ފަށްކުރުމެއް!: ސުވަރުގެއިން ދެއްވަވާނެ ގަނޑުވަރު ދުނިޔޭގަ ހުންނަނަވަނިކޮށް ދެއްކެވި އާސިޔަތުގެފާނުގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 21މ 50ސ
ފަށްކުރުމެއް!: ސުވަރުގެއިން ދެއްވަވާނެ ގަނޑުވަރު ދުނިޔޭގަ ހުންނަނަވަނިކޮށް ދެއްކެވި އާސިޔަތުގެފާނުގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް

 

ޢާލަމްތަކަށް ރަޙަމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم  އެއްދުވަހަކު އެކަލޭގެފާނުގެ މިތުރު ޞަޙާބީބޭކަލުންނާއެކު މަޖިލިސެއްގައި އިންނެވިއެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުގެ އިނގިލިފުޅުތަކުން ހަތަރު ރޮނގެއް ބިމުގައި ކުރެއްސެވިއެވެ. އެއަށްފަހު ޞަޙާބީބޭލުންނާ ކުރިމަތިލައްވާ ޙަދީޘްކުރެއްވިއެވެ.

[މިހަތަރު ރޮނގުން ދޭހަކޮށްދެނީ ކޮންއެއްޗެއްކަން ތިޔަ ބޭކަލުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟]

އަޞްޙާބުބޭކަލުން ވިދާޅުވިއެވެ. [އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ އާއި އެކަލާނގެ ރަސޫލާއެވެ.] ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

[އެ ހަތަރު ރޮނގު ދޭހަކޮށްދެނީ ސުވަރުގޭގެ އެންމެ މަތިވެރި ހަތަރު އަންހެން ބޭކަނބަލުންނެވެ. އެއީ ޚަދީޖަތު ބިންތި ޚުވައިލިދާއި ފާޠިމަތު ބިންތި މުޙައްމަދާއި، އާސިޔަތު ބިންތި މުޒާޙިމާއި މަރްޔަމް ބިންތި ޢިމްރާނެވެ.] {المعجم الكبير للطبراني، ذِكْرُ أَزْوَاجِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْهُنَّ، حديث رقم 17728/ أحمد في المسند - مُسْنَدُ عَبْدِ اللَّهِ بْنِ الْعَبَّاسِ بْنِ عَبْدِ المُطَّلِبِ ، عَنِ النَّبِيِّ - حديث رقم 2599}

އާދެ މިދަންނަވައިލެވުނީ ވަޙީގެ ބަސްފުޅުތަކުން ވާހަކަފުޅު ދައްކަވާ މާތް ނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ދޫފުޅުން ޢާލަމްތަކަށް މާތް ކުރެއްވި ހަތަރު ބޭކަނބަލުންގެ ނަންފުޅު ބަޔާން ކުރައްވާފައިވާ ގޮތެވެ. އޭގެ ތެރެއިން ބާއްޖެވެރި އެއްބޭކަނބަލަކީ އާސިޔަތު ބިންތު މުޒާޙިމެވެ. 

ނަސަބުފުޅު:     

އައްސައްޔިދާ آسِيَةُ ގެފާނަކީ މިޞްރުގެ މާތް މަތިފުށަކުން ވަޑައިގެންއިންނެވި ބޭކަނބަލެވެ. އެކަމަނާގެ ބައްޕާފުޅުގެ ނަންފުޅަކީ مُزَاحِمُ އެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން އެކަމަނާއަކީ ފިރުޢައުނުގެ ދެބެއިންގެ ދެދަރިބޭކަނބަލެކެވެ. އިމާމު ސުހައިލީ ވިދާޅުވާގޮތުގައި އެކަމަނާއަކީ ބަނީ އިސްރާއީލުންގެ މީސްތަކުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. މޫސާގެފާނުގެ ބަފައިފުށުން ބޮޑުދައިތާފުޅެކެވެ. 

އާސިޔަތުގެފާނުގެ ބައްޕާފުޅު مُزَاحِمُ އަކީ މިޞްރުގެ މީހުންގެގާތުގައި ނުހަނު ޤަދަރު އުފުލިގެންވާ މީހެކެވެ. ވަރަށް ބޮޑު މުދާވެރި މުއްސަންޖެކެވެ. އާސިޔަތުގެފާނު ދުނިޔެއަށް ވަޑައިގަތީވެސް، ބޮޑުފުޅުވީވެސް ސުމާރެއްނެތްހައި މުއްސަނދިފުޅުކަމުގެ ތެރޭގައެވެ. އިންތިހާދަރަޖައިގެ އަރާމާއި، އުފަލާއި ނިޢުމަތުގައެވެ.

ކައިވެނިފުޅު:

މިޞްރުގެ ވެރިއަކަށް އެދުވަސްވަރު ހުރި ފިރުޢައުނަކީ ނުހަނު ޖައްބާރުވެރިއެކެވެ. ވަރަށް ނުފޫޒުގަދަ މީހެކެވެ. އޭނާވަނީ މިޞްރުމީހުންގެ ކަލާނގެއަކީ އޭނާކަމުގައި ހަމަޖައްސައިފައެވެ. އޭނާ ދަޢުވާ ކުރާގޮތުގައި އޭނާއަކީ ޢާލަމްތަކުގެ ވެރިރަސްކަލާނގެވެ. މި ވާހަކައަށް ޢިޝާރާތް ކުރައްވައި ނާޒިޢާތު ސޫރަތުގެ 24 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ ﴿٢٤﴾

މާނައީ: [ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.] 

އެހެންކަމުން މިޞްރުގެ މީސްތަކުން އެބައިމީހުންގެ ކަލާންގެ ކަމުގައި ބަލައިގެން އަޅުކަން ކުރަމުންގެ ގެންދިޔައީ މިދެންނެވި ފިރިޢައުނަށެވެ. ފިރުޢައުނަކީ، މިޞްރުގައި ރެދަލިކުރާ ރަސްކަލުންނަށް ދެވޭ ލަޤަބެކެވެ. އާސިޔަތުގެފާނާ ކާވަނި ބައްލަވައިގެންނެވީ وَلِيدُ بْن مُصْعَبُ އޭ ކިޔުނު ފިރުޢައުނެވެ.  

އިސްލާމީ ތާރީޚުގެ ފަތްފުށްތަށް ނިއުޅުވައި ބަލާ ފަރާތްތަކަށް ފިރުޢައުނު ގެ އަނިޔާވެރިކަމާ ޖައްބާރުކަންވާނީ އެނގިވަޑައިގެންފައެވެ. އޭނާ ގެންދިޔައީ އޭނާއަށް ތަބާނުވާ މީސްތަކުންނަށް ތަފާތު ވައްތަރުވައްތަރުގެ ޢަޛާބު ދައްކަމުންނެވެ. އޭނާގެ ބަދަވި ސިފައިންލައްވައެވެ. ނަމަވެސް އާސިޔަތުގެފާނު ގެ ފިޠުރަތު އޭނާގެ ފިޠުރަތާ މުޅިން ތަފާތެވެ. އައްސައްޔިދާ އާސިޔާތުގެފާނަކީ ޠަބީޢީ ގޮތުންވެސް ޚުލުޤުފުޅު މާތް، ހެޔޮލަފާ، އޯގާވެރި، ހިތްޕުޅު ތަނަވަސް، ބޭކަނބަލެކެވެ. 

މޫސާގެފާނުގެ ބެލެނިވެރިކަން: 

މޫސާގެފާނު ތުއްޕުޅުއިރު އެކަލޭގެފާނުގެ މައިކަނބަލުން އެކަލޭގެފާނު ފޮށިކޮޅަކަށް ލައްވައިފައި ކޯރަށް ދޫކޮށްލެއްވިއެވެ. ދެން އެފޮށިކޮޅު ކޯރުގެ އޮއިގައި ހިރެމުން ފިރެމުން ގޮސް، ލައްވީ ފިރުޢައުނުގެ ގަނޑުވަރު ކައިރިއަށެވެ. އެތަނުން ފިރުޢައުނުގެ އަނބިކަނބަލުންގެ ޚާދިމުންގެ ބަޔަކު، އެ ފޮށިކޮޅު ނަގައިގެން ގެންގޮސް،ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނުގެ އަތްޕުޅަށް އެރުވިއެވެ. އެބައިމީހުން އެފޮށިކޮޅު ކަނޑައި ބެލުމުން ފެނުނީ ވަރަށް ރީތި ތުއްޕުޅު ފިރިހެން ބޭފުޅެކެވެ. މާތްﷲ ފިރުޢައުނުގެ އަނބިކަނބަލުންގެ ހިތްޕުޅުގައި، موسى ގެފާނުގެ މައްޗަށް ލޯތްބާއި ކުލުނުވެރިކަން އުފެއްދެވިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން، ހަތްވަނަ ޖިލްދުގެ 380 ވަނަ ޞަފްޙާ}  

މިދެންނެވި ކަންތައްތަކުގެ ވާހަކަ ބަޔާން ކުރައްވައި ޤަޞަޞު ސޫރަތުގެ 8 ވަނަ އާޔަތާއި 9 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

فَالْتَقَطَهُ آلُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗإِنَّ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا كَانُوا خَاطِئِينَ ﴿٨﴾ وَقَالَتِ امْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّي وَلَكَ ۖ لَا تَقْتُلُوهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا وَهُمْ لَا يَشْعُرُونَ ﴿٩﴾ 

މާނައީ: "ފަހެ، فرعون ގެ أهل ވެރިން، އެކަލޭގެފާނު (އޮޔާދަނިކޮށް) ހޮވައި ނެގިއެވެ. އެއީ އެކަލޭގޭފާނު އެއުރެންނަށްހުރި عدوّ އަކަށް، އަދި ހިތާމައަކަށް ވުމަށްޓަކައެވެ. ހަމަކަށަވަރުން، فرعون އާއި، هامان އާއި، އެ ދެމީހުންގެ لشكر ވީ ކުށްވެރިން ކަމުގައެވެ.އަދި فرعون ގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ قتل ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ." 

މަޢާރިފުލް ޤުރްއާނުގައި އެފޮތުގެ މުއައްލިފު  مولانا مفتی محمد شفیع ލިޔުއްވައިފައިވެއެވެ. [موسى ގެފާނު ތުއްޕުޅުއިރު އެއްދުވަހަކު ފިރުޢައުނުގެ ތުނބުޅީގައި ހިއްޕަވައި، ދަންމަވައިގެންނެވިއެވެ. ނުވަތަ އެކަލޭގެފާނުގެ އަތްޕުޅުން ފިރުޢައުނުގެ މޫނުމަތީގައި ޖެއްސެވިއެވެ. އެހެން ރިވާޔަތެއްގައިވަނީ، އެއްދުވަހަކު موسى ގެފާނު ދަނޑިގަނޑެއް ހިއްޕަވައިގެން ކުޅުއްވަން އުޅުއްވަނިކޮށް ފިރުޢައުނު އެތަނަށް އައުމުން އޭނާގެ މޫނުމަތީގައި ޖެއްސެވީ ކަމަށެވެ. موسى ގެފާނު އެގޮތަށް ކަންތައް ކުރެއްވުމު ފިރުޢައުނު ވަރަށް ރުޅި އަތުވެއްޖެއެވެ. ހަމަ އެވަގުތު އެކަލޭގެފާނު ޤަތުލު ކުރުމަށް އުޅެގެންފިއެވެ. މިކަން އާސިޔަތުގެފާނަށް އެނގިވަޑައިގެން ވިދާޅުވިއެވެ.  

[އޭ ރަސްގެފާނެވެ. އެއީ ތަންދޮރު ވަކިކުރަން ނޭނގޭވަރުގެ ކުޑަކުއްޖެކެވެ. އެވަރުގެ ކުއްޖެއްގެ ފަރާތުން ފެނިވަޑައިގެން ކަމެއްގެ ސަބަބުން އެ ކުއްޖާ ޤަތުލު ކުރައްވަނީ ތޯއެވެ؟ ރަސްގެފާނު ބޭނުންފުޅުނަމަ، އެ ކުއްޖާއަށް ރަނގަޅު ނުބައި ވަކިކުރަން އެނގޭތޯ ނުވަތަ ނޫންތޯ ބަލައި އިމްތިހާނު ކުރެވިދާނެއެވެ.]

އެހިނދު ފިރުޢައުނު އަލިފާން އަނގުރުގަނޑަކާއި ޔާޤޫތުގަނޑެއް ގެނެސް موسى ގެފާނުގެ ކުރިފުޅުމަތީގައި ބެހެއްޓިއެވެ. موسى ގެފާނު ވަޑައިގަނަނަވާން ފެއްޓެވީ ޔާޤޫތާއި ދިމާއަށެވެ. ނަމަވެސް ޖިބުރީލުގެފާނު ވަޑައިގެން އެކަލޭގެފާނު އަލިފާން އަނގުރުގަނޑާ ދިމާއަށް އަނބުރާލެއްވިއެވެ. އެހިނދު موسى ގެފާނު އަލިފާންކޮޅު ނަންގަވައި އަނގަފުޅަށް ލެއްވުމުން އެކަލޭގެފާނުގެ ދޫފުޅު ފިހިގެންދިޔައެވެ. ދެން ފިރުޢައަނު، موسى ގެފާނު ޤަތުލުނުކޮށް ދޫކޮށްލައިފިއެވެ. {މަޢާރިފުލް ޤުރްއާނުގެ އިނގިރޭސި ތަރުޖަމާ: ހަވަނަ ވޮލިޔުމްގެ 89 އަދި 90 ވަނަ ޞަފްޙާ} 

ރިސާލަތު ތެދު ކުރެއްވުން: 

މޫސާގެފާނުގެ ޙަޔާތްޕުޅުގައި ދިމާވި ގޮތަކުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަދުޔަނުގައި އުޅުއްވަން ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނު މަދުޔަނުން މިޞްރަށް އެނބުރި ވަޑައިގެންނެވީ ރަސޫލުކަމުގެ މަސްޢޫލިއްޔަތު އަދާ ކުރެއްވުމަށެވެ. މޫސާގެފާނު އެކަލޭގެފާނުގެ ރިސާލަތު އިއްވެވުމުން އެންމެ ފުރަތަމަ އިޖާބަދެއްވި އެއް ބޭކަނބަލަކީ ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނެވެ. ނަމަވެސް ފިރުޢައުނު އޭނާގެ ހިރިޔާފާތުރާގެ ދަށަށްއައި އިސްލާމީ ރިސާލަތުގައި ކޮޅުފައިންޖެހިއެވެ. މޫސާގެފާނަށް ދުއްތުރާކޮށް އެކަލޭގެފާނު ނިކަމެތިކުރަމުން ގެންދިޔައެވެ.  

މޫސާގެފާނުގެ ރިސާލަތު މިޞްރުގެ ގިނަ ބަޔަކު ދޮގުކުރަމުން ގެންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން އެކަލޭގެފާނުގެ ރިސާލަތު ހެޔޮހިތުން ތެދުކުރައްވަމުން ގެންދެވިއެވެ. 

މޫސާގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމަށްފަހު، އެކަލޭގެފާނު ފިރުޢައުނަށް ތަފާތު ދަލީލުތައް ދައްކަވައިގެން އޭނާ ހަމަމަގަށް އެޅުވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ. ދަލީލަކަށްފަހު ދަލީލެއް ދައްކަވަމުންގެންދިޔައެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ތެދުކަން ސާބިތުކޮށް ދެއްވުމުގެ ގޮތުން މާތް الله سبحانه وتعالى އެކަލޭގެފާނަށް ނުވަ އާޔަތް ނުވަތަ ނުވަ މުޢުޖިޒާތެއް ދެއްވިއެވެ. 

މިދެންނެވި ނުވަ މުޢުޖިޒާތްތައް އެއް މުޢުޖިޒާތަކަށްފަހު އަނެއް މުޢުޖިޒާތެއް ފާޅުވާންފެށުމުން ފިރުޢާއުނާއި އޭނާގެ އައުވާނުން ތުހުމަތު ކުރަންފެށީ، އެއީ މޫސާގެފާނާއި ހާރޫނުގެފާނުގެ ސިޙުރުވެރިކަންކަމުގައެވެ. އެއްގޮތަކަށްވެސް މުޢުޖިޒާތެއް ނޫންކަމުގައެވެ. ފިރުޢައުނު ދަޢުވާކުރަމުން ގެންދިޔައީ އޭނާގެ ސިހުރުވެރީން ލައްވައިވެސް އެފަދަ ޖާދޫއެއް ނުވަތަ ސިޙުރެއް ހެދޭނެކަމުގައެވެ. 

އޭނާ ސިޙުރުވެރިން އެއްކޮށް މޫސާގެފާނާއި މުޤާބަލާއަށް ނުކުތެވެ. މާތް الله سبحانه وتعالى ގެ ރަޙްމަތުން އެ މުޤާބަލާއިން ކާމިޔާބު ލިބިވަޑައިގެންނެވީ މޫސާގެފާނަށެވެ. އެކަލޭގެފާނު އަސާކޮޅުން އެއްލަވައިލެއްވުމުން އެ އަސާކޮޅުން ހަރުފައަކަށް ބަދަލުވެގެންގޮސް ފިރުޢައުނުގެ ސިޙުރުވެރިން ހެދި ސިޙުރުތައް ކައި ހުސްކުރިއެވެ. އެހެންކަމުން ސިޙުރުވެރީންނަށް އެއީ ސިޙުރެއްނޫންކަން ހާމަވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެސިޙުރުވެރިން މޫސާގެފާނުގެ ރިސާލަތައް ތަބާވިއެވެ. އެކަން އެނގުމުން ފިރުޢައުނު ރުޅިއައިސްގެން އަނގުރު އަލިފާންގަނޑެއްހެން ވިއެވެ. އޭނާ އެންގީ އެއެންމެން ޞަލީބަށް އަރުވައި ޤަތުލުކުރުމަށެވެ. 

ޝަހީދުކޮށްލުން: 

އިމާމު ޤުރުތުބީ ލިޔުއްވައިފައިވެއެވެ. ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނު ސިޙުރުވެރިންގެ މުޤާބިލާގައި މޮޅުވިބަޔަކާއި ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެކަމަނާއަށް ދެންނެވުނެވެ. އެ މުޤާބަލާގައި މޮޅުވީ މޫސާގެފާނާއި ހާރޫނުގެފާނެވެ. އެހިނދު އާސިޔަތުގެފާނު ވިދާޅުވިއެވެ. [އަހަރެން މިއިނީ މޫސާގެފާނާއި ހާރޫނުގެފާނުގެ ވެރިރަސްކަލާނގެއަށް އީމާންވެގެންނެވެ.]

މި ޚަބަރު ފިރުޢައުނުގެ ކަންފަތާހަމައަށް ދިޔުމުން އޭނާ ރުޅިއައިސް ރަތްވިއެވެ. ދެން އެކަމަނާގެ އަރިހަށް މީހަކުފޮނުވައި އެމީހާއަށް ޢަމުރުކުރިއެވެ. އެކަމަނާ އެގޮތަށް މޫސާގެފާނުގެ ކަލާނގެއަށް އީމާންވެގެން އިންކަމުގައިވާނަމަ، އެކަމާނާގެ ގައިކޮޅަށް ބޮޑުހިލައެއް ވައްޓައިލައި އެކަމަނާގެ ހަށިކޮޅު ފިސްފިސްކޮށްލާނަމެވެ. ދެން އެމީހަކު އެކަމަނާގެ އަރިހަށް ގޮސް އެހެން ދެންނެވުމުން އެކަމަނާ ވިދާޅުވީ އެކަމަނާ އިންނެވީ ހަމަ ކުރިންވެސް އިންނެވިގޮތަށް މޫސާގެފާނުގެ ކަލާނގެއަށް އީމާންވެގެންކަމެވެ.

ދެން އެކަމަނާ އުޑާދިމާއަށް ބައްލަވައިލެއްވިއެވެ. އެކަމަނާއަށް ފެނިވަޑައިގެންނެވީ ސުވަރުގޭގައި އެކަމަނާއަށްޓަކައިވާ މަތިވެރި މަޤާމް ކަޝްފުކޮށް ދެއްކެވި މަންޒަރެވެ. ހަމައެވަޤުތުމެ، މާތް الله سبحانه وتعالى އެކަމަނާގެ ޠާހިރު ފުރާނަފުޅު އެފުރާނަފުޅުގެ ޙައްޤު މަޤާމަށް ގެންދެވިއެވެ. އެބައިމީހުން އެކަމަނާގެ ހަށިކޮޅަށް ބޮޑު ހިލައެއްވައްޓައިލައި އެކަމަނާގެ ހަށިކޮޅު ފިސްފިސްކޮށްލިއިރު އެކަމަނާ ވަނީ އަވަހާރަވެފައެވެ. 

އެހެންރިވާޔަތެއްގައި އިމާމު ޤުރުޠުބީ ލިޔުއްވާފައިވެއެވެ. އަބުލް ޢާލިޔާ ވިދާޅުވެފައިވެއެވެ. ފިރުޢައުނަށް އޭނާގެ އަނބިކަނބަލުން އާސިޔަތުގެފާނު އީމާންވެވަޑައިގެންނެވި ޚަބަރުލިބުމުން އޭނާގެ ބޮޑުންގެ ކައިރިއަށް ގޮސް ބުންޏެވެ. [ތިޔަބައިމީހުން އަހަރެންގެ އަނބިކަނބަލުން އާސިޔަތުގެފާނާއި މެދު ދެކޭގޮތަކީ ކޮބައިހެއްޔެވެ؟] އެބައިމީހުން އެކަމަނާގެ ޚުލުޤުފުޅުގެ ރީތިކަމާއި އުޅުއްވުމުގެ ހަރުދަނާކަމުގެ މައްޗަށް ތާރީފުކުރިއެވެ. އެހިނދު ފިރުޢައުނު އެބައިމީހުންނަށް ބުންޏެވެ. [އެކަމަނާ އަޅުކަން ކުރަނީ ތިމަންފިޔަވައި އެހެން ކަލާނގެއަކަށެވެ.] އެހިނދު އެބައިމީހުން ފިރުޢައުނަށް ބުންޏެވެ. [އެކަމަނާ ޤަތުލުކޮށްލާށެވެ.] ދެން އެބައިމީހުން އެކަމަނާ ހައްޔަރުކޮށްގެންގެނެސް، ބޮޑެތި ކަޑަތަކެއްޖަހައި އެކަމަނާގެ ދެއަތްޕުޅާއި ދެފައިންޕުޅު އެކަޑަތަކުގައި ވަރަށް ބާރަށް އެއްސިއެވެ. އެ ވަޤުތު އެކަމަނާ އެކަމަނާގެ ޚާލިޤުވަންތަ މާތްﷲ ގެ ޙަޟްރަތަށް ދުޢާދަންނަވައި ވިދާޅުވިއެވެ. 

رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿١١﴾

މާނައީ: [އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فرعون އާއި، އޭނާގެ (ނުބައި) عمل ން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި قوم ގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!] 

އާސިޔަތުގެފާނު މިދެންނެވި ދުޢާކުރައްވަނިކޮށް އެތަނަށް އެވަޤުތު ފިރުޢައުނުވެސް އަތުވެއްޖެއެވެ. ހަމައެވަޤުތުމެ، އެކަމަނާއަށް ސުވަރުގޭގައިވާ ނިޢުމަތްތަށް މާތްﷲ ކަޝްފުކޮށް ދެއްކެވިއެވެ. އެކަމަނާއަށް ސުވަރުގޭގައި ބިނާކޮށްދެއްވާފައިވާ ގަނޑުވަރުވެސް ކަޝްފުކުރައްވައި ދެއްކެވިއެވެ. އެ ނިޢުމަތްތައް ފެނިވަޑައިގެންނެވުމުން އެކަމަނާ ހިނިފުޅުވެވަޑުވާލެއްވިއެވެ. އެމަންޒަރު ފެނުމުން ފިރުޢައުނު ބުންޏެވެ. [އެކަމަނާގެ މޮޔަކަމާއިހުރެ އަޖާއިބުވަމެވެ. އަޛާބުދެވެމުން ގެންދާއިރުވެސް ހިނިފުޅުވަޑުވަނީއެވެ.] އިރުކޮޅެއް ނުވެ އެކަމަނާގެ ޠާހިރު ފުރާނަފުޅު ހަށިކޮޅާއި ވަކިވެގެން ހިނގައްޖެއެވެ. 

މާތްކަމާއި މަތިވެރިކަން: 

އާސިޔަތުގެފާނަކީ، ވަރަށް ޚުލުޤުފުޅު ރީތި، ވަރަށް ކެތްތެރި، ޙައްޤުބަސް ވިދާޅުވުމުގައި ސާބިތުކަމާއިއެކުގައި އެންމެ ފަހު ވަޤުތާއި ޖެހެންދެންވެސް ދެމިހުންނެވި ބޭކަނބަލެކެވެ. މިޞްރުގެ މާތަޚްތުގެ އަރާމާއި އުފަލާއި ނިޢުމަތްތަކުގެ ބަދަލުގައި، އާޚިރަތުގެ ގޮވެތި ޚިޔާރުކުރެއްވި ބޭކަނބަލެކެވެ. ރަނިކަނބަލެއެއްގެ މަޤާމު ދޫކޮށް ދުނިޔަވީ ޢަޛާބު ބަރުދާސްތުކުރެއްވި ބޭކަނބަލެކެވެ. އެހެންކަމުން އަރަހުށި މާތްﷲ ވަނީ އެކަމަނާއަށް ތާރީފުގެ ބަސްފުޅު ހަތް އުޑުމަތިން ވަޙީ ކުރައްވާފައެވެ. މުސްލިމު އަންހެނުންނަށް ހުރި ރިވެތި މިސާލެއްކަމުގައި އެކަމަނާ ލައްވާފައެވެ. ކީރިތި ޤުރުއާނުގެ ތަޙްރީމު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

وَضَرَبَ اللَّـهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿١١﴾

މާނައީ: [އަދި فرعون ގެ އަނބިކަނބަލުންގެ ވާހަކައިން، إيمان ވި މީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فرعون އާއި، އޭނާގެ (ނުބައި) عمل ން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި قوم ގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!] 

އާސިޔަތުގެފާނުގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަ ބަޔާންވެގެންވާ ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެގެންވެއެވެ. أبو موسى الأشعري رضى اللّـه عنــه ގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. 

"‏ كَمَلَ مِنَ الرِّجَالِ كَثِيرٌ وَلَمْ يَكْمُلْ مِنَ النِّسَاءِ غَيْرُ مَرْيَمَ بِنْتِ عِمْرَانَ وَآسِيَةَ امْرَأَةِ فِرْعَوْنَ وَإِنَّ فَضْلَ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَامِ ‏"‏{ صحيح البخاري كتاب أحاديث الأنبياء، بَابُ قَوْلِ اللَّهِ تَعَالَى: (وَضَرَبَ اللَّهُ مَثَلاً لِلَّذِينَ آمَنُوا امْرَأَةَ فِرْعَوْنَ) إِلَى قَوْلِهِ: (وَكَانَتْ مِنَ الْقَانِتِينَ)، ޙަދީޘް 3411}

މާނައީ: [ފިރިހެނުންގެ ތެރެއިން ގިނަބަޔަކު ވަނީ ފުރިހަމަ ދަރަޖައަށް ވާސިލުވެފައެވެ. ނަމަވެސް އަންހެނުންގެ ތެރެއިން އެ ދަރަޖައަށް ވާސިލުވެވުނީ އެންމެ ދެބޭކަނބަލުންނަށެވެ. އެއީ ޢިމްރާނުގެ ދަރިކަނބަލުން މަރްޔަމުގެފާނާއި ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނެވެ. އަންހެންތަކުންގެ މައްޗަށް ޢާއިޝަތުގެފާނުގެ މާތްކަމުގެ މިސާލަކީ އެހެން ކާނާތަކުގެ މައްޗަށް ޘަރީދަށް މާތްކަން ލިބިފައިވާ މިންވަރެވެ.] 

އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ ފަރާތުން އިމާމު ތިރުމިޒީ ރިވާކުރައްވައިފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ. މާތް ނަބިއްޔާ ޙަދީޘު صلّى اللّـه عليه وسلّم  ކުރެއްވިއެވެ. 

"‏ حَسْبُكَ مِنْ نِسَاءِ الْعَالَمِينَ مَرْيَمُ ابْنَةُ عِمْرَانَ وَخَدِيجَةُ بِنْتُ خُوَيْلِدٍ وَفَاطِمَةُ بِنْتُ مُحَمَّدٍ وَآسِيَةُ امْرَأَةُ فِرْعَوْنَ ‏"‏ ‏{جامع الترمذي،كتاب المناقب عن رسول الله صلى الله عليه وسلم، ޙަދީޘް ނަންބަރު 4252}

މާނައީ: [މަރްޔަމު ބިންތު ޢިމްރާނާއި، ޚަދީޖަތު ބިންތު ޚުވައިލިދާއި، ފާޠިމަތު ބިންތު މުޙައްމަދާއި، ފިރްޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނު، ޢާލަމްތަކުގެ އަންހެންތަކުންގެ މައްޗަށް ފުދިގެންވެއެވެ.]

سَيِّدَاتُ نِسَاءِ أَهْلِ الْجَنَّةِ مَرْيَمُ بِنْتُ عِمْرَانَ ، ثُمَّ فَاطِمَةُ بِنْتُ مُحَمَّدٍ ، ثُمَّ خَدِيجَةُ ، ثُمَّ آسِيَةُ امْرَأَةُ فِرْعَوْنَ {  أحمد في المسند - مُسْنَدُ عَبْدِ اللَّهِ بْنِ الْعَبَّاسِ بْنِ عَبْدِ المُطَّلِبِ ، عَنِ النَّبِيِّ - حديث رقم 2599}

މާނައީ: [ސުވަރުގޭގެ އަންހެންތަކުންގެ ސާހިބުންނަކީ، މަރްޔަމް ބިންތު ޢިމްރާނެވެ. ދެން ފާޠިމަތު ބިންތު މުޙައްމަދެވެ. ދެން ޚަދީޖަތުގެފާނެވެ. ދެން، ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނެވެ.] 

ސުވަރުގޭގައި މާތް ރަސޫލާ صلّى اللّـه عليه وسلّم  މަރްޔަމުގެފާނާއި، އާސިޔަތުގެފާނާއި، މޫސާގެފާނުގެ އުޚްތާއާ ކާވެނި ބައްލަވައި ގަންނަވާނެކަމަށް ވާރިދުވެގެން އައިސްފައިވާ ޙަދީޘްތަކަކީ ވަރަށް ޟަޢީފު ޙަދީޘްތަކެކެވެ. އޭގެ ބައެއް ޙަދީޘްތަކަކީ މައުޟޫޢު ޙަދީޘްތަކެވެ.

މިއަދު އޮންލައިން