ނަމާދަށް ޙަރަމްބަންނަފަހުން ސަފުތަކުން ހުސްވާ ޖާގަފުރުމުގައި ޢަމަލުކުރާނެ ގޮތަކާއިބެހޭ ގޮތުން ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
މިފަދަކަންކަމަށް ވިސްނަވާށެވެ!
މީހްރާބްގޭގެ ފަހަތުން މިސްކިތުގައި ހެދިފައިވާ އެންމެ ކުރީސަފުގައި 4 ވަނައަށް ހުރި މީހާ ނަމާދަށް ޤަމަތްދިނުމުން މިޙްރާބްގޭތެރެއަށްވަދެ ޖާގައެއް ހޯދީއެވެ. ސަފުގައި 3 ވަނައަށް ހުރި މީހާ 4 މީހާގެ މަޤާމަށް ޖެހިލައި އެ ޖާގަ ފުރިއެވެ. ނަމަވެސް ދެވަނައަށްހުރި މީހާ ހުރިގޮތަށް ހުރީއެވެ. އެއިރު ޙަރަމްބަނދެފައިވުމާއިވުމާއިއެކު އަތަކަށް ޖެހިލަން ބިރުގަތީއެވެ.
އެހެންކަމުން އެކަން އޮތްގޮތުގެ މައްޗަށް ބަލައިލަމާހެއްޔެވެ؟ ޙަރަމްބަނދެގެން ހުރިނަމަވެސް ހުސްޖާގައެއް ފުރަން އަތަކަށް ނުވަތަ ކުރީސަފަށް ޖެހުމަކީ ކުރަންޖެހޭ ކަމެކެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި:
"(ނަމާދުގެ ސަފަކުން ޖާގައެއް ހުސްވެއްޖެނަމަ) އެސަފުން ހުސްވި ތަންކޮޅު ސަފުގައި ތިބިމީހުން ކައިރިކައިރިއަށް ޖެހި ބައްދާލާނީއެވެ. އަދި އެގޮތަށް ހަރަކާތް ކުރުމަކުން އެބައިމީހުންގެ ނަމާދަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. ސަފުގައިވާ ހުސްތަން ފުރުމަށް އަޅާ ފިޔަވަޅަކީ އިންސާނާއަށް އެޅޭ އެންމެ ހެޔޮ ފިޔަވަޅުކަމުގައި ވެއެވެ."
މާތްﷲ ރުއްސުންލެއްވި އަބްދުﷲ ބުނު ޢުމަރު ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّي الله عليه وسلّم ހަދީޘްފުޅު ކުރެއްވިއެވެ.
من وصل صفاّ وصله الله ومن قطع صفاّ قطعه الله عزّ وجل (رواه احمد, وابوداود…..)
މާނައީ: ސަފެއް ގުޅުވައި ފުރިހަމަކޮށްފިމީހާ ﷲ އެކަލާންގެ ރަޙުމަތުން އޭނާ ގުޅުވާލައްވާނެއެވެ. އަދި ސަފެއް ކަނޑައިލައިފި މީހާ (އެބަހީ ސަފަކުން ބައެއް އުނިވުމުން އެތަން ފުރިހަމަ ނުކޮށްފިމީހާ) ﷲ އެކަލާންގެ ރަޙުމަތުން އޭނާ މަހުރޫމް ކުރައްވާނެއެވެ."
- މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް