ޤުރްއާން ކިޔަވައި ޢަމަލުކުރާ މީހެއްގެ ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ނުއަންނަނަމް އެއީ މައްސަލައެއް! އޮތީ ތިމާއަށް ދެން ކުރެވޭ ޢަމަލުތަކަށް ވިސްނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
ޤުރްއާން ކިޔަވައި ޢަމަލުކުރާ މީހެއްގެ ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ނުއަންނަނަމް އެއީ މައްސަލައެއް! އޮތީ ތިމާއަށް ދެން ކުރެވޭ ޢަމަލުތަކަށް ވިސްނުން!

ކީރިތި ޤުރްއާނަކީ ހަމައެކަނި ފޮތެއް ކަމަށް ނުދެކޭށެވެ. އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކެވެ. އެކަން ހިތްމައްޗަށް ގެނެސްގެން ކިޔަވަންވާ ގޮތަށް ކިޔަވައި ޢަމަލުކުރާނަމަ އެމީހެއްގެ ދިރިއުމަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މިލިއަނުން އަތަށް ފައިސާނުއެރިނިމަވެސް ހިތްހަމަޖެހުން ލިބި އުފަލުގައި ދިރިއުޅެވޭނެއެވެ.  

މިބުނިމަގުން ޤުރްއާން ކިޔަވާމީހާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ނުއަންނަނަމަ ބިރުވެތިވާށެވެ. ތިމާއަށް ދެންކުރެވޭ ޢަމަލުތަކަށް ވިސްނާށެވެ. ތިމާއަށް ކުރެވޭ ނުރަނގަޅު ކަންކަން ދެނެގަނެ އެކަންކަން އިޞްލާޙްކުރާށެވެ! 

ކުރާ ޢަމަލުތަކުގެ ފައިދާ ފެންނާނީ ތަޤްވާވެރިވެވިގެންނެވެ. ތިމާއަށް ކުރެވޭ ކުށްތައް އިޞްލާޙްކޮށްގެންނެވެ. ހެޔޮ ޢަމަލުތައްކުރަމުންވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ކުރެވޭނަމަ ކުރާ ހެޔޮޢަމަލުތަކުން ލިބެންވާ ފައިދާއެއް ނުލިބޭނެއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ކީރިތި ޤުރްއާނުގެ ބާރު މިހާރުވެސް ލޯތަކަށް ދައްކަވާކަން ޔަޤީންކުރެވޭނެއެވެ. އިން ޝާ ﷲ

ޤުރްއާން ކިޔެވުމުން ބޮޑު ހޮސްޕިޓަލަކަށް ލޮޅުންއެރިގޮތުގެ ވާހަކަ-:  

ކީރިތި ޤުރްއާނާއި އެއިގެ ބަރަކާތަކީ ދުނިޔެ އޮތްހައި ދުވަހަކަށް ދެމިގެންދާނެ އިލާހީ މުޢްޖިޒާތްތަކެވެ. އެކަން އެކިދުވަސްވަރު އެކިމީހުންނަށް އެކި ގޮތްގޮތަށް ދައްކަވަތެވެ. އެއިގެ އިތުރުން ޤުރްޢާނުގެ އަހުލުވެރިންގެ ހިތްތަކަށް އެފަދަ މުޢްޖިޒާތްތައް އަބަދުވެސް ފެނެއެވެ. ދާނީވެސް ފެންނަމުންނެވެ.  

މުސްލިމުން އަބަދުވެސް ޤުރްއާން ކިޔަވައެވެ. ރަމަޟާން މަސް އައުމުން ކިޔެވުން ގިނަކުރެއެވެ. ސުވާލަކީ ކިޔަވާއިރު ކުރެވެނީ ކިހައި ވަރެއްގެ ކަމެއްކަން ހިތަށް ގެނެވޭހެއްޔެވެ؟ ދޭންޖެހޭ ސަމާލުކަން ދެވޭހެއްޔެވެ؟  

"ޢިލްމްވެރިއަކު ހޮސްޕިޓަލުގައި އޮތް ބަލިމީހަކަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އޭނާގެ މޭމަތީގައި އަތްޕުޅު ބޭއްވެވުމަށްފަހު ކީރިތި ޤްރްއާނުގެ ޢާޔަތެއް ވިދާޅުވިއެވެ. އެވަގުތު މުޅި އިމާރާތަށް ދިއައީ ލޮޅުން އަރައިގެންނެވެ." 

މިފަދަ މުޢްޖިޒާތްތައް އަބަދު ނުފެނިދާނެއެވެ. ނަމަވެސް އަހަރެމެން މިކިޔަވަނީ ހަމަ އެ ކީރިތި ޤްރުއާނެވެ. ޤްރުއާން ބާވައިލެއްވުނީ ފަރުބަދައަކަށް ކަމަށްވީނަމަ އެފަރުބަދަ ބިރުން ފުނޑުފުނޑުވެ ވެއްޔަށް ވެގެން ދިއައީސްކަން އެނގެން އޮތް ކީރިތި ޤްރުއާނެވެ. އެހެންކަމުން ކީރިތި ޤްރްއާން ކިޔަވާނަމަ އެއަށް ބިރުވެތިވާން ޖެހޭނެ މިންވަރު މިއޮތީ އެނގެން ނޫން ހެއްޔެވެ؟ ކީރިތި ޤްރްއާން ކިޔަވާއިރު ހިތަށް އެފަދަ ބިރުވެރިކަމެއް ނުގެނެވޭނަމަ މި ކިޔެވެނީ ކީރިތި ޤްރްއާން ހެއްޔެވެ؟  

ރަމަޟާން މަހަކީ ކީރިތި ޤްރުއާނުގެ މައްސަރު ކަމަށް ކަނޑައެޅީ އަހަރެމެންނެއް ނޫނެވެ. އެ ޤްރުއާން ބާވައި ލެއްވެވި ހރުހާ ކަމަކަށް ކުޅަދުންވަންތަ، ހުރިހާ ކަންކަން އެންމެ މޮޅަށް ދެކެ ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ.ރަމަޟާން މަހަކީ ކީރިތި ޤްރުއާނުގެ މައްސަރު ކަމަށް ވެގެން ދިއައީ ކީރިތި ޤްރްއާން ބާވައިލައްވަން ފެށްޓެވުނީ ރަމަޟާން މަހެއްގައިކަމަށްވުމުންނެވެ. މިއީ ﷲ ތަޢާލާގެ ނިންމެވުންތަކެވެ.

ކީރިތި ޤްރްއާނުގައިވާ ކޮންމެ އަކުރަކީ ވެސް ﷲ ތަޢާލާގެ ވަޙީއެވެ. އެކަން ހުރިހާ މުސްލިމުންވެސް ޤަބޫލުކުރަމުއެވެ. ރަމަޟާން މަހުގައި އަހަރެމެން ކީރިތި ޤްރްއާން ކިޔަވައި އުޅެމުއެވެ. ކިޔެވުން ގިނަ ކުރަމުއެވެ. ނަމަވެސް ސުވާލަކީ މިކިޔަވަނީ ކޮން އެއްޗެއްކަން އެނގި، އަދާކުރަން ޖެހޭ އަދަބު އިޙްތިރާމް އަދާކޮށްގެން ކިޔަވަނީ ކިތައް މީހުން ހެއްޔެވެ؟ ހަމަ ވަރަށް އާދައިގެ ސުވާލެއް ކޮށްލާނަމެވެ. ޤައުމެއްގެ ވެރިއަކު ލިޔުމެއް ލިޔެފައި އެ ލިޔުން ކިޔަން ޙަވާލުކޮށްފިނަމަ އެ ލިޔުމުގެ އެންމެ އަކުރެއް ފިއްޔަކަށް ބަދަލު ނުގެނެސް ކިޔަން މަސައްކަތްކުރަމު ނޫން ހެއްޔެވެ؟ ސުވާލަކީ ރައްބުލްޢާލަމީން 7 އުޑުގެ މަތިން ބާވައި ލެއްވެވި ކީރިތި ޤްރްއާން ކިޔަވާއިރު ސަމާލުކަން ދެވެނީ ކިހައިވަރަކަށް ހެއްޔެވެ؟  

މީސްތަކުންނޭވެ! ކީރިތި ޤްރްއާން ކިޔަވަންވާނީ މިކިޔެވެނީ ކިހައި ވަރެއްގެ އެއްޗެއްކަން ހިތް މައްޗަށް ގެނައުމާއިއެކުގައެވެ. ކޮންމެ އަކުރަކަށް ވެސް ދޭންޖެހޭ ސަމާލުކަން ދީގެންނެވެ. ތަޖްވީދު މަގުން ކިޔެވުމަށް ސަމާލުކަން ދީގެންނެވެ. އަކުރު އަކުރަށް ކިޔަމުންނެވެ. ކީރިތި ޤްރްއާން ބާވައިލައްވަވާފައިވަނީ ޢަރަބިބަހުން ކަމަށްވުމުން ޢަރަބިން ކިޔަވާ ގޮތަށް ނުވަތަ ޢަރަބި ބަސް ދަންނަ މީހަކު ކިޔަވާ ގޮތަށް އެންމެންނަށް ނުކިޔެވިދާނެއެވެ. ނަމަވެސް އެމީހަކަށް ކިޔެވުނު އެންމެ ފުރިހަމައަކަށް ކިޔަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ.  

މީސްތަކުންނޭވެ! އަހަރެމެން ރޯދައަށް ތިބެގެންނާއި ރޯދަ ވީއްލުމަށްފަހުގައިވެސް ކީރިތި ޤްރްއާން އެބަ ކިޔަވަމުއެވެ. އެކަމަށް ދުވާލަކު އެތައް ބައިވަރު ވަގުތުތަކެއް އެބަ ހޭދަ ކުރަމުއެވެ. ނަމަވެސް އެކަމަށް ދޭން ޖެހޭ ސަމާލުކަން ނުދީ ކިޔަވާނަމަ އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ވީމާ ކީރިތި ޤްރްއާން ކިޔަވްނަ ޖެހޭނީ އެކަމުގެ ފައިދާ އެމީހަކަށް ކުރާނެ ގޮތަށެވެ. ﷲ ތަޢާލާ އެކަން ޤަބޫލުކުރައްވަވާނެ ގޮތަށެވެ. ވީމާ ކީރިތި ޤްރްއާން ކިޔަވާއިރު މިބުނި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން މަސައްކަތްކުރާށެވެ!

 

- އިމާމް ވައްހާޖް ޠަރިންގެ ދަރުސަކުން

މިއަދު އޮންލައިން