އަނބިމީހާ ވަޒިފާއަދާކުރުމުން ލިބޭ މުސާރަ ބޮޑުވުމަކީ ދިރިއުޅުމަށް ޚަރަދުކުރަން މަޖުބޫރުވާނެ ސަބަބެއްތޯ؟
މިއީ ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލެކެވެ. ސުވާލުކުރެއްވި ސަބަބު ހާމަކުރައްވާފައެއް ނެތެވެ. މިބާވަތުގެ ސުވާލުތައް ގިނައިން ކުރަނީ ފިރިމީހާއަށް ލިބޭ މުސާރައިން ދިރިއުޅުމަށް ޚަރަދުނުކޮށް އަމިއްލަ ކަންކަމަށް ޚަރަދުކުރާތީކަން ފާހަގަކުރެވެއެވެ.
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ކައިވެނިކުރުމަށްފަހު އަނބިމީހާއަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ ފިރިމީހާގެ ކަމެކެވެ. އަނބިމީހާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަވެސް އަދި ބޮޑު މުސާރައެއް ލިބުނަސް ދިރިއުޅުމަށް ޚަރަދުކުރަން މަޖުބޫރެއް ނުކުރެވޭނެއެވެ. އަނބިމީހާ ރުހިގެން ޚަރަދުކުރާނަމަ އެއީ އޭނާގެ ހެޔޮކަމެވެ.
މިބާވަތުގެ މައްސަލަތައް ޢާންމު ގޮތެއްގައި ކުރިމަތިވަނީ ދެމަފިރިންގެ ގުޅުން ކުޑަވީމައެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ކުޑަވުމުންނެވެ. ޚަރަދުކުރުމުގެ ކަންކަމުގައި މަޝްވަރާނުކުރެވޭތީއެވެ. ދެފުށް ފެންނަ ގޮތަށް ޚަރަދުތައް ނުކުރެވޭތީއެވެ. އެކަންކަން ކުރެވޭނަމަ މިބާވަތުގެ މައްސަލަތައް ކުރިމަތިވެގެން ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ.
އަނބިމީހާއަކީ ހެޔޮލަފާ މީހަކުނަމަ ދިރިއުޅުމުގެ ޚަރަދުތައް އަނބިމީހާގެ ބެލުމުގެދަށުން ކުރީމާ އިޤްޠިޞާދުކުރެވި އެކަމުގެ ފައިދާ ދިރިއުޅުމަށްކުރާކަން އެނގިގެންދާ ވަރަށް ގިނަ ޙާދިސާތަކުގެ ވާހަކަ މިއަދުނޫހުގައި ވާނީ ގެނެސްދެވިފައެވެ.