ބައެއް މީހުންނަށް އަބަދުވެސް ބެލެނީ ރަމަޟާން މަހުގެ ރޯދައާއި ސުންނަތްރޯދަތައްވެސް ނުހިފައި ހުރެވޭނެ ގޮތެކެވެ. ނުހިފައި ހުރެވޭނެ ޢުޒުރެއް ދެއްކޭތޯއެވެ. މިހެންބުނި ނަމަވެސް ކިތަންމެ ދަތިޙާލުގައިވެސް، ކިރިޔާވެސް ރޯދަ ހިފޭނަމަ ރޯދަ ދޫކޮށްނުލާ ބައަކުވެސް އުޅެއެވެ. އެއީ އީމާންކަން ވަރުގަދަ މީހުންނެވެ.
"މާބަނޑު އަންހެނަކު ނަމަވެސް ރޯދަ ދޫކުރަންވާނީ ބަލިހާލު ހުންނަ ގޮތުން ރޯދަ ނުހިފިއްޖެ ނަމައެވެ! ގަދަވުމުން ރޯދަ ހިފަންވާނެއެވެ."
މިއީ މާބަނޑު އަންހެނުން ރޯދަ ނުހިފައި ތިބުމާއިބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާލުވެފައިވާ ބަސްފުޅެކެވެ.
މާނައަކީ ބަލިވެ އުޅޜ ދުވަސްތަކުގައި ރޯދަދޫކުރާށެވެ! ގަދަވުމުން ރޯދަހިފާށެވެ،
މިހާރަކަށް އައިސް ބަލިވެ އިނުން އެއީ ބައްޔަކަށް ހަދައި ބައެއް އަންހެނުން ރޯދަ ދޫކުރެއެވެ. ނަމަވެސް އެއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. އެހެނީ ބަލިވެއިނުމަކީ ބައްޔެއް ނޫނެވެ. ބައްޔަކަށް ވާނީ ބަލިވެ އިނުމުގެ ސަބަބުން މައްސަލަތަކެއް އުފެދި ބަލި ހާލުގައި އުޅެން ޖެހިއްޖެ ނަމައެވެ. ރޯދަހިފުމަކީ ތަކްލީފަކަށްވުމުންނެވެ. ރޯދަ ހިފުމުން ގެއްލުން ލިބިދާނެ ކަމަށް ޑޮކްޓަރުން ލަފާ ދިނުމުންނެވެ.
މިގޮތުން ލަފާ ހޯދާއިރު އެ ޤައުމެއްގައި މުސްލިމް ޑޮކްޓަރުން ތިބި ނަމަ މުސްލިމް ޑޮކްޓަރުންގެ ކިބައިން ލަފާ ހޯދުމަށް ދީނީ ޢިލްމުވެރިން ބާރު އަޅުއްވަވައެވެ.
މާލޭގެ މަޝްހޫރު ކްލިނިކެއްގައި މިހާރު މަސައްކަތްކުރަމުން ގެންދާ ކްރިސްޓިއަން އީއެންޓީ ޑޮކްޓަރަކަށް ދައްކާ ކޮންމެ އަންހެނަކަށް ބުރުގާ ނަގަން އަންގާ ކަމުގެ މައްސަލަތަކެއް މިހާރުވެސް ވަނީ ފެންމަތިވެފައެވެ. ބަލި އެނގޭ، އިސްލާމް ދީނުގެ ކަންކަން އެނގޭ ޑޮކްޓަރުންގެ މުހިންމުކަން ބޮޑުވަނީ މިފަދަ ސަބަބުތައް ހުރުމުންނެވެ.