ބައިވެރިޔާގެ ކިބައިން ހިތްދަތިކަމާ އަނިޔާލިބޭއިރުވެސް މަޑުންހުރުމެއް ދީނަކު ނެތް! ޞަޙާބީންވެސް މަޑުން ތިއްބެވީއެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބައިވެރިޔާގެ ކިބައިން ހިތްދަތިކަމާ އަނިޔާލިބޭއިރުވެސް މަޑުންހުރުމެއް ދީނަކު ނެތް! ޞަޙާބީންވެސް މަޑުން ތިއްބެވީއެއް ނޫން!

ކައިވެންޏާއިމެދު ބައެއް މީހުންނަށް ވިސްނެނީ ރަނގަޅަކަށް ނޫނެވެ. އެހެން ބުނަން މިޖެހެނީ ކައިވެނީގެ ތެރެއިން ހިތްދަތިކަމާ އަނިޔާލިބޭނަމަވެސް އެކަމުން ސަލާމަތްވާން މަސައްކަތްކުރަންޖެހިލުންވެ މަޑުންތިބޭތީއެވެ. ދީނުގައި އޮތީ ކޮންމެ ޙާލެއްގައިވެސް ބައިވެރިޔާއާއިއެކު އުޅެން ކަމަށް ވިސްނޭތީއެވެ.  

މިއީ އެކަން އޮތްގޮތެއް ނޫނެވެ. ކައިވެންޏަކީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ރަހްމަތެކެވެ. ކައިވެނީގެ ތެރެއިން އެކަކަށްވެސް ހިތްދަތިކަމާއި އަނިޔާލިބޭކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. ބޭނުންފުޅުވެ ވޮޑިގަންނަވަނީ ދެމީހުން ގުޅިގެން އުފަލުގައި ދިރިއުޅެ އަދި ސުވަރުގެ ދިއުމަށް ގަދައަޅައި މަސައްކަތްކުރުމަށެވެ.  

ވީމާ ކައިވެނީގެ ތެރެއިން ހިތްދަތިކަމާއި އަނިޔާ ލިބޭނަމަ އެކަން ތަޙައްމަލުކޮށްގެން ހުންނަން ނުވިސްނާށެވެ. އެކަންކަމުން އަރައިގަންނަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާށެވެ. އެއްވެސް މަގެއް ނުފެނުނުނަމަ އޮތީ ދެމީހުން ދުރުވުމެވެ. އެކަމަކުން ފާފަވެރިއެއް ނުވާނެއެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިގެނެއްވެސް ނުދާނެއެވެ.  

މިއީ ޞަޙާބީންގެ ޒަމާނުގައިވެސް ކުރިމަތިވި ކަންކަމެވެ. ޞަޙާބީ ބޭކަނބަލުންނަށް ފިރިންގެ ފަރާތުން ކަންކަން ކުރިމަތިވެވަޑައިގަތުމުން މަޑުން ތިއްބެވީއެއް ނޫނެވެ. އެކަންކަމުގެ ޝަކުވާ ކުރައްވަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިއަހަށް ވަޑައިގެންނެވިއެވެ. އެއިގެ ތެރޭގައި ޢާއިލާއަށް ޚަރަދުނުކުރުމުގެ މައްސަލަތައްވެސް ހިމެނެއެވެ. އެކަނަބަލުންގެ ޝަކުވާތަކުގެ އަޑުއައްސަވައި ޢަމަލުކުރައްވަވަންވީ ގޮތް އަންގަވައިދެއްވެވިއެވެ.  

މިކަމުން އެނގިގެންދަނީ ހިތްދަތިކަމާ އަނިޔާލިބެން ފުދިގެން ތިބުމެއް ނެތްކަމެވެ. މިނަޞީޙަތް މިދިނީ ވަކިމީހަކަށް ނޫނެވެ. ފިރިންނަށާއި އަނބިންނަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން