ގިނަ ބައަކަށް ބޮޑެތި ފާތައް ކުރެވެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ގެންގުޅޭ ފޯނު ނުވަތަ ވަސީލަތްކަމަށް މިއޮތީވެފައެވެ. އެއީ އެއާލާތުގެ ސަބަބަކުން ނޫނެވެ. އެއިގެ ބޭނުން ނަހަމަ ގޮތުގައި ހިފޭތީއެވެ. ބަރަހަނާ މަންޒަރުތަކާ ވީޑިއޯތައް ބެލޭތީއެވެ.
އެކަން އެހިސާބަކުންވެސް ނުނިމެއެވެ. އެކަން ވެފައި މިވަނީ ގިނަ ބައެއްގެ ކައިވެނި ރޫޅެން މެދުވެރިވާ ސަބަބަށްވެސްމެއެވެ. އެސަބަބުތަކުގެ ވާހަކަ ޢިލްމްވެރިން ގެންދަވަނީ ބަޔާންކުރައްވަމުންނެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޤިޔާމަތް ދުވަހު ކުރިމަތިވާނެ މިކަންކަން އެނގުމުންވެސް ހިތަށް ބިރުވެރިކަމެއްވަދޭތޯއެވެ!
ޤަބޫލުކުރަން އުނދަގޫވިނަމަވެސް ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ ބައަކު އިންޓަރނެޓް ބޭނުންކުރަނީ ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތައް ބަލުމަށެވެ. އެންމެ ގިނައިން ޗެޓްކުރަނީ ހިލޭ މީހުންނާއިއެވެ.
މިކަމުން އެނގެނީ ކޮންކަމެއް ހެއްޔެވެ؟ އެންމެ ގިނަ ބައަކު ބަލަން އެންމެ ބޮޑަށް ޝައުޤުވެރިވަނީ ބަރަހަނާ މަންޒަރުތައްކަމެވެ. މިއީ މިއަދު އެކަން އޮތް ގޮތެވެ.
ކަން މިހެން އޮތްއިރު އާޚިރަތް ދުވަހު މީސްތަކުން މަޙްޝަރު ކުރައްވަވާނީ ދުނިޔެއަށް އުފަން ކުރެއްވެވި ގޮތަށެވެ. ވީމާ ދުނިޔެ ފެށުނީންސުރެ ނިމެންދެން ދުނިޔޭގައި އުޅުނު އެންމެން މަޙްޝަރު މައިދާނުގައި ތިބޭނީ ދުނިޔެއަށް އުފަން ކުރެއްވެވި ގޮތަށެވެ. އެއްވެސް ފޭރާމެއް ނެތިއެވެ.
Aisha reported: The Messenger of Allah, peace and blessings be upon him, said,
“The people will be assembled barefoot, naked, and uncircumcised.”
I said, “O Messenger of Allah, will the men and women look at each other?” The Prophet said,
“The matter will be too serious for them to notice.”
In another narration, the Prophet recited the verse,
“As We began creation, so shall We repeat it, a promise binding upon Us. Surely, We will do it.” (21:104)
Source: Ṣaḥīḥ al-Bukhārī 6075, Ṣaḥīḥ Muslim 5107
Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
އެހެންކަމާއިއެކުގައިވެސް އެއްވެސް މީހަކު އަނެކާގެ އައުރައަށް އެދުވަހަކު ނުބަލާނެއެވެ. ތިމާ އާއިމެދު ކަންތައް ވެދާނެ ގޮތަކާއި މެދު ގަނެފައި ތިބޭ ބިރު ބޮޑުކަމުން އެއްވެސް މީހެއްގެ ކިބައިގައި އެކަމަށް އެއްވެސް ޝައުޤްވެރިކަމެއް ނުހުންނާނެއެވެ. ކޮންމެ މީހަކުވެސް ހުންނާނީ ބިރުން ވިރިވިރިއެވެ. ތިމާގެ ހިސާބު ބެއްލެވުމުން ވާނެ ގޮތެއް ނުއެނގޭތީ އެވެ. ވަންނަން ޖެހޭނީ ނަރަކައަށް ނޫން ކަމާއިމެދު ގަނެފައިތިބޭ ބިރުގެ ބޮޑުކަމުންނެވެ. ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންވެސް ތިއްބަވާނީ ހަމަ އެބިރުވެރިކަމުގައެވެ.
އެދުވަހަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގެންވާ ދުވަސްކަމުގައި އެބޭކަލުންނަށް އެނގިވަޑައިގަންނަވާތީ އެވެ. ހިސާބު ބެއްލެވުން ލަސްވެ މީސްތަކުން އާދަމްގެފާނާއި ނޫޙުގެފާނާއި އިބްރާހީމްގެފާނާއި ޢީސާގެފާނުގެ އަރިއަހަށް ދިއުމުން "ނަފްސީ ނަފްސީ" އެވެ ވިދާޅުވެ ދެއްވަވާ ޖަވާބުން މިކަން އެނގިގެންދާނެއެވެ.
ވީމާ މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ބެލުންތައް ތިރިކުރާށެވެ! ފާފަވެރިނުވާށެވެ! ލޮލުން ކުރެވޭ ޒިނޭތައް ކުރުން އަވަހަށް ހުއްޓައިލާށެވެ! މިއީ ބަރަކާތްތެރި ރަމަޟާންމަހެވެ. ކުރެވިފައިވާ މިފަދަ ބޮޑެތި ފާފަތަކުން ތައުބާވުމުގެ މަހެވެ. ޢާޚިރަތް ދުވަހުގެ ބިރުވެރިކަމަށް ހޭލުންތެރިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން