ނުބައި، ބިރުވެރި ހުފެން ފެންނާތީ ކަންބޮޑުވާންޖެހޭނަމަ އެކަމަށް ޙައްލެއް ހޯދަން ކުރެވިދާނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 15މ 27ސ
ނުބައި، ބިރުވެރި ހުފެން ފެންނާތީ ކަންބޮޑުވާންޖެހޭނަމަ އެކަމަށް ޙައްލެއް ހޯދަން ކުރެވިދާނެ ކަންކަން-

ނުބައި ބިރުވެރި ހުފެން ފެންނާތީ ކަންބޮޑުވެ އެކަމަށް ޙއްލެއް ހޯދަން ކުރެވިދާނެ ކަންކަމާއިމެދު ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ކިޔުންތެރިންނަށް ފައިދާކުރާނެ ލިޔުމެކެވެ. ލިޔުމުން އެކަމާއި ބެހޭގޮތުން ވަރަށް ގިނަ، މުހިންމު މަޢުލޫމާތުތައް ލިބިވަޑައިގަންނަޥާނެއެވެ. އިން ޝާ ﷲ 

ހުވަފެން ބެހޭ ބައިތައް: 

އިންސާނުންނަށް ފެންނަ ހުވަފެން ތިން ބަޔަކަށް ބެހެއެވެ. އެއީ:‏ 

‏1- ރަނގަޅު ހުވަފެން ނުވަތަ މާތްﷲގެ ޙަޟްރަތުން އަންނަ ބަޝާރަތެއްގެ ގޮތުން އެއިލާހު ޞާލިޙު އަޅުންނަށް ދައްކަވާ ހުވަފެން.‏ 

‏2- އިންސާނާގެ ސިކުނޑީގައި ހުންނަ ޚިޔާލުތަކުގެ ސަބަބުން ނުވަތަ އޭނާގެ އަމިއްލަ ނަފްސާ ދައްކާ ވާހަކަތަކުގެ ސަބަބުން ނުވަތަ ކުރާ ޚިޔާލުތަކާ ‏‏ގުޅިގެން ފެންނަ ހުވަފެން. (މިބާވަތުގެ ހުވަފެނަށް ޢަރަބި ބަހުގައި ކިޔަނީ އައުޣާޘު އަޙްލާމް، ހުވަފެނުގެ ހާސަރު އެވެ) 

‏3-  މީހުން ހާސްކޮށް ހިތްދަތި ކުރުމަށް ޝައިޠާނާ ދައްކާ ތަކެތި އަދި މަންޒަރު.‏

މިތިންބާވަތުގެ ހުވަފެނަށް ދަލާލަތުކުރަނީ މިކަން ބަޔާންވެފައިވާ އަންނަނިވި ޙަދީޘެވެ.

عَنْ عَوْفِ بْنِ مَالِكٍ عَنْ رَسُولِ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ : ( إِنَّ الرُّؤْيَا ثَلاثٌ :مِنْهَا أَهَاوِيلُ مِنَ الشَّيْطَانِ لِيَحْزُنَ بِهَا ابْنَ آدَمَ ، وَمِنْهَا مَا يَهُمُّ بِهِ الرَّجُلُ فِي يَقَظَتِهِ فَيَرَاهُ فِي مَنَامِهِ ، وَمِنْهَا جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ ) صحيح سنن ابن ماجه 3155 . 

ޢައުފް ބިން މާލިކްގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ހުވަފެންވަނީ ތިންބަޔަކަށެވެ. އާދަމުގެ ދަރިޔާ ބިރުގެންނެވުމަށްޓަކައި ޝައިޠާނާ ދައްކާ ބިރުވެރި މަންޒަރުތައް އޭގެތެރެއިން ވެއެވެ. ހޭލާހުންނައިރު ޢާއްމުކޮށް މީހާ މުހިއްމުކަންދޭ ކަންކަން ހުވަފެނުގައި ފެންނަ ފެނުންވެސް ހުވަފެނުގެ ވައްތަރުތަކުގެ ތެރެއިންވެއެވެ. އަދި ނަބީކަމުގެ ސާޅީސް ހަބައިގެ ތެރެއިން އެއްބައިވެސް ހުވަފެނުގެ ވައްތަރުތަކުގެ ތެރެއިން ވެއެވެ." 

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صَلَّى اللَّه عَلَيْهِ وَسَلَّمَ قَال: (الرُّؤْيَا ثَلاثٌ : فَبُشْرَى مِنَ اللَّهِ ، وَحَدِيثُ النَّفْسِ ، وَتَخْوِيفٌ مِنَ الشَّيْطَانِ فَإِنْ رَأَى أَحَدُكُمْ رُؤْيَا تُعْجِبُهُ فَلْيَقُصَّ إِنْ شَاءَ وَإِنْ رَأَى شَيْئًا يَكْرَهُهُ فَلا يَقُصَّهُ عَلَى أَحَدٍ وَلْيَقُمْ يُصَلِّي ) صحيح سنن ابن ماجه 3154 . 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރެއްވިއެވެ. "ހުވަފެން ވަނީ ތިންބާވަތަކަށެވެ. “ﷲ ގެ ފަރާތުން ލިބޭ ބުޝްރާ (އުފާވެރި ޚަބަރު) އެއްގެ ގޮތުން އެއިލާހު ދައްކަވާ ހުވަފެނާއި އަމިއްލަ ނަފްސާ ދައްކާ ވާހަކައާއި (އެބަހީ މީހާގެ ސިކުނޑީގައި އަބަދު ހުންނަ ތަކެތި ނުވަތަ މީހާ ޚިޔާލު ކުރާ ކަންކަމާ ގުޅިގެން ފެންނަ ހުވަފެނާއި) އިންސާނާ ބިރުގެންނެވުމަށްޓަކައި ޝައިޠާނާ ދައްކާ ތަކެއްޗެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އޭނާ ގަޔާވާ އުފާވެރި ހުވަފެނެއް ފެނިއްޖެނަމަ އޭނާ ބޭނުންނަމަ އެ ހުވަފެން ކިޔައިދޭހުށިކަމެވެ. އަދި އޭނާ ހިތް ނުރުހޭ ހުވަފެނެއް ފެނިއްޖެނަމަ އެ ހުވަފެނެއް އެކަކަށްވެސް ކިޔައިނުދޭހުށިކަމެވެ. އަދި އޭނާ ތެދުވެ ނަމާދުކުރާ ހުށިކަމެވެ." 

މިތިން ބާވަތުގެ ހުވަފެނުގެ ތެރެއިން ސީދާވާ ހުށީ ﷲ ތަޢާލާ ބަޝާރަތެއްގެ ގޮތުގައި މުއުމިނު އަޅާއަށް ދައްކަވާ ހުވަފެނެވެ. އަންނަނިވި ޙަދީޘްފުޅުގައިވާ ފަދައިންނެވެ. 

عن أبي هريرة عن النبي صلى الله عليه وسلم قال : ( إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ تَكْذِبُ رُؤْيَا الْمُؤْمِنِ ، وَرُؤْيَا الْمُؤْمِنِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنْ النُّبُوَّةِ ، وَمَا كَانَ مِنْ النُّبُوَّةِ فَإِنَّهُ لَا يَكْذِبُ) رواه البخاري (7017) ، ومسلم ( 2263 ) . 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ‏ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ޒަމާން ކައިރިވުމުން (ފަހު ޒަމާނަށް އެޅުމުން) މުއުމިނު އަޅެއްގެ ހުވަފެން ދޮގުނުވުން ގާތްވެފައިވެއެވެ. މުއުމިނުއަޅާގެ ހުވަފެނަކީ ނަބީކަމުގެ (އުޑާއި ބިމާދެމެދު މުވާޞަލާތުކުރެވޭ ގޮތުގެ) ސާޅީސް ހަބައިގެން ތެރެއިން އެއްބައެވެ. ފަހެ ނަބީކަމުގެ ތެރެއިންވާ އެއްވެސް ކަމަކީ ދޮގުވާކަމެއް ނޫނެވެ." 

މި ލިޔުމުގައި މި ބަލާލަނީ ފެންނަ ތިން ބާވަތުގެ ހުވަފެނުގެ ތެރެއިން ނުބައި ހުވަފެނަށެވެ. 

ނުބައި ހުވަފެންތަކާއި ނިދީގައި ކުރިމަތިވާ އުނދަގޫތަކުގެ އަޞްލަކީ ކޮބާ؟ 

ފެންނަ ބިރުވެރި ނުބައި ހުވަފެންތަކާއި ނިދީގައި ކުރިމަތިވާ އެކި އެކި އުނދަގޫތަކަކީ އެއީ ޝައިޠާނާގެ ފަރާތުން ކުރިމަތިވާ ކަންކަންކަމުގައި ބެލެވެއެވެ. އެފަދަ އުނދަގޫތަކާއި ނުބައި ހުވަފެންތައް ފެނުމުން މިދަންނަވާ ގޮތަށް ކަންތައްކުރައްވާށެވެ. އަދި އެފަދަ ހުވަފެންތަކަކީ ޝައިޠާނާގެ އުނދަގޫތަކެއްކަން ޤަބޫލުކޮށް ވީހާވެސް ބޮޑަށް ރައްކާތެރިކަމާ ދިމާލަށް ދިޔުމަށް ހަނދާންކުރާށެވެ. 

ނުބައި ހުވަފެނެއް ފެނުމުން ކަންތައްކުރަންވީ ގޮތް: 

1-     ޢައޫޛު أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ކިޔާފަ ތިންފަހަރު ވައަތް ފަރާތަށް ތެތްކޮށް (ކުޅުގެ އަސަރު ކޮންމެވެސް ވަރަކަށް ހުންނަ ގޮތަށް) ފުމެލާށެވެ. 

ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްފުޅެވެ. 

الرُّؤْيَا الحَسَنَةُ مِنَ اللَّهِ، فَإِذَا رَأَى أَحَدُكُمْ مَا يُحِبُّ فَلاَ يُحَدِّثْ بِهِ إِلَّا مَنْ يُحِبُّ، وَإِذَا رَأَى مَا يَكْرَهُ فَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّهَا، وَمِنْ شَرِّ الشَّيْطَانِ، وَلْيَتْفِلْ ثَلاَثًا، وَلاَ يُحَدِّثْ بِهَا أَحَدًا، فَإِنَّهَا لَنْ تَضُرَّهُ- رواه البخاري 

"ރަނގަޅު ހުވަފެން ވަނީ ﷲ ގެ ޙަޟުރަތުންނެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އޭނާ ރުހޭފަދަ ހުވަފެނެއް ފެނިއްޖެ ހިނދު އެމީހަކު ލޯބިވާ ފަރާތެއްގެ ކައިރީގައި މެނުވީ އެކަމުގެ ވާހަކަ ނުދައްކާށެވެ. އަދި އެމީހަކު ނުރުހޭ ފަދަ ހުވަފެނެއް ފެނިއްޖެނަމަ ﷲ ތަޢާލާގެ ޙަޟުރަތުން އެކަމުގެ ނުބައިކަމާއި އަދި ޝައިޡާނާގެ ނުބައިކަމުން ދުރުކުރެއްވުމަށް އެދި ދަންނަވާށެވެ. އަދި ތިން ފަހަރަށް ތެތްކޮށް ފުމެލާށެވެ. އަދި އެފެނުނު ހުވަފެނުގެ ވާހަކަ ނުދައްކާށެވެ. ފަހެ އެކަމުން(ހުވަފެނުން) ތިބާއަށް ގެއްލުމެއް ނުވާހުއްޓެވެ." 

2-     އޮށޯއޮވެގެން އޮތް ފަރާތް ނޫން އަނެއް ފަރާތަށް އެނބުރިލުން:

އެކަމުގެ ދަލީލަކީ" 

عَنْ جَابِرٍ عَنْ رَسُولِ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّهُ قَالَ : ( إِذَا رَأَى أَحَدُكُمُ الرُّؤْيَا يَكْرَهُهَا فَلْيَبْصُقْ عَنْ يَسَارِهِ ثَلَاثًا وَلْيَسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ ثَلَاثًا وَلْيَتَحَوَّلْ عَنْ جَنْبِهِ الَّذِي كَانَ عَلَيْهِ) رواه مسلم 2262. 

ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ކުރެ މީހަކަށް އޭނާ ނުރުހޭ ހުވަފެނެއް ފެނިއްޖެނަމަ، ވާތްފަރާތަށް ތިންފަހަރު ކުޅުޖަހާށެވެ. އަދި ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ޙިމާޔަތަށް އެދޭށެވެ. އަދި އޮށޯވެ އޮތްފަރާތް ނޫން އަނެއް ފަރާތަށް އެނބުރިލާށެވެ." 

3-     އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ނުދައްކާށެވެ.

ދަލީލަކީ: 

عن أبي هريرة قال : قال النبي صلى الله عليه وسلم : (… فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ فَلْيَقُمْ فَلْيُصَلِّ وَلا يُحَدِّثْ بِهَا النَّاسَ ) رواه مسلم 2263 . 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. "ތިޔަބައިމީހުން ކުރެ މީހަކަށް އޭނާ ނުރުހޭ ހުވަފެނެއް ފެނިއްޖެނަމަ އޭނާ ތެދުވެ ނަމާދު ކުރާ ހުށިކަމެވެ. އަދި އެ ހުވަފެނުގެ ވާހަކަ މީސްތަކުންގެ ގާތުގައި ނުދައްކާހުށިކަމެވެ." 

4-     ތެދުވެ ނަމާދު ކުރާށެވެ.  

ދަލީލަކީ:  

عن أبي هريرة قال : قال النبي صلى الله عليه وسلم : (… فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ فَلْيَقُمْ فَلْيُصَلِّ وَلا يُحَدِّثْ بِهَا النَّاسَ ) رواه مسلم 2263 . 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. "ތިޔަބައިމީހުން ކުރެ މީހަކަށް އޭނާ ނުރުހޭ ހުވަފެނެއް ފެނިއްޖެނަމަ އޭނާ ތެދުވެ ނަމާދު ކުރާ ހުށިކަމެވެ. އަދި އެ ހުވަފެނުގެ ވާހަކަ މީސްތަކުންގެ ގާތުގައި ނުދައްކާހުށިކަމެވެ." 

ނުބައި ހުވަފެންތައް ނުފެންނާނީ ކިހިނެއް؟ 

އިންސާނާ ރައްކާތެރިކަން އިޚްތިޔާރު ކުރި ނަމަވެސް ޝައިޠާނާ އޭނާއަށް އުނދަގޫކުރުމުގެ ޢަޒުމް ދުލެއް ނުކުރެއެވެ. އެކަމަކުވެސް ރައްކާތެރިކަން އިޚްތިޔާރުކުރުމަކީ ޝައިޠާނާއަށް އެކި އެކި އުނދަގޫތައް ކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. ނުބައި ހުވަފެންތަކުން ސަލާމަތްކުރުމަށްޓަކައި އަންނަނިވި ކަންކަން ކުރުމަށް ސަމާލުކަން ދޭށެވެ. 

1-    ފަރްޟު ފަސް ނަމާދު ކުރުން، ޚާއްޞަކޮށް ޖަމާޢަތުގެ ފަތިސް ނަމާދަށް ރައްކާތެރިވުން. އެހެނީ ފަތިސްނަމާދު ކުރާ މީހާ ﷲ ގެ ޚާއްޞަ ރައްކާތެރިކަމުގެ ދަށަށް ވަންނަކަމަށް ޙަދީޘްގައި އައިސްފައިވެއެވެ. 

2-    ހެނދުނާއި ހަވީރުގެ ޛިކްރުތަކަށް ރައްކާތެރިވުން.  

3-    ނިދުމުގެ ކުރިން ކިޔާ ޛިކްރުތަކާއި ނިދާ ހޭލާ ކިޔާ ޛިކްރުތަކަށް ރައްކާތެރިވުން.

4-    ވުޟޫ މަތީގައި ނިދުން.  

5-    ޢާއްމު ދިރިއުޅުމުގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާތަކާއި ޛިކްރުތައް ޚާއްޞަކޮށް ފާޚާނާއަށް ވަދެ ނުކުތުމުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކްރުތަކާއި ހެދުން ބަލާއިރު ކިޔުމަށް ވާރިދުވެފައިވާ ޛިކްރުތައް ކިޔުން. 

6-    ވީހާގިނައިން ކީރިތި ޤުރްއާން ކިޔެވުމާއި، ވީހާ ގިނައިން ޛިކްރުކުރުން.  

7- ފާފަތަކާއި ދުރުހެލިވުން.

މިލިޔުމަކީ "ފެންނަ ނުބައި ހުވަފެންތަކާއި ކުރިމަތިވާ އުނދަގޫތައް" މިމައުޟޫއަށް ޝައިޚް މުޙައްމަދު ޝާފިޢު ލިޔުޔުވާފައިވާ ލިޔުއްވުމެކެވެ.  

މަރްޖިޢުތައް

https://islamqa.info/ar/answers/255680

https://islamqa.info/ar/answers/25768

މިއަދު އޮންލައިން