ޙައިޟުވުމުގެ ސަބަބުން ގެއްލޭ ރޯދަ ޤަޟާކުރަން
މުޅިއަހަރު ލިބޭތީ އެކަމަށް ބަލައި ގެއްލުނު ރޯދަތައް ޤަޟާކުރުން ލަސްކުރާ މީހުން ތިރީގައިވާ ލިޔުން ކިޔައި ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރަމެވެ. މިއީ ހަނދުމަކޮށްދިނުމެކެވެ. ހެޔޮކަމުގެ ޘަވާބު އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް ގޮވައިލުމެކެވެ.
ރަމަޟާން މަހު ޙައިޟުވުމުން ބައެއް އަންހެނުން ވަރަށް ބޮޑަށް ކަންބޮޑުވެގެން އުޅެއެވެ. ނަމަވެސް އެއީ ހަމަ ބޭކާރު ކަންބޮޑުވުމެކެވެ. އެހެނީ ޙައިޟުވެގެން ގެއްލޭ ރޯދަ، ފަހުން ޤަޟާކުރި ނަމަވެސް ހަމަ ރަމަޟާން މަހު ރޯދަ ހިފުން ފަދައެވެ. ސަބަބަކީ ޙައިޟުވުމަކީ އެއްވެސް އަނހެނަކު އަމިއްލައަށް ކުރާ ކަމެއް ނޫނެވެ. އެއީ ﷲ ތާޢާލާ މެދުވެރިކުރައްވަވާ ކަމެކެވެ. އެކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ދުވަހުއެވެ. ކަނޑައަޅުއްވަވާފައިވާ ވަގުތުގައެވެ.
ވީމާ އެއްވެސް އަންހެނަކު އެކަމާއި ދެރަ ނުވާށެވެ! ޙައިޟުގެ ލޭ ހަމަ ފެނުމާއިއެކު ރޯދަ ދޫކޮށްލާށެވެ! އެހެނީ އެހިސާބުން ރޯދަ އެވަނީ ނިމިފައެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަކީ އެއީއެވެ. ﷲ ތައާލާ ލޯބިވެވޮޑިގެންވަނީ އެކަލާނގެއަށް ކިޔަމަންތެރިވާ އަޅުންނަށެވެ.
އަނެއް ކަމަކީ ރަމަޟާން މަސް ނިމުމުން ދަރަނި ރޯދަތައް ފަހުން ހިފަން ނުބެހެއްޓުމެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް ވީހައި އަވަހަކަށް އަދާކުރަންވާނެއެވެ. އެކަމުގައި އަވަސްވެގަތުމަކީ އިތުރު ސަވާބާއި ދަރުމަ ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ!
ތިބާއަށް ގެއްލުނީ 10 ރޯދަ ކަމަށްވެދާނެއެވެ. އެ ދިހަ ރޯދަ ހިފައި ނިންމިހާ އަވަހަކަށް މުޅި ރަމަޟާން މަހު ރޯދަ ހިފުމުގެ ސަވާބު ﷲ ތަޢާލާ ތިބާއަށް ދެއްވަވާނެތެވެ. ވީމާ ރަމަޟާން މަސް ނިމުމާއިއެކު ގެއްލުނު ރޯދަތައް އަވަހަށް ޤަޟާކުރާކުރާށެވެ! މުޅި ރަމަޟާން މަހު ރޯދަ ހިފިކަމުގެ ސަވާބު އަވަހަށް ލިބިގަންނާށެވެ! އެއަށްފަހު ޝައްވާލު މަހުގެ ސުންނަތް 6 ރޯދަ ހިފުމަށް އަވަސްވެގަންނާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން