ދަރިންނަށް ކިޔަވައިދީ ގެންގުޅެ ތަރުބިއްޔަތުކުރަމުން ތިއަ ގެންދަނީ އެކަނިހެއްޔެވެ؟ ބައްޕަ ހެއްޔެވެ؟ ނޫނީ މަންމަ ހެއްޔެވެ؟ ނުވަތަ މަންމައާއި ބައްޕަ ހެއްޔެވެ؟ ތިބާ އެންމެ އުފާވާނީ ދަރިންވެސް ގޮވައިގެން ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކަށް އެރުނީމައި ނޫންހެއްޔެވެ؟ ޖަވާބަކީ "އާނއެކޭ" ކަމަށްވާނަމަ މިދުރަސަށް ޢަމަލުކުރައްވާށެވެ!
އަޅުގަނޑުމެން މި ކީރިތި ޤޫރުއާނުގައި އަޅުގަނޑުމެން ހިފައި އޭގައިވާ އެއްޗަކަށް އަޅުގަނޑުމެން އަމަލު ކުރީމަ، ޤިޔާމަތް ދުވަހުން އަޅުގަނޑުމެންނަށް ޝަފާއަތްތެރިވާ އެއްޗަކަށް މި ޤުރުއާން އެބަވެއެވެ.
ޤިޔާމަތް ދުވަހުން އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެމީހެއް ކުރި ޢަމަލަކަށް އެދުވަހު ޝަޒާ ލިބޭނެ. ހެޔޮ ޢަމަލު ކުރި މީހުންނަށް ހެޔޮ ޖަޒާ ލިބޭނެ، ނުބައި ޢަމަލު ކުރާ މީހުންނަށް ނުބައި ޖަޒާ ލިބޭނެ. އެހެންވީމަ، އެދުވަހަކީ ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށް ސަލާމަތް ވުމަށްޓަކައި މަސައްކަތް ކުރާ ދުވަސް.
ﷲ ސުބުޙާނަހޫ ވަތަޢާލަ ވަޙީކުރައްވަނީ – "އެދުވަހަކީ އޭނަ އޭނަގެ މައިންބަފައިންނާއި މަންމަ އާއި ބައްޕައާއި، އޭނަގެ އަނބިމީހާ އާއި އޭނަގެ ދަރިންނާއި މި ހުރިހާއެންމެން ދޫކޮށްފަ އޭނަ އަމިއްލައަށް ސަލާމަތް ވުމަށްޓަކައި މަސައްކަތް ކުރާދުވަހޭ. މި ދުވަހު ކީރިތި ޤުރުއާން އުނގެނި ކީރިތި ޤުރުއާނަށް ޢަމަލުކޮށް އެ ކީރިތި ޤުރުއާނުގެ އަހުލުވެރިޔާއަށް މި ކީރިތި ޤުރުއާން މި ޝަފާއަތް ދެއްވުމަށްޓަކައި އަންނަނީ.
އެހެންވެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވަނީ "--- ތިޔަބައި މީހުން ކީރިތި ޤުރުއާން ކިޔަވާށެވެ. -- އޭރުން ޤިޔާމަތް ދުވަހުން މި ޤުރުއާން އަންނާނެޔޭ ޝަފާއަތްތެރި ވާ އެއްޗެއްގެ ގޮތުގައި." އޭގެ މާނައަކީ ޝަފާއަތްތެރި ވުމަކީ އެހީތެރިވުން. އަޅުގަނޑުމެން މި ޢަޒާބުން ސަލާމަތް ވުމަށްޓަކައި މަސައްކަތް ކުރާ ދުވަހުގައި އަޅުގަނޑުމެން އެހީތެރިވާނެ އެއްޗެކަށް އެދުވަހުން މި ކީރިތި ޤުރުއާން ވާނެއެވެ. އެހެންވީމަ، މިހާރުއްސުރެ އަޅުގަނޑުމެން ހިނގާށޭ ކީރިތި ޤުރުއާން ކިޔަވަމާ. އެހެންމަ ކީރިތި ޤުރުއާން ކިޔެވުމަކީ އަޅުގަނޑުމެންނަށް ޤިޔާމަތް ދުވަހުން އަޅގަނޑުމެންނަށް ޝަފާއަތްތެރި ވާނެ ޢަމަލެއް.
އެހެންވީމަ، ކީރިތި ޤުރުއާން ދަސްކުރަންވީ، ކީރިތި ޤުރުއާން އަޅުގަނޑުމެން އޭގަވާ އެއްޗެއް ބަލާ، އެ މުރާޖަޢާ ކުރަންވީ. ހަމަ އެގޮތަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވަވަނީ ޤިޔާމަތް ދުވަހުން މި ކީރިތި ޤުރުއާން ދަސްކުރާ މީހާއަށް ކީރިތި ޤުރުއާނުގެ އަހުލުވެރިޔާއޭ ބުނެވޭނެތޭ. --- ޤިޔާމަތް ދުވަހުން ޤުރުއާނުގެ އަހުލުވެރިޔާއަށް ބުނެވޭނެތޭ "ތިބާ ކިޔަވާށޭ" --- ތިބާ ކިޔަވަމުން ސުވަރުގޭގައި ދަރަޖަ އަކަށްފަހު ދަރަޖައެއް މައްޗަށް އަރަމުން ދާށޭ. ---"
ތިބާގެ މަންޒިލަކީ ކޮބާ؟ ތިބާގެ މަންޒިލަކީ އެންމެ ފަހުން ކިޔަވާ އާޔަތް. އެހެންވީމަ އަޅުގަނޑުމެން ސުވަރުގެއަށް ދިޔުމަށްފަހު އަދި ސުވަރުގޭގައި ބައިވަރު ދަރަޖަތައް އެބަ ހުރޭ. އެހެންވީމަ އެމީހަކު ކީރިތި ޤުރުއާނުން ދަސްކޮށްފަ އޮންނަ މިންވަރަކަށް އެމީހަކު ސުވަރުގޭގަ ދަރަޖައަކަށް ފަހު ދަރަޖައެއް އުފުލެމުން އެބަދޭ.
އެހެންވީމަ އަޅުގަނޑުމެންވެސް ވާންވީ އެންމެ މަތީ ދަރަޖަ ހޯދުމަށް މަސައްކަތް ކުރަން. އެހެންވީމަ މިހާރު ހަމަ އަޅުގަނޑުމެންވެސް ހަމަ ކީރިތި ޤުރުއާން ދަސްކުރަންވީ، އަޅުގަނޑުމެންގެ ދަރިންނަށްވެސަ ހަމަ މި މަޢުލޫމާތުތައް ހަމަ ކިޔާދޭންވީ. ޤިޔާމަތް ދުވަހުން އެމީހަކަށް ބުނެވޭނެތޭ، ތިބާ ދުނިޔޭގަ ކިޔެވި ފަދައިން ކިޔަވާށޭ. ކިޔަވަމުން ކިޔަވަމުން ދިބާގެ ދަރަޖަ އުފުލެމުން މައްޗަށް ދާށޭ.
އެހެންވީމާ މި ޤުރުއާނުގެ ކޮންމެ އާޔަތެއްވެސް އަޅުގަނޑުމެން ދަސްކުރާއިރު އަޅުގަނޑުމެންގެ ހިތަށް ގެންނަންވީ މި އާޔަތް ދަސްކުރުމުން އަޅުގަނޑުމެންނަށް ސުވަރުގޭގެ ދަރަޖައެއް އުފުލޭނެއެވެ. ދެންއޮތް އާޔަތް ދަސްކުރީމަ ދަރަޖައެއް އުފުލޭނެއެވެ.
އެހެންވީމަ އަޅުގަނޑުމެންގެ ދަރިން ޤުރުއާން ކްލާސްތަކަށް ލުމަށްފަހު އެކުދިން އަދި ގޭގަވެސް އެކުދިން ޤުރުއާން ހިތުދަސްކުރުމަށްޓަކައި، ކިޔެވުމަށްޓަކައި އަޅުގަނޑުމެން ބާރު އަޅާއިރުގަ އެކުދިންނަށް މި ކިޔާދޭންވީ މި ޙަދީޘްތައް އެކުދިންނަށް އިއްވަންވީ. އޭރުން އަޅުގަނޑުމެންނަށްވެސް އަދި އެ ކުދިންނަށްވެސް މިކަން ކުރުމަށްޓަކައި ބާރަކަށް ވާނެ.އަޅުގަނޑުމެން މި ދުނިޔޭގެ އުފާ ޙާސިލް ކުރުމަށްޓަކައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ.
- ޝައިޚް އަޙްމަދު އަޙްޞަންގެ ދަރުސަކުން
(އެނގިގެން މިދަނީ ކީރިތި ޤުރްއާން އުނގެނި، އުނގަންނައިދީ ޢަމަލުކުރުމަކީ ތިމާއަށާއި ދަރިންނަށް، ނުވަތަ ދަރިން ގޮވައިގެން ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އެރުމުގެ ފުރުޞަތު މައިންބަފައިންނަށް ދެއްވަވާފައިވާ ކަމެއްކަމެވެ!)