ސުންނަތް ނަމާދުތައް ކުރުން އެންމެ ރަނގަޅީ ޢާއިލާ އާއިއެކު ގޭގައެވެ. ޚާއްޞަކޮށް ރޭގަނޑުގެ ފަހު ދަންފަޅީގައި ޢާއިލާ އާއިއެކު ސުންނަތް ނަމާދު ކުރުމަކީ ވަރަށް މަތިވެރި ހެޔޮ އަމަލެކެވެ. ވީމާ ވަގުތު އޮތް ވަރަކުން ޢާއިލާ އާއިއެކުގައި ސުންނަތް ނަމާދުތައް ކުރާށެވެ.
ދުޢާ އިޖާބަ ކުރެއްވެވުން އެންމެ ގާތް ވަގުތަކީވެސް ރޭގަނޑުގެ ފަހު ދަންފަޅިއެވެ. ވީމާ އަނބިން ދަރިން ފިރިން ހޭލައްވާށެވެ. ގިނަ ގިނައިން ހެޔޮ ދުޢާކުރާށެވެ. އެއިރުން ދަރިންނަށްވެސް އެކަން ދަސްވާނެއެވެ. މައިން ބަފައިން އެކަމަށް ދިން ސަމާލުކަން ދަރިންނަށް އެނގުމަކީ އެކުދިންވެސް އެކަމަށް އިތުރަށް ޝައުޤްވެރިވާނެ ކަމެކެވެ. އެކަންވާނީ ދަރިންނަށްވެސް ކޮސްދެވޭނެ އެންމެ ހެޔޮ ކަންތަކަށެވެ. އިން ޝާ ﷲ
ފިރިން އަނބިންނަކީ ޞާލިޙް އަޅުން ކަމުގައި ލައްވަވާތޯ ދުޢާކުރާށެވެ. އަނބިން ފިރިންނަކީ ވެސް ޞާލިޙް އަޅުން ކަމުގައި ލައްވަވާތޯ ދުޢާކުރާށެވެ. ދަރިން ލައްވައިވެސް ދަރިން ބައިވެރިކޮށްގެންވެސް ދުޢާކުރުން ގިނަކުރާށެވެ.
--ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން