ހަފްތާގެ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެހެންކަމުން މަސައްކަތްކުރަންވީ ހުކުރު ދުވަހަކީ ވީހާ ގިނައިން އަޅުކަންކުރެވޭ ދުވަހަކަށް ހެދުމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ފަރުޟް ނަމާދަކީ ހުކުރުވިލޭރޭ ޖަމާޢަތުގައިކުރާ ފަތިސްނަމާދެވެ.
ވީމާ ދުވަސް ފަށަން ކުރަން އޮތްކަމަކީ ފަތިސްނަމާދުގެ އިހުސުންނަތް ކުރުމާއިއެކު ޖަމާޢަތުގައި ފަތިސްނަމާދުކުރުމެވެ. މިއީ ހްފްތާއަކު އެންމެ ދުވަހަކު ލިބޭ ފުރުޞަތަކަށްވާތީ ހުކުރުވިލޭރޭގެ ފަތިސް ނަމާދަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ކަނބަލުންނަށް އޮތީ ވަޤުތު ޖެހުމުން ގޭގައި ނަމާދުކުރުމަށް އަވަސްވެގަތުމެވެ.
އިސްކަމެއް ދީގެން ޖަހްފިސޫރަތް ކިޔަވައި ހަފްތާގެ ނޫރު ލިބިގަތުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ. ހަމައެއާއިއެކު ވީހާ ގިނައިން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔަވަން މަސައްކަތްކުރާށެވެ. އެގޮތުން ދުވަހުގެ އެކި ވަޤުތުތަކަށް ބަހާލައިގެން ނަމަވެސް ކިތަންމެ ކުރު ޞަލަވާތެއް ނަމަވެސް 1000 ފަހަރު ކިޔަން މަސައްކަތްކުރަން ޢިލްމްވެރިން އިރުޝާދު ދެއްވައެވެ. މާނައަކީ ވީހައި ގިނައިން ކިޔުމެވެ.
ދެން އޮތީ ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ. ހެޔޮޢަމަލުތަކުގެ ތެރޭގައި ގޭތެރޭގެ މަސައްކަތްކުރުންވެސް ހިމެނެއެވެ. އަނބިމިހާއަށް އެހީތެރިވުންވެސް ހިމެނެއެވެ. އަނބިދަރިންނާއިއެކު ވަޤުތު ހޭދަކުރުންވެސް ހިމެނެއެވެ. މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ޒިޔާރަތްކޮށް ޙާލުބެލުމަކީވެސް ކުރެވިދާނެ ކަމެކެވެ. މިހުރީ ހައްތާވެސް ޘަވާބު ދެއްވަވާނެ ކަންކަމެވެ.
ދެން އޮތީ ދުވަހުގައިވާ ދުޢާ ޢިޖާބަކުރައްވަވާނެ ވަޤުތަށް ސަމާލުކަން ދިނުމެވެ. ހުކުރު ދުވަހުގައި ދުޢާ ޢިޖާބަ ކުރެއްވެވުމަށް ޚާއްޞަ ވަޤުތުކޮޅެއް ވެއެވެ. އެވަޤުތު ކޮޅުގައި ކުރާ ދުޢާ ވަޤުތުން ޢިޖާބަކުރައްވަވާނެތެވެ. ގިނަ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެވަޤުތުކޮޅުވަނީ ޢަޞްރުނަމާދުގެ ފަހުގައެވެ. އަދި ދުވަހުގެ އެންމެ ފަހު ސާޢަތުގައިކަމަށްވެސް ބަޔާން ކުރައްވައެވެ.
ވީމާ ހުކުރު ދުވަހަކީ ހަމައެކަނި ކުޅިވަރާއި މަޖަލުގައި ނުވަތަ ނިދަން ހޭދަކުރާ ދުވަހަކަށް ނުހަދާށެވެ! ދުވަހުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަަފތުގެ ދަރުސަކުން