ޢާއިޝަތު ރަފާޙް ޢަލީ
ތިބާގެ ނިމުން އަންނާނީ ކިހިނެއް ހެއްޔެވެ؟ އުޘްމާން ބިން ޢައްފާން ރަޟިޔަﷲ ޢަންހު ޝަހީދުކޮށްލެވުނު ވަގުތު އެކަލޭގެފާނު އިންނެވީ ކީރިތި ޤުރުއާން ކިޔަވާވިދާޅުވާށެވެ. އެންމެ ފަހުން ކިޔަވާވިދާޅުވި އާޔަތަކީ فَسَيَكْفِيكَهُمُ اللَّهُ ۚ وَهُوَ السَّمِيعُ الْعَلِيمُ ﴿١٣٧﴾ މާނައީ: ފަހެ، اللَّه އެއުރެންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވައި ސަލާމަތްކަން ދެއްވާނެތެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (ބަޤަރާ 137)
އެކަލޭގެފާނުގެ ލޭފޮދު އޮހޮރިގެންދިޔައީ މުޞްޙަފުގެ އެ އާޔަތުގެ މައްޗަށެވެ. ޒާހިދު ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒް ރަޙިމަހުﷲ ޝަހީދުވެވަޑައިގެންނެވި ވަގުތު ކިޔަވާ ވިދާޅުވެވުނީ " تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا ۚ وَالْعَاقِبَةُ لِلْمُتَّقِينَ ﴿٨٣﴾ އެއީ آخرة ގެ (نعمة ގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި فساد ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ تقوى ވެރިންނަށެވެ." (ޤަޞަޞް 83) މި އާޔަތެވެ. އެއަށްފަހު އެކަލޭގެފާނު ލޯފުޅު މަރާލެއްވިއެވެ.
ކައްވަޅުގައި ތިބާ ބޭއްވޭހިނދު، ކީރިތި ޤުރުއާނަކީ ތިބާ ދަންނަ، ތިބާއާ ރައްޓެހި ގާތް އެކުވެރިއަކަށް ވާނެ ހެއްޔެވެ؟ ނުވަތަ އެއީ ތިބާއާ އަލަށް ބައްދަލުވާ ބީރައްޓެހި ތަނަކަށް ވާނެ ހެއްޔެވެ؟ މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ތަޤުވާވެރިވި މީހުންނަށް ދެންނެވުނެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮން އެއްޗެއް ހެއްޔެވެ؟ އެއުރެން ދެންނެވިއެވެ. ހެޔޮކަމެވެ. މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުރި މީހުންނަށް ހެޔޮ ދަރުމަ ހުއްޓެވެ. އަދި އާޚިރަތުގެ ގޮވައްޗަކީ މާ ހެޔޮވެގެންވާ ތަނެކެވެ. ތަޤުވާވެރިންގެ ގޮވައްޗަކީ ފަހެ، ކިހާ ރަނގަޅު ތަނެއް ހެއްޔެވެ؟" އެއީ އެތަނެއްގެ ދަށުން ފެންކާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަނުގައި އެމީހުން އެދޭ ކޮންމެ ކަމެއް އެމީހުންނަށް ލިބިގެންވެއެވެ. ތަޤުވާވެރިންނަށް މާތްﷲ ޖަޒާދެއްވަނީ އެފަދައިންނެވެ. އެއީ މަލާއިކަތުން އެމީހުންގެ ފުރާނަ ހިއްޕަވާހިނދު، އެމީހުންނަކީ ސާފުތާހިރު ހެޔޮލަފާ ބަޔެއްގެ ގޮތުގައި ތިބޭ މީހުންނެވެ. އެ މަލާއިކަތުން ވިދާޅުވާނެތެވެ. "ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ތިޔަބައިމީހުން ކުރި ހެޔޮ ޢަމަލުތަކުގެ ސަބަބުން ސުވަރުގެއަށް ވަންނާށެވެ."
ޤިޔާމަތް ދުވަހު ކޮންމެ މީހަކާވެސް ސުވާލުކުރެވޭނެއެވެ. ތިބާގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮން އެއްޗެއް ހެއްޔެވެ؟ ތަޤުވާވެރިން ޖަވާބުދޭނީ "ހެޔޮކަމެވެ" މިފަދައިންނެވެ. އެހިނދު މަލާއިކަތުން އެމީހުންނަށް ސަލާމްދަންނަވައި ސުވަރުގެއަށް ވަނުމަށް ބުނާނެއެވެ. މި ސުވާލުގެ ޖަވާބު ފެށެނީ މިހާރުން ފެށިގެންނެވެ.
މާތްﷲ ބާވައިލެއްވި ފޮތާއިމެދު ތިބާ ކަންތައްކުރީ ކިހިނެއް ހެއްޔެވެ؟ ޤުރުއާނުގެ އަހުލުވެރިޔާއަށް ކޮންމެ މަރުޙަލާއެއްގައިވެސް އިސްކަންދެވެއެވެ. މި ދުނިޔޭގައި ނަމާދުގައި އިމާމުވެ ނަމާދުކުރަންވާނީ ޤުރުއާން އެންމެ ބޮޑަށް ދަންނަ މީހާއެވެ. މަރުވުމަށްފަހު، އުޙުދު ހަނގުރާމައިގެ ޝަހީދުން ވަޅުލެއްވުމުގައިވެސް ނަބިއްޔާ ﷺ އިރުޝާދު ދެއްވީ ޤުރުއާން އެންމެ ގިނައިން ދަންނަ މީހާ އިސްކުރުމަށެވެ. ޤިޔާމަތް ދުވަހު އަންގަވާނެތެވެ. "ކިޔަވާށެވެ، އަދި މައްޗަށް އަރާށެވެ. ދުނިޔޭގައި ކިޔަވައި އުޅުނު ފަދައިން ރީތިކޮށް ކިޔަވާށެވެ."
ބަރުޒަޚުގެ ޢާލަމުގައި ވާނެ ގޮތް ތަޞައްވުރުކޮށްބަލާށެވެ. ސޫރަތުލް މުލްކަކީ ނަބިއްޔާ ﷺ އެ ސޫރަތެއް ކިޔަވައިވިދާޅުނުވެ އަވަހާރަފުޅު ނުލައްޕަވާ ސޫރަތެކެވެ. އެކަލޭގެފާނު އެ ސޫރަތަށް "މާނިޢާ" (މަނާކުރާ ސޫރަތް) އަދި "މުންޖިޔާ" (ސަލާމަތްކޮށްދޭ ސޫރަތް) ގެ ނަމުން ނަންދެއްވިއެވެ. އެ ސޫރަތް އިންސާނާ ސަލާމަތްކޮށްދެނީ ކިހިނެއް ހެއްޔެވެ؟
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. މީހަކު ޤަބުރުގައި އޮންނައިރު ފައިކޮޅުން (ޢަޒާބު) އަންނަން އުޅުމުން، ފައި ބުނާނެއެވެ. "މި ފަރާތުން އައުމުގެ މަގެއް ތިޔަބައިމީހުންނަކަށް ނެތެވެ. ސަބަބަކީ މިމީހާ ސޫރަތުލް މުލްކު ކިޔަވަން ކޮޅަށް ހުރެއެވެ." ދެން މޭކަށިގަނޑާ ދިމާލުން އަންނަން އުޅުމުން މޭ ބުނާނެއެވެ. "މި ފަރާތުން އައުމުގެ މަގެއް ނެތެވެ. މިމީހާގެ މޭގައި ސޫރަތުލް މުލްކު ރައްކާކުރެވިފައިވެއެވެ." ދެން ބޯކޮޅުން އަންނަން އުޅުމުން ބޯ ބުނާނެއެވެ. "މި ފަރާތުންވެސް އައުމުގެ މަގެއް ނެތެވެ. މިމީހާ މި ސޫރަތް ކިޔަވައެވެ." މިފަދައިން އެ ސޫރަތުގެ ތިރީސް އާޔަތް ކޮންމެ ފަރާތަކުންވެސް އެމީހަކު ހިމާޔަތްކޮށްދޭނެއެވެ.
އަދި އެހެން ޙަދީޘެއްގައިވެއެވެ. ކައްވަޅަށް ތެރެއަށް ރީތި މޫނެއްގެ ވެރި، މީރުވަސްދުވާ މީހަކު އަންނާނެއެވެ. އެއީ ކާކުތޯ ސުވާލުކުރުމުން އޭނާ ބުނާނެއެވެ. "އަހަރެން މިއީ ތިބާގެ އެކުވެރި ޤުރުއާނެވެ. ހޫނުގަދަ ދުވަސްތަކުގައި ތިބާ ފެންބޮވައިގަނެފައި ބެހެއްޓީ އަހަރެންނެވެ. ރޭގަނޑު ތިބާ ނިދިނަގާލައި ހޭލާ ބެހެއްޓީ އަހަރެންނެވެ. ކޮންމެ ވިޔަފާވެރިއަކީވެސް އެމީހެއްގެ ވިޔަފާރީގެ ފަހަތުގައިވާ މީހެކެވެ. މިއަދު އަހަރެން މިވަނީ ތިބާގެ ހުރިހާ ވިޔަފާރިއެއްގެ ފަހަތުގައެވެ." އެހިނދު " سَلَامٌ قَوْلًا مِّن رَّبٍّ رَّحِيمٍ ﴿٥٨﴾ " رحيم ވަންތަ ކަލެއްގެ حضرة ން އިއްވަވާ سلام ގެ ބަސްފުޅެވެ. (58) (ޔާސީން 58) ގެ އުފާވެރިކަން ލިބޭނެއެވެ.
ކައްވަޅުގައި ތިބާ އޮންނާނީ އެކަނިވެރިކޮށެވެ. އަހުލުވެރިންނެއް، މުދަލެއް، އަދި މަޤާމެއްވެސް ނޯންނާނެއެވެ. ނަމަވެސް ދުނިޔޭގައި ޤުރުއާނަކީ ތިބާގެ އެކުވެރިއަކަށް ވެފައިވާނަމަ، އެތަނުގައިވެސް އެ ޤުރުއާން ތިބާގެ އެކުވެރިއަކަށްވެ، ތިބާއަށް ހިތްހަމަޖެހުންދީ، ތިބާ ދިފާޢުކޮށް، ތިބާގެ ޤަބުރު ތަނަވަސްކޮށްދޭނެއެވެ. ޤުރުއާން އޭގެ އެކުވެރިން ހޯދައެވެ. ޤުރުއާން ބޭނުންވަނީ ތިބާއާއެކުވާށެވެ. ނަމަވެސް ޤުރުއާން ދޫކޮށްލައި، ހަނދާން ނައްތާލާ މީހަކަށް އެ ޤުރުއާން އެހީއެއް ނުވާނެއެވެ. މި ގުޅުން ބިނާކުރަންޖެހެނީ މި ދުނިޔޭގައެވެ.
- އައްޝައިޚް އަޙްމަދު ނުފައިސް
- މިއަދުނޫސް