ޢަލީ އިޙްޞާން ފިރާޤް
ސަލާމްލެއްވި މޫސާގެފާނަކީ، ކީރިތި ޤުރްއާނުގައި ނަންގަނެވިގެންވާ ފަންސަވީސް ނަބީބޭކަލުންގެ ތެރެއިން ޚާއްޞަ މަޤާމެއް ޙާޞިލު ކުރައްވައިފައިވާ ނަބީބޭކަލެކެވެ. އެކަލޭގެފާނަކީ އެއްވެސް މެދުވެރިއެއްނެތި، އަރަހުށި މާތްﷲ ބަސް ވަޙީ ކުރެއްވި ރަސޫލުބޭކަލެކެވެ. އެހެންކަމުން އެކަލޭގެފާނުގެ ނަންފުޅު کلیم اللّـه ގެ ލަޤަބުފުޅުން މަޝްހޫރުވެވަޑައިގެންފައިވެއެވެ.
ނަބީބޭކަލުންގެ ވާހަކަތަކުގެ ތެރެއިން، ކީރިތި ޤުރްއާނުގައި އެންމެ ތަފްޞީލުކޮށް ބަޔާންކުރައްވައިފައިވާ، ނަބީބޭކަލަކީ، މޫސާގެފާނެވެ. އެކަލޭގެފާނު ރައްކައުވުމުގެ ވާހަކަތަކާއި ތުއްޕުޅުއިރުގެ ވާހަކަތައް ބަޔާން ކުރައްވަމުން މާތްﷲ އެކަލޭގެފާނުގެ މައިކަނބަލުންގެ ވާހަކަވެސް ޤުރްއާނުގައި ބަޔާން ކުރައްވައިފައިއެވެ.
ފިރުޢައުނުގެ ހުވަފެން؛
މޫސާގެފާނު ދުނިޔެއަށް ވަޑައިގެންނެވި ދުވަސްވަރު މިޞްރުގައި ރެނދަލިކޮށްގެން ހުރީ ވަރަށް ނުބައިނުލަފާ ޖައްބާރު ފިރުޢައުނެކެވެ. ފިރުޢައުނަކީ މިޞްރުގެ ރަސްކަމުގައި ރެނދަލި ކުރާ ކާފިރު ރަސްރަސްކަލުންނަށް ދީފައިވާ ލަޤަބެކެވެ. އެއީ ވަކިން ޚާއްޞަ ރަސްކަލަކަށް ކިޔޭ ނަމެއް ނޫނެވެ.
އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. [ފިރުޢައުނަށް އެއްރެއަކު ވަރަށް ބިރުވެރި ހުވަފެނެއް ފެނުނެވެ. ބައިތުލް މަޤްދިސާ ދިމާއިން އަލިފާންގަނޑެއް ރޯވެގެން އައިސް މިޞްރުގެ ޤިބްތީންގެ ގެތައް އެއްކޮށް އަންދާ އަޅިޔަށް ހަދާލާ ތަނެވެ. ނަމަވެސް އެ އަލިފާންގަނޑުގެ އެއްވެސް އަސަރެއް ބަނީ އިސްރާއީލުބާގައިގެ އެއްވެސް މީހަކަށް ނުކުރެއެވެ. އެ އަލިފާންގަނޑުގެ ސަބަބުން އެބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ދެން ފިރުޢައުނުގެ ހުވަފެން ތަޢުބީރުކުރާ މީހުން ގެނެސްގެން އެ ހުވަފެނުގެ ތަޢުބީރު ބެލިއެވެ. ހުވަފެނުގެ ތަޢުބީރެއްކަމުގައިވީ، ބަނީ އިސްރާއީލުބާގައިގެ ތެރެއިން މީހަކު ފާޅުވެ، އޭނާއަތްޕުޅުން މިޞްރުގެ ރަސްކަން ވައްޓާލާނެކަމެވެ.
އިތުރު އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. ފިރުޢައުނުގެ އައުވާނުގެ ތެރެއިން މީހަކު، އޭނާ އަށް ޚަބަރު ކުރިއެވެ. ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ތިބެނީ އެބައިމީހުންގެ ތެރެއިން މީހަކު ފާޅުވެ، އެބައިމީހުންނަށް މިނިވަން ދައުލަތެއް ޤާއިމުކޮށްދޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ކޮންމެއަކަސް މިދެންނެވި ކަންތައްތަކާއި ޚަބަރުތަކުގެ ސަބަބުން ފިރުޢައުނު ވަރަށް ބޮޑަށް ހާސްވެކަންބޮޑުވެއްޖެއެވެ. އޭނާގެ ރަސްކަން އެހެން މީހަކު ފިރުކައިގެންފާނެ ކަމަށް ވަރަށް ބޮޑަށް ބިރުގަނެއްޖެއެވެ. އެހެންކަމުން ބަނީ އިސްރާއީލުބާގައިގެ ތެރެއަށް އަލަށް އުފަންވާ ހުރިހާ ފިރިހެންކުދިން މެރުމަށް އޭނާ ފަތްތޫރަ ހިންގިއެވެ. މި އަމުރުގައި އަންހެންކުދިން އިސްތިސްނާކޮށްފައިވެއެވެ. އަނިޔާވެރި ޖައްބާރު ފިރުޢައުނުވަނީ ބަނީ އިސްރާއީލުބާގައިގެ މީސްތަކުންލައްވައި، ގަދަފަދަ މަސައްކަތްތަކާއި، އެންމެ ދަށުދަރަޖައިގެ ހަޑި މަސައްކަތްތަށް ކުރަން ހަމަޖައްސާފައެވެ.
{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން، އެއްވަނަ ޖިލްދު، 224 އަދި 225 ވަނަ ޞަފްޙާ}
މިދެންނެވި ވާހަކައަށް އިޝާރާތް ކުރައްވައި ޤަޞަޞު ސޫރަތުގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވަނީ މިދަންވާ ފަދައިންނެވެ.
إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِّنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ ۚ إِنَّهُ كَانَ مِنَ الْمُفْسِدِينَ ﴿٤﴾
މާނައީ: [ހަމަކަށަވަރުން، فرعون، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ أهل ވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން قتل ކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، فساد ކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.]
ފިރުޢައުނާއި، އޭނާއަށް ތަބާވީ މީސްތަކުން، ބަނީ އިސްރާއީލުންގެ މީސްތަކުން ލައްވައި، ކުރުވާ ބުރަ މަސައްކަތްތަކުގެ ތެރޭގައި، ދަނޑު ހެއްދުމަށް ފަސްގަނޑުޖެހުމާއި، ދަނޑުގޮވާންކުރުމާއި، ބިނާތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މިފަދަ މަސައްކަތްތައް ނުކުރާ މީހުންގެ އަތުން ޓެކްސް ނަގައެވެ. އަދި އިރު އޮއްސުމުގެ ކުރީން، ޓެކްސް އަދާ ނުކޮށްފިނަމަ، އެމީހެއްގެ ދެ އަތް ކަރާއެއްކޮށް ހިލިހިލާ ޖަހައެވެ. {ކީރިތި ޤުރްއާނުގެ ތަފްސީރު ޑރ. ޢަބްދުއް ސައްތާރު ޢަބްދުއް ރަޙްމާން، ދަރުމަ މަޖައްލާ އޭޕްރީލް 2007}
ނަމަވެސް މާތްﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމެއްގެ އެންމެހައި ސަބަބުތައް ފަހި ކުރައްވައެއެވެ. އިންސާނުން ކިތަންމެ ތަދުބީރެއް ކުރި ނަމަވެސް، މާތްﷲ ގެ ތަޤުދީރުފުޅުގެ ކުރިމަތީގައި ތަދުބީރު ޖެހެނީ އިސްޖަހާށެވެ. މާތްﷲ އިރާދަކުރައްވައިފައިވަނީ، ބިމުގައި ނިކަމެތި ކުރެވުމުން ދިޔަ ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް ނިޢުމަތް ދެއްވުމަށެވެ. އެބައިމީހުންނަށް އޯގާވެރިވެވޮޑިގަތުމަށެވެ. ބޮޑާވެ ކިބުރުވެރިވެ، އަނިޔާވެރިވަމުން ގެންދިޔަ ފިރުއަޢުނުގެ ބާރު މުލުން ލުހެލެއްވުމަށެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް ޢިބްރަތަކަށް އެކަން ލެއްވުމަށް ޓަކައެވެ. މިކަމަށް އިޝާރާތް ކުރައްވައި ޤަޞަޞު ސޫރަތުގެ 5 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
وَنُرِيدُ أَن نَّمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ الْوَارِثِينَ﴿٥﴾
މާނައީ: "އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް نعمة ދެއްވުމަށެވެ. އަދި އެއުރެންނީ (އެހެންމީހުންނަށް މަގުދައްކާ) إمام ން ކަމުގައި ލެއްވުމަށެވެ. އަދި (فرعون ގެ ވެރިކަން) ވާރުތަވަނިވި މީހުން ކަމުގައި އެއުރެން ލެއްވުމަށެވެ."
މޫސާގެފާނު ރައްކައުވުން:
އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ. [ފިރުޢައުނުގެ އަމުރާ އެއްގޮތަށް ބަނީ އިސްރާއީލުބާގައިގެ ވަރަށް ގިނަ ކުޑަކުދިން މަރަމުން ގެންދިޔައެވެ. އޭގެ ސަބަބުން ބަނީ އިސްރާއީލުބާގައިގެ މީސްތަކުން މަދުވެ، އެބައިމީހުން ކުރަމުން ގެންދިޔަ ބުރަ މަސައްކަތްތައް ޤިބްތީންގެ މީހުން ކުރަން ޖެހިދާނެ ކަމުގެ ބިރު ޤިބްތީންގެ ހިތްތަކަށް ހީވާން ފެށިއެވެ. ދެން އެބައިމީހުން އެކަމާ މަޝްވަރާ ކުރުމަށްފަހު ފިރުޢައުނުގެ ހިރިޔާފާތުރާގެ ދަށަށް އެ މައްސަލަ ހުށައެޅިއެވެ. އެބައިމީހުން ބުންޏެވެ.
[މިކަން މިގޮތަށް ހިނގަނީނަމަ، އެބައިމީހުންގެ ބޮޑެތި ފިރިހެނުން މަރުވެނެތިގޮސް، އެބައިމީހުން ކުރަމުން ގެންދާ މަސައްކަތް އަޅުގަނޑުމެންނަށް ކުރަން ޖެހިދާނެއެވެ. އެބައިމީހުންގެ އަންހެނުންގައި ފިރިހެނުން ކުރާ ފަދަ ބުރަ މަސައްކަތް ކުރުމުގެ ބާރެއް ނުހުންނާނެއެވެ.]
މިބައިމީހުންގެ މިވާހަކަތައް އަޑުއަހައި، ދެއަހަރުން އެއް އަހަރު ބަނީ އިސްރާއީލުބާގައިގެ ފިރިހެން ކުދިން މެރުމަށް ފިރުޢައުނު އަމުރު ކުރިއެވެ. هارون عليه السّلام އުފަންވެވަޑައިގަތީ، ކުދިން ނުމަރައި ދޫކުރުމަށް އަންގާފައިވާ އަހަރެއްގައެވެ. موسى عليه السّلام އުފަންވެވަޑައިގަތީ ކުދިން މެރުމަށް އަމުރު ނެރެފައިވާ އަހަރުގައެވެ. މާބަނޑު އަންހެނުންގެ ކަންތައްތައް ބެލެހެއްޓުމަށް ފިރުޢައުނުވަނީ ޚާއްޞަ ފޫޅުމައިގެން ޓީމެއް ހަމަޖައްސާފައެވެ. އެބައިމީހުން ގޭގެއަށް ގޮސް މާބަނޑު އަންހެނުންގެ ނަންތައް ދަފްތަރެއްގައި ލިޔެ ލިސްޓު ކުރަމުން ގެންދެއެވެ. އަންހެނަކު ވިހަންވުމުން، ޤިބްތީންގެ ފޫޅުމައިން އައިސް އެ އަންހެން މީހާ ވިއްސައެވެ. ވިހެއީ އަންހެން ކުއްޖެއްނަމަ އެ ކުއްޖަކު ދޫކޮށްލައެވެ. ފިރިހެން ކުއްޖެއްނަމަ، އެ ކުއްޖަކު އެބައިމީހުންގެ ތޫނު ޚަންޖަރު ތަކުގެ ޝިކާރައަކަށްވެގެން ދެއެވެ.
موسى عليه السّلام ގެ މައިކަނބަލުން އެކަލޭގެފާނާއިގެން އާލާސްވެއިންނެވިއިރު އެކަމަނާގެ ފަރާތްޕުޅުން އާލާސްވެއިންނެވިކަމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އެކަމަނާ އާލާސްވެއިންނެވިކަން ޤިބްތީންގެ އެއްވެސް ފޫޅުމައަކަށް ފާހަގައެއް ނުކުރެވުނެނެވެ. ކޮންމެއަކަސް موسى عليه السّلام ގެ މައިކަނބަލުން އެކަލޭގެފާނާއިގެން ރައްކައުވެވަޑައިގެންނެވުމަށްފަހު ވަރަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން، ހަތްވަނަ ޖިލްދު، 379 ވަނަ ޞަފްޙާ}
ކޮންމެއަކަސް موسى عليه السّلام ގެ މައިކަނބަލުން އެކަލޭގެފާނާ މެދު ކަންބޮޑުވެ ވަޑައިގެންނެވުމުން، މާތްﷲ އެކަލޭގެފާނާމެދު ކަންތައް ކުރާންވީ ގޮތް އެކަމަނާއަށް އެންގެވިއެވެ. އިލްހާމުގެ ޒަރީޢާއިންނެވެ. އެއީ، އެކަލޭގެފާނަށް ދެރަގޮތެއް މެދުވެރި ކުރައްވަފާނެ ކަމަށް އެކަމަނާއަށް ބިރުފުޅު ހީވެއްޖެނަމަ، އެކަލޭގެފާނަށް ކިރުފޮދު އެރުވުމަށްފަހު ފޮށިކޮޅަކަށް ލައްވައި ނީލަކޯރުގެ ތެރެއަށް ދޫކޮށްލެއްވުމެވެ. މިކަމަށް އިޝާރާތް ކުރައްވައި، ޤަޞަޞު ސޫރަތުގެ 7 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَأَوْحَيْنَا إِلَىٰ أُمِّ مُوسَىٰ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِي الْيَمِّ وَلَا تَخَافِي وَلَا تَحْزَنِي ۖ إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ ﴿٧﴾
މާނައީ: [އަދި ތިމަންރަސްކަލާނގެ موسى ގެފާނުގެ މަންމައަށް إلهام ކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ! ފަހެ، ކަމަނާ އެކަލޭގެފާނުގެ މައްޗަށް ބިރުފުޅުގެންފިނަމަ، އެކަލޭގެފާނު (ފޮށްޓަކަށް ލައްވައިފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ! އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ކަމަނާއަށް ރައްދުކުރައްވާހުށީމެވެ. އަދި އެކަލޭގެފާނު رسول ންގެ ތެރެއިން ލައްވާހުށީމެވެ.]
موسى ގެފާނުގެ މައިކަނބަލުންގެ ނަންފުޅާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. ޤުރްޠުބީގެ ތަފްސީރުގައި ލިޔެވިގެންވެއެވެ. އެކަމަނާގެ ނަންފުޅަކީ، أَيَارْخَتْ ކަމަށާއި أَيَارْخَا ކަމަށް ސުހައިލީ ރިވާ ކުރައްވައިފައިވެއެވެ. ثعلبي ވިދާޅުވެފައިވެއެވެ. موسى ގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ، لَوْحَا بِنْتُ هَانِدَ بْنِ لَاوَى بْنِ يَعْقُوب އެވެ. {ތަފްސީރުލް ޤުރްޠުބީ، ޢަރަބި އެޑިޝަންގެ 16 ވަނަ ޖިލްދުގެ 232 ވަނަ ޞަފްޙާ}
އިމާމު އާލޫސީ ގެންނަވައިފައިވާ ރިވާޔަތެއްގައިވަނީ މޫސާގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ مَحْيانَةُ بِنْتُ يَصْهُرَ بْنِ لاوى ކަމަށެވެ. އޭނާގެ އެހެން ރިވާޔަތެއްގައިވަނީ يُوخابِذُ ކަމަށެވެ. އިމާމު ބަޣަވީ ލިޔުއްވައިފައިވަނީ މޫސާގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ يُوخَابِذُ بِنْتُ لَاوِي ކަމަށެވެ. ކޮންމެއަކަށް މިފަދަ ނަންތަކުގައި ޚިލާފު އުފެދިފައިވަނީ ޞައްޙަ ޙަދީޘަކުން ނުވަތަ ޤުރްއާނުގެ އާޔަތަކުން އެކަމަނާގެ ނަންފުޅު ޞަރީޙުކޮށް އައިސްފައި ނުވާތީއެވެ.
موسى ގެފާނަށް "މޫސާ" ގެ ނަންފުޅުން ނަން ކިޔިގެންވާ ގޮތާއި މެދު އިބްނު ޖަރީރުއް ޠަބަރީ ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނަށް، ޚަބަރު ލިބިފައިވާ ގޮތުގައި، އެއީ ޤިބްޠީ ބަހުގެ ދެ ކަލިމައެވެ. مو ގެ މާނައަކީ ފެނެވެ. سا ގެ މާނައަކީ ގަހެވެ. {ކީރިތި ޤުރްއާނުގެ ތަފްސީރު ޑރ. ޢަބްދުއް ސައްތާރު ޢަބްދުއް ރަޙްމާން، ދަރުމަ މަޖައްލާ މެއި 2007}
موسى ގެފާނުގެ މައިކަނބަލުންގެ ގެކޮޅު ހުންނަނީ ނީލަކޯރުގެ އައްސޭރީގައެވެ. އެކަމަނާ އެކަލޭގެފާނަށް ކިރުފޮދު އެރުމަށްފަހު، އެކަލޭގެފާނު އެ ފޮށިކޮޅުގެ ތެރެއަށް ލައްވައެވެ. އެކަމަނާގެ ގެކޮޅަށް ފިރުޢައުނުގެ އައުވާނުންގެ ތެރެއިން މީހަކު ނުވަތަ ޝައްކުކުރެވޭ ފަދަ މީހަކު އައިސްފިނަމަ، موسى ގެފާނު ފޮށިކޮޅުގެ ތެރެއަށް ލައްވައި އެ ފޮށިކޮޅު ނީލަކޯރުގެ އައްސޭރިއަށް ދޫކޮށްލައްވައެވެ. އަދި ފޮށިކޮޅުގައި ވާގަނޑެއް އައްސަވައި، އެވާގަނޑު ގަހެއްގައި ބަނދެލައްވައެވެ.
އެއްދުވަހަކު، އެކަމަނާގެ ގެކޮޅަށް އެފަދަ މީހަކު އައުމުން، ކުރިންދެނެވި ފަދައިން موسى ގެފާނުގެ ފޮށިކޮޅުގެ ތެރެއަށް ލައްވައި އެ ފޮށިކޮޅު ނީލަކޯރުގެ އައްސޭރިއަށް ދޫކޮށްލެއްވިއެވެ. ނަމަވެސް، އެފަހަރު އެކަމަނާ، އެފޮށިކޮޅުގެ ވާގަނޑު ގަހުގައި ބެންނެވުމަކަށް ހަނދުމަފުޅެއްނެތެވެ. ދެން އެފޮށިކޮޅު ކޯރުގެ އޮއިގައި ހިރެމުން ފިރެމުން ގޮސް، ލައްވީ ފިރުޢައުނުގެ ގަނޑުވަރު ކައިރިއަށެވެ. އެތަނުން ފިރުޢައުނުގެ އަނބިކަނބަލުންގެ ޚާދިމުންގެ ބަޔަކު، އެ ފޮށިކޮޅު ނަގައިގެން ގެންގޮސް، ފިރުޢައުނުގެ އަނބިކަނބަލުންގެ އަތްޕުޅަށް އެރުވިއެވެ. އެބައިމީހުން އެފޮށިކޮޅު ކަނޑައި ބެލުމުން ފެނުނީ ވަރަށް ރީތި ތުއްޕުޅު ފިރިހެން ބޭފުޅެކެވެ. މާތްﷲ ފިރުޢައުނުގެ އަނބިކަނބަލުންގެ ހިތްޕުޅުގައި، موسى ގެފާނުގެ މައްޗަށް ލޯތްބާއި ކުލުނުވެރިކަން އުފެއްދެވިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން، ހަތްވަނަ ޖިލްދުގެ 380 ވަނަ ޞަފްޙާ}
މިދެންނެވި ކަންތައްތަކުގެ ވާހަކަ ބަޔާން ކުރައްވައި ޤަޞަޞު ސޫރަތުގެ 8 ވަނަ އާޔަތާއި 9 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَالْتَقَطَهُ آلُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗإِنَّ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا كَانُوا خَاطِئِينَ ﴿٨﴾ وَقَالَتِ امْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّي وَلَكَ ۖ لَا تَقْتُلُوهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا وَهُمْ لَا يَشْعُرُونَ ﴿٩﴾
މާނައީ: "ފަހެ، فرعون ގެ أهل ވެރިން، އެކަލޭގެފާނު (އޮޔާދަނިކޮށް) ހޮވައި ނެގިއެވެ. އެއީ އެކަލޭގޭފާނު އެއުރެންނަށްހުރި عدوّ އަކަށް، އަދި ހިތާމައަކަށް ވުމަށްޓަކައެވެ. ހަމަކަށަވަރުން، فرعون އާއި، هامان އާއި، އެ ދެމީހުންގެ لشكر ވީ ކުށްވެރިން ކަމުގައެވެ.އަދި فرعون ގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ قتل ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ."
މިދެންނެވި ބީދައިން موسى ގެފާނާމެދު ކަންތައް ހިނގަމުން ދިޔަ އިރު އެކަލޭގެފާނުގެ މައިކަނބަލުންގެ ހިތްޕުޅުވަނީ މުޅިން ބޭގަރާރުވެފައެވެ. موسى ގެފާނާ ވަކިވެވަޑައިގެންނެވުމަކީ އެކަމަނާއަށް ބަރުދާސްތު ކުރަން ދަތިފުޅު ހިތާމައެކެވެ. އެކަމަނާގެ ހިތްޕުޅުގައި ވަނީ މުޅިންވެސް، موسى ގެފާނުގެ ހަނދާންތަކެވެ. އެދަރިކަލުންނަށްވާ ލޯތްބާއި ކުލުނުވެރިކަމެވެ. އެދަރިކަލުންނަށް ދެން ވާނެ ގޮތަކާމެދު އެކަމަނާ އިންނެވީ ނުހަނު ކަންބޮޑުވެވަޑައިގެންނެވެ. ނަމަވެސް އެކަމަނާގެ ހިތްޕުޅަށް މާތްﷲ ގަދަކަން ދެއްވިއެވެ. ސާބިތުކަން ދެއްވިއެވެ. އެހެންނޫންނަމަ، އެކަމަނާއަށް موسى ގެފާނާމެދު ކަންތައް ކުރެވުނު ގޮތް މީސްތަކުންގެ ގާތުގައި ފާޅުކުރެވުނީހެވެ. މިކަމަށް އިޝާރާތް ކުރައްވައި ޤަޞަޞު ސޫރަތުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވައި ފަދައިންނެވެ.
وَأَصْبَحَ فُؤَادُ أُمِّ مُوسَىٰ فَارِغًا ۖ إِن كَادَتْ لَتُبْدِي بِهِ لَوْلَا أَن رَّبَطْنَا عَلَىٰ قَلْبِهَا لِتَكُونَ مِنَ الْمُؤْمِنِينَ ﴿١٠﴾
މާނައީ: "އަދި موسى ގެފާނުގެ މައިކަމަނާގެ ހިތްޕުޅު (موسى ގެފާނު ފިޔަވައި އެހެން ހުރިހާ ކަމަކުން) ހުސްވެގެންވެއެވެ. ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅަށް ގަދަކަން ނުދެއްވިނަމަ، އެ ދަރިކަލުންގެ ކަންތައް އެކަމަނާ ފާޅުކުރައްވައިފީހެވެ. (އެއީ ހަރުދަނާ) مؤمن ންގެ ތެރެއިން އެކަމަނާ ވެވަޑައިގަތުމަށްޓަކައެވެ."
ކުރިންވެސް ދެންނެވި ފަދައިން، موسى ގެފާނުގެ މައިކަނބަލުން އިންނެވީ އެކަލޭގެފާނަށް ވެވަޑައިގެންނަވާނެ ގޮތަކާމެދު ނުހަނު ފިކުރުފުޅު ބޮޑުވެފައެވެ. އެހެންކަމުން، موسى ގެފާނު އޮންނެވި ފޮށިކޮޅު އޮޔާދާތަން ބެއްލެވުމަށްޓަކައި، އެކަލޭގެފާނުގެ އުޚްތު ފޮނުއްވިއެވެ. އެކަމަނާ ވަޑައިގެން، މީސްތަކުންނަށް ނޭނގޭނެހެން އެ ފޮށިކޮޅު އޮޔާގޮސް ލައްގާތަން ބައްލަވަމުން ގެންދެވިއެވެ. މިދެންނެވި ވާހަކައަށް އިޝާރާތް ކުރައްވައި، ޤަޞަޞު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَقَالَتْ لِأُخْتِهِ قُصِّيهِ ۖ فَبَصُرَتْ بِهِ عَن جُنُبٍ وَهُمْ لَا يَشْعُرُونَ﴿١١﴾
މާނައީ: [އަދި އެކަމަނާ موسى ގެފާނުގެ أخت އަށް ވިދާޅުވިއެވެ. އޭނާ (އޮޔާދާތަން ބަލަމުން) ފަހަތުންގޮސް ބަލާށެވެ! ފަހެ، އޭނާ ދުރުގައި ހުރެގެން އެހެންމީހުންނަށް ނޭނގޭގޮތުން އެކަލޭގެފާނަށް ބަލަމުންދިޔައެވެ.]
ދަރިކަލުން އަނބުރާ އެކަމަނާއަށް ރައްދުކޮށްދެއްވުން:
އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ. [موسى ގެފާނުގެ ކޯރުން ނަގައިގެން ފިރުޢައުނުގެ ގަނޑުވަރަށް ގެންގޮސް އެކަލޭގެފާނުގެ ޤަތުލު ނުކުރައްވާނެކަމަށް ފިރުޢައުނު ބުނުމުން موسى ގެފާނަށް ކިރުފޮދު އަރުވާނެ ކިރުމައިން، އެބައިމީހުން ގެންނަންފެށިއެވެ. ތަފާތު އެތައް ކިރުމައިން ގެނެސްގެންވެސް އެއިން އެކެއްގެ ގާތުންވެސް موسى ގެފާނު ކިރުފޮދެއް ނުހިއްޕެވިއެވެ. ދެން އެބައިމީހުން އެކަލޭގެފާނު އުރުވަޑުވައިގެން ބާޒާރު މައްޗަށް ދިޔައެވެ. އެތަނުން އެކަލޭގެފާނަށް ކިރުފޮދު އަރުވާނެ ރަނގަޅު ކިރުމަޔަކު ފެނޭތޯއެވެ. އެބައިމީހުންގެ މި މަންޒަރު موسى ގެފާނުގެ އުޚްތު ދެކެވަޑައިގެންނެވިއެވެ. އެއްވެސް ކިރުމައެއްގެ ގާތުން ކިރުފޮދު ހިއްޕެވުން، މާތް اللّـه سبحانه وتعالى، موسى ގެފާނަށް ވަނީ ޙަރާމް ކުރައްވައިފައެވެ. އެކަލޭގެފާނުގެ މައިކަނބަލުން މެނުވީއެވެ. {ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން ހަތްވަނަ ޖިލްދުގެ 382 އަދި 383 ވަނަ ޞަފްޙާ}
މިދެންނެވި ވާހަކައަށް އިޝާރާތް ކުރައްވައި، ޤަޞަޞު ސޫރަތުގެ 12 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَحَرَّمْنَا عَلَيْهِ الْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰ أَهْلِ بَيْتٍ يَكْفُلُونَهُ لَكُمْ وَهُمْ لَهُ نَاصِحُونَ ﴿١٢﴾
މާނައީ: [އަދި އޭގެކުރިން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެކަލޭގެފާނުގެ މައިކަމަނާ މެނުވީ) އެހެން ކިރުމައިން حرام ކުރެއްވީމެވެ. ދެން އެކަލޭގެފާނުގެ أخت ބުންޏެވެ. ތިޔަބައިމީހުންނަށްޓަކައި، އޭނާ ބަލަހައްޓައިދޭނެ ގެއެއްގެ أهل ވެރިން ތިޔަބައިމީހުންނަށް ތިމަން ދައްކަންހެއްޔެވެ؟ އަދި އެއުރެން އޭނާ ރަނގަޅަށް ބަލަހައްޓާނެތެވެ.]
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މިދެންނެވި އާޔަތުގައިވާ ފަދައިން، موسى ގެފާނުގެ އުޚްތު ވިދާޅުވުމުން އެބައިމީހުން އެކަމަނާއަށް ޝައްކު ކުރަންފެށިއެވެ. އެބައިމީހުން އެކަމަނާއަށް ބުންޏެވެ. [އެގޭގެ އަހުލުވެރިން، އެކުއްޖާފުޅު ރަނގަޅަށް ބަލަހައްޓައިދޭނެކަން ކަނބުލޭގެއަށް އެނގެނީ ކިހިނެތް ހެއްޔެވެ؟] އެކަމަނާ ޖަވާބު ދެއްވިއެވެ. [އެއީ އެބައިމީހުންނަކީ ރަސްގެފާނު އުފާފުޅުވާގޮތަށް ކަންތަށް ކުރާބަޔަކަށް ވާތީއެވެ. އަދި އެކަލޭގެފާނަށް ކިރުފޮދު އެރުވުމުގެ ސަބަބުން އުޖޫރައެއް ލިބޭނެކަމުގެ އުއްމީދުގައެވެ.]
ދެން އެބައިމީހުން އެކަމަނާ ދޫކޮށްލިއެވެ. އެކަމަނާގެ މައިކަނބަލުން ރަސްގެފާނުގެ ގަނޑުވަރަށް ގެނެސް އެ ދަރިކަލުންނަށް ކިރުފޮދު އަރުވާގޮތުގެ މަތީންނެވެ. ދެން އެކަމަނާ ވަޑައިގެން އެވާހަކަ އެކަމަނާގެ މައިކަނބަލުންނަށް ދަންނަވައި އެ ދަރިކަލުންނަށް ކިރުފޮދު އެރުވުމަށް ރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގެންނެވުމަށް ދެންނެވިއެވެ. އެކަމަނާ ވަޑައިގެން موسى ގެފާނަށް ކިރުފޮދު އެރުވުމުން އެކަލޭގެފާނު ކިރުފޮދު ހިތްޕަވަން ފެއްޓެވިއެވެ. ދެން އެ އުފާވެރި ޚަބަރު އާސިޔަތުގެފާނު ގެ ބާނދީން އެކަމަނާއަށް ފޮނުއްވިއެވެ.
ދެން އާސިޔަތުގެފާނު موسى ގެފާނުގެ މައިކަނބަލުން ގެންނަވައި އެކަމަނާއަށް ވަރަށް ގިނަ ވެދުން ބަރުތީލާ ކުރެއްވިއެވެ. އޭރު އެކަމަނާއަށްވެސް އެދަރިކަނބަލުންގެ މަންމާފުޅަކީ އެއީ ކަމެއް އެނގިވަޑައިގެންފައެއްނުވެއެވެ. ދެން އާސިޔަތުގެފާނު ގެ އަރިހުގައިން އެދަރިކަލުންގެ ބެއްލެވުމަށްޓަކައި ގަނޑުވަރުގައި އިންނެވުމަށް އެކަމަނާގެ އަރިހުން އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ އުޛުރުވެރިވެވަޑައިގެން ވިދާޅުވިއެވެ. [އަޅުގަނޑުގެ ފިރިއަކު އެބަހުއްޓެވެ. ބަލާނެ ދަރިންތަކެއް އެބަތިއްބެވެ. މިހެންވެ ކަމަނާގެ އަރިހުގައި ހުންނެވުން އަޅުގަނޑަށް ވާނީ ވަރަށް ދަތިކަމަކަށެވެ. އަޅުގަނޑުގެ ގޭގައި އެދަރިކަލުންނަށް ކިރުފޮދު އަރުވަން ކަމަނާ ރުހިވަޑައިގަންނަވާ ކަމުގައިވާނަމަ އަޅުގަނޑު އެކަން ކުރަން ތައްޔާރެވެ.] ދެން އާސިޔަތުގެފާނު އެކަމަށް ހުއްދަދެވިއެވެ. އެކަމަނާއަށް މަހު މުސާރައެއްވެސް ކަނޑައެޅުއްވިއެވެ. ހަދިޔާގެ ގޮތުގައި ހެދުމާއި މިނޫންވެސް ތަކެތި ދެއްވިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން، ހަތްވަނަ ޖިލްދުގެ 383 ވަނަ ޞަފްޙާ}
މިދެންނެވި ބީދައިން، موسى ގެފާނު އެކަލޭގެފާނުގެ މައިކަނބަލުންގެ ފުރިހަމަ އިނާޔަތާއި ބެއްލެވުމުގެ ދަށުން ބޮޑުފުޅުވާނެ ގޮތް މިންވަރު ކުރެއްވިއެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން ޙާޞިލު ކުރެއްވުމަށްޓަކައެވެ. އެކަމަނާ އެދަރިކަލުންނާމެދު ހިތާމަފުޅު ނުކުރެއްވުމަށްޓަކައެވެ. މާތް ﷲ ގެ ވަޢުދުފުޅަކީ ތެދު އެއްޗެއްކަން އެކަމަނާއަށް ހާމަކޮށް ދެއްވުމަށްޓަކައިމެއެވެ. ޤަޞަޞު ސޫރަތުގެ 13 ވަނަ އާޔަތުގައި މި ވާހަކަތައް ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
فَرَدَدْنَاهُ إِلَىٰ أُمِّهِ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ اللَّـهِ حَقٌّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴿١٣﴾
މާނައީ: [ފަހެ، ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ މައިކަމަނާއަށް އެކަލޭގެފާނު ރައްދުކުރެއްވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން حاصل ވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަ ނުކުރެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ، حق ތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް އެކަމެއް ނޭނގެތެވެ.]
موسى ގެފާނު މައިކަނބަލުން އެދަރިކަލުންނަށް ކިރުފޮދު އެރުވުމަށް ގެކޮޅަށް ވަޑައިގެންނެވި ނަމަވެސް ވަރަށް ގިނައިން އެދަރިކަލުންނާއެކުގައި މިޞްރުގެ ރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގެން އުޅުއްވައެވެ. މިދަންނަވައިލެވުނީ ކީރިތި ޤުރްއާނުގައި އުއްމު މޫސާ ނުވަތަ މޫސާގެފާނުގެ މައިކަނބަލުންގެ ވާހަކަ ބަޔާން ކުރައްވައިފައިވާ ގޮތެވެ.