޔެވުނުހައި އަވަހަކަށް ކިޔަވައި މަހަކު ގިނަ ޚަޠިމް ކުރުމުގެ ފައިދާއަށްވުރެ ބޮޑުވާނީ މަދުމިންވަރެއް ނަމަވެސް މާނަ ޢާއިއެކު ކިޔުމެވެ. ކިޔެވުނު މިންވަރުގައި ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާ އެއްޗެއް އެނގުމެވެ. މި ބަސް މިބުނީ މިވެނި ގޮތަކަށް ކިޔެވީމާ މިތައް ސަވާބު ލިބޭނެ ކަމަށް ބުނުމަކަށް ނޫނެވެ. އެއީ ﷲ ތައާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގޭނެ ކަމެއް ނޫނެވެ. ހަމައެކަނި ކީރިތި ޤްރުއާން ކިޔެވުމުގެ ބޭނުމަށް ބަލައިގެންނެވެ.  

ކޮންމެ ކަމެއްވެސް ކުރަނީ އެކަމަކުން ލިބެން އޮތް އެންމެ ބޮޑު ފައިދާއެއް ހޯދަން ނޫން ހެއްޔެވެ؟ ވީމާ ކީރިތި ޤްރުއާން ވެސް ކިޔަވަން ވާނީ ހަމަ އެ މަޤްޞަދުގައެވެ. ބޭނުމަކަށް ހަދަން ޖެހޭނީ ހަމައެކަނި ބާރު ސްޕީޑްގައި އަކުރުތައް ކިޔައިލުމެއް ނޫނެވެ. ކިޔެވޭ އެއްޗެއް އެނގުމެވެ.  

މިވާހަކަކޮޅު ދައްކަން މިޖެހުނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަސް އައުމުން ގިނަ ބައަކަށް ނުއެނގި ތިބެ ނަމަވެސް ކަންތައްތަކެއް ކުރެވޭތީއެވެ. ކުރެވޭ ކަންކަމުން ލިބޭނެ ފައިދާ އިތުރުވާނެ ގޮތް ބުނެދިނުމުގެ ބޭނުމުގައެވެ.

ކީރިތި ޤްރުއާނަކީ މުސްލިމުންނާއި ﷲ ތަޢާލާ ގުޅުވައިދޭ އެންމެ ފުރިހަމަ ވަސީލަތެވެ. އެހެންކަމުން ކީރިތި ޤްރުޢާން ކިޔަވަން ޖެހޭނީ އެބޭނުން ހިފޭ ގޮތަކަށެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް ރަމަޟާން މަސް ލައިގަތުމުން ގިނަ ބައަކަށް ހީވެފައި އޮންނަނީ ވީހައި ގިނައިން ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތެއް ފެށުނީ ކަމަށެވެ. އެއްގޮތަކަށްވެސް އެގޮތަށް އެކަން ނުކުރާށެވެ! ހަމައެއާއެކު ރަމަޟާން މަސް ނިމުމުންވެސް ކޮންމެ ދުވަހަކުވެސް ޤުރްއާނުން މިންވަރެއް ކިޔަވާ މީހަކަށްވާށެވެ! ޤުރްއާން ކިޔެވުމަށް ލޯބިކުރުމަކީ އެއީއެވެ.

ޙައްޖުމަސް ދާދިއަވަހަށް ބައްދަލުކުރާނެއެވެ. ގިނަ ބައަކު ފުރަތަމަ 10 ދުވަހު ރޯދަވެސް ހިފާނެއެވެ. އެދުވަސްތަކުގައިވެސް ޤުރްއާން ކިޔެވުން ގިނަކުރާށެވެ!  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން