އަޅުގަނޑުގެ ޢުމުރަކީ 32 އަހަރެވެ. ކައިވެންޏަށް 10 އަހަރެވެ. 4 ދަރިން އެބަތިއްބެވެ. ފިރިމީހާގެ ފަހަތުން އަޅައިގަނެގެން އުޅުނު އަވަށްޓެރިއަކު އެންމެފަހުން އެކަން ކާމިޔާބުކޮށްފިއެވެ.
ވަރިކުރިފަހުން 2 އަހަރުވީއެވެ. ދާދިގާތުގައި ދިރިއުޅޭއިރުވެސް ފރިމީހާ ދަރިއަކަށް ބަލައިވެސް ނުލައެވެ. އެންމެކުޑަމިނުން ހިނިތުންވެސްވެނުލައެވެ. ފެނުނަސް ހަދަނީ ނުފެންނަ ކަމަށެވެ. އިސްދަށަށް ޖަހައިގެންހުރެ ދަނީއެވެ.
އަޅުގަނޑަށް 4 ދަރިން ގޮވައިގެން އުޅެންޖެހިފައި މިވަނީ ވަރަށް ނިކަމެތި ޙާލުގައެވެ. އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި އެދެމަފިރިންނަށް ބަދުދުޢާކުރުން ހުއްދަވާނެތޯއެވެ؟
ޖަވާބުގައި ބުނެލަން އޮތީ ތިއައީ ކުރިމަތިކުރެއްވެވި ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. ފާސްވާން މަސައްކަތްކުރާށެވެ! ބަދުދުޢާނުކުރީމާ ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ. އެދެމީހުންނަށް އުފާވެރިކަން ދެއްވެވުމަށް އެދޭށެވެ. އަދި ތިބާއަށް ރަނގަޅު ގޮތެއް މިންވަރުކުރެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ދަރިންނާއިއެކު ނަމާދުކޮށް ދަރިންވެސް ބައިވެރިކޮށްގެން ދުޢާކުރާށެވެ!
އެއްވެސް މީހަކަށް ދެރައެއް ދީފައި މާގިނަ ދުވަހު އުފަލުގައި ހުރެވުމަކީ ވަރަށް ނުވާ ކަމެކެވެ. އެކަން ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! މުހިންމީ އެދެމަފިރިންނަށް ދެރަގޮތެއް މެދުވެރިވުމެއް ނޫނެއް ނޫންހެއްޔެވެ؟ މުހިންމީ ތިބާއަށް އުފާވެރިކަން ލިބުން ނޫންހެއްޔެވެ؟ އެކަން ޙާޞިލުކުރަން މަސައްކަތްކުރާށެވެ! ވީހާގިނައިން އަޅުކަންކޮށް ދުޢާކުރުން ގިނަކުރާށެވެ! ރޭއަޅުކަންކުރަން އިތުރަށް ސަމާލުކަންދީ ރޭއަޅުކަމުގަ ގިނަވަޤުތު ހޭދަކުރާށެވެ! ކާމިޔާބުވާނެއެވެ. މާއުފާވެރި ދިރިއުޅުމެއް ދެއްވަވާނެއެވެ. އިން ޝާ ﷲ. ގިނަ ބައަކަށް ފަހުން ވަނީ މާބޮޑު އުފާވެރިކަން ދެއްވަވައިފައެވެ.
--މިއަދުނޫސް