ހިތްދަތިކަން ނަމަވެސް ތަކްލީފެއް އުފުލަން ޖެހުން ނަމަވެސް ކުރިމަތިވާ ކޮންމެ މުޞީބާތަކާއިއެކުގައި ﷲ ތަޢާލާގެ ރަޙްމަތެއްވާކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އެކަމާއިގުޅޭގޮތުން ޢިލްމްވެރިންގެ ބަސްފުޅުތައް ތަފާތުވެދާނެއެވެ. ނަމަވެސް ހުރިހާ ޢިލްމްވެރިން އިއްތިފާޤްވާ އެއްކަމެއް އެބަ އޮތެވެ.
އެއީ މިބުނިފަދަ ކޮންމެ ޙާލތެއް ކުރިމަތިވިނަމަވެސް އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށް އިތުރަށް ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރުން ކަމެވެ. އެކަންކުރެވިއްޖެނަމަ ކުރިމަތިވި ކަންތައް ވެގެންދާނީ ލެއްވެވި ރަޙްމަތަކަށެވެ. ނުކުރެވިއްޖެނަމަ އެކަން ވެގެންދާނީ ލިބުނު ނިކަމެތިކަމަކަށެވެ. ވީމާ ފުރުޞަތުގެ ބޭނުން ހިފާނެ ގޮތެއް ކަނޑައެޅުން އޮތީ އެމީހެއްގެ އަތުގައެވެ.
ވީމާ ހިތްދަތިކަމެއް ކުރިމަތިވިޔަސް އަދި ތަކްލީފެއް އުފުލަން ޖެހުނަސް ފުރަތަމަ ކަމަށްވެސް ދެފަޔާއި ދެކަކުލާއި ދެއަތްތިލައާއި ނިތްކުރި ބިންމަތީގައި ޖައްސާށެވެ. މިބުނީ ސަޖިދަކުރުމުގެ ވާހަކައެވެ. ސަޖިދައިގައި އޮވެ ތިމާގެ ހުރި ނިކަމެތިކަން ބަޔާންކޮށް އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަންވުމަކީ އެއީއެވެ.
ދެން އޮތީ އެކަން ދެމެހެއްޓުމެވެ. އެކަން ދަމަހައްޓަން ކުރަން އޮތް ކަމަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުންމަތީގައި ހުރުމެވެ. އެއީ ނަހީކުރެއްވެވި ކަންކަން ނުކުރުމާއި ކުރަން އަންގަވާފައިވާ ކަންކަން ކުރަމުން ގެންދިއުމެވެ.
ހިތްދަތިކަން ނުވަތަ ތަކްލީފެއް އުފުލަން ޖެހުމުން މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައަކީ އެޙާލަތުގައި މިބުނި މަގުން ޢަމަލުނުކުރެވުމެވެ. މިބުނިފަދަ ޙާލަތުގައި އަހުރެން މިބުނި ގޮތަށް ޢަމަލުކުރި މީހުންވާނީ ﷲ ތަޢާލާގެ ރަހްމަތް ތަޖުރިބާކޮށްފައެވެ. އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން