ޤިޔާމަތްވުމާއި ޤިޔާމަތް ދުވަހުގެ ވާހަކަތައް
ދައްކަންވީ ﷲ ތަޢާލާގެ އަމުރުފުޅަށް މާދަމާ ތާޅަފިލި ފުންމަވައިލައްވަވައިފާނެކަމަކަށް ނޫނެވެ. ޤިޔާމަތް ދުވަހާއިމެދު ހިތަށް ބިރުވެރިކަން ވެއްދުވޭތޯއެވެ. ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެކަމާއިމެދު ހިތަށް ބިރުވެރިކަން ވެއްދުވޭތޯއެވެ؟ އެކަން ނުކުރެވޭނަމަ ޢަމަލުތައް އިޞްލާޙްކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ދެން އޮތްކަމަކީ ދުނިޔެ ނިމި ޤިޔާމަތް އަދި ނުވިޔަސް މިއަދު މަރުވާ މީހުންނަށް އެޤިޔާމަތްވަނީއެވެ. ކުރިން މަރުވެގޮސްފައިވާ އެންމެންނަށް އެއޮތީ ޤިޔާމަތްވެފައެވެ. ދުނިޔެއަށް ޤިޔާމަތް ނުވިޔަސް މީހާއަށް ޤިޔާމަތްވުމުން އެމީހަކަށް އެއޮތީ ޤިޔާމަތްވެފައެވެ. ދެން އޮންނާނީ ކައްވަޅުން ތެދުވަންޖެހުމެވެ. އެކަން ހިނގާނީ ތާޅަފިލި ފުންމަވައިލެއްވެވުމުންނެވެ. އެކަމުގެ މަލާއިކަތާ މިހާރުވެސް ހުންނެވީ ތާޅަފިލި ތުންފަތްޕުޅުގައި ޖައްސަވައިގެން ﷲ ތަޢާލާގެ އަމުރުފުޅުގެ އިންތިޒާރީގައެވެ!
އަދިވެސް އެއްވާހަކަ ބުނެލާނަމެވެ! އެމީހެއްގެ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތާ އެމީހާގެ ލޮލަށް ފެންނަ ޙިސާބުން އެމީހެއްގެ ޢަމަލުތައް ބަންދުކުރައްވަވާނެއެވެ. ތައުބާއެއްވެސް ނުވެވޭނެއެވެ. އެންމެ ސަޖިދައެއްވެސް ނުޖެހޭނެއެވެ. އަނގައިންވެސް ނުބުނެވޭނެއެވެ. ޝަހާދަތްކިޔޭނީވެސް ދުނިޔޭގައި އުޅުނުއިރު ޝަހާދަތްކިޔައި ޢަމަލުކުރި މީހަކަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ސުވާލު:. ޝެއިޚް، ވަރަށް ބޮޑު މަޢުޟޫއެއް. ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމާތްތަކުގެ ވާހަކަ. ދެން އަޅުގަޑު ހިތަށް އަރަނީ ފުރަތަމައިނުން މި މަޢުޟޫއަށް ވަނުމުގެ ކުރިން މަޢުޟޫގައި މިބުނާ ބޮޑެތި ޢަލާމާތްތަކޭ، (ޢަލާމާތްތަކޭ) މިބުނާ ބަހުގެ މުރާދަކީ ނުވަތަ މާނައަކީ ކޮބައިތޯ ސާފުކޮށްލަދެއްވަފާނަންތޯ؟
ޖަވާބު:. އާދެ! الْحَمْدُ لله وَالصَّلاَة وَالسَّلاَمُ عَلّى رَسُواللهِ ، أَمَّا بَعْدة : ޢަލާމާތްތައް، ޢަރަބި ބަހުގައި ވަރަށް ގިނަގޮތަށް މާނަ ކުރޭ. އެގޮތުން ޢަލާމާތޭ ޢާއްމުކޮށް މިބުނަނީ ކަމެއް ވުމުގެ ކުރިން އެކަމެއް ވާނެކަން ދަލާލަތުކުރާ ނުވަތަ އެކަމެއް އެބަ އާދެއޭ، މިކަމެއް ކުރިމަތި ލާންށޭ މިއުޅެނީ. ކިޔާފަ ފެންނަ ބައެއްކަހަލަ ކަންތައްތަކަށް ޢަރަބި ބަހުގައި ޢަލާމާތޭ ކިޔާ. ދެން ޤިޔާމަތުގެ ޢަލާމާތް މިހެން މިކިޔަނީ ޤިޔާމާތް ދުވަހަށް ނިޞްބަތްކޮށް. އަޅުގަނޑުމެން ކިޔަން އާޚިރަތް ދުވަހޭވެސް. އާޚިރަތަކީ ޢަރަބި ބަހުގަ އެއްމެ ފަސް. އޭގެ މާނައަކީ އެއްމެ ފަހުދުވަހޭ އެއީ. އެދުވަހަށް ފަހު އިތުރު ދުވަހެއް ނޯންނާނެ. އެހެންވީމަ ޤިޔާމާތުގެ ޢަލާމާތޭ މިބުނަނީ އެދުވަސް އަޅުގަނޑުމެންނަށް ކުރިމަތިވެ، ބައްދަލުވުމުގެ ކުރީގައި އަޅުގަނޑުމެންނަށް ފެނިގެންދާ ބައެއްކަހަލަ ކަންތައްތަކުގެ ވާހަކަ.
-- އައްޝެއިޚް އަބްދުﷲ ސަޢުދާން.