ޢިބްރަތްތެރި ވާހަކަ: ކުޑަދަރިފުޅަށް އެއްވެސް ގޮތެއް ނެތިގެން ކުރިމައްޗަށް އެރުމުންވެސް ބަލައިނުގަތް ބައްޕައަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
ޢިބްރަތްތެރި ވާހަކަ: ކުޑަދަރިފުޅަށް އެއްވެސް ގޮތެއް ނެތިގެން ކުރިމައްޗަށް އެރުމުންވެސް ބަލައިނުގަތް ބައްޕައަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އެއީ ދަރިފުޅުގެ ޢުމުރުން 3 އަހަރުންފެށިގެން އެކަނިވެރިމައެއްގެ ގޮތުގައި އިނދެ ވަރަށް ދަތިޙާލުގައި ދަރިފުޅު ބަލައި ބޮޑުކުރި މަންމައެކެވެ. އޭނާގެ ބަލިޙާލު ހުރިގޮތުން މާގިނަ ދުވަހު ދުނިޔޭގައި ހުރެވިދާނެކަމުގެ އުންމީދުކުޑަވުމުން އެކިފަހަރުމަތިން ދަރިފުޅު، އޭނާގެ ބައްޕަގެ ޣާތަށް ފޮނުވައިގެން ބައްޕަ ދަރިފުޅު ބެލުމާއި ޙަވާލުވޭތޯ ވަރަށް މަސައްކަތްކުރިއެވެ.  

ދަރިފުޅުގެ ޢުމުރުން 10 އަަހރުގައި ހޮސްޕިޓަލުގައި އޮންނަން ޖެހުމުން ދަރިފުޅުގެ ގާތުގައި ބުންޏެވެ. "ދަރިފުޅާއެވެ. މަންމަ ދުނިޔެއާއި ވަކިވެގެންދާއިރު ދަރިފުޅުބަލާނެ މީހަކު ހުރުމަކީ މަންމަގެ ހިތަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެންމެ ފަހު ފަހަރަށް ނަމަވެސް އަދި އެއްފަހަރު ބައްޕަ ޢާއި ބައްދަލުކޮށް މަންމަ އޮތް ޙާލުބުނެލާށެވެ! ކޮންމެހެން ދަރިފުޅު ބަލައިދިނުން އެދި އާދޭސްކުރާނެ ކަމެއް ނެތެވެ. މާތް ﷲ ދަރިފުޅު ނިކަމެތި ނުކުރައްވަވާނެތެވެ. އިން ޝާ ﷲ"  

އެކަން ކުރަން ބޭނުންނުވިނަމަވެސް މަންމަގެ އެދުމަށް ޢިޖާބަދިނުމުގެ ގޮތުން ދަރިފުޅު ގޮސް ބައްޕައާއި ބައްދަލުކުރިއެވެ. އެދުވަހުވެސް ދިނީ ހަމައެއް ޖަވާބެކެވެ. އެނބުރި މަންމަގެ ގާތަށްދާށެވެ. ދަރިއެއްގެ ގޮތުގައި ދެކޭކަށް ދުވަހަކުވެސް ބޭނުމެއް ނޫނެވެ."

ދަރިފުޅު އެނބުރި އައިސް މަންމަގެ ގާތުގައި  ބައްޕަބުނި ވާހަކަ ބުނީ ޑޮކްޓަރުވެސް ކޮޓަރީގައި ހުއްޓައެވެ. މައިމީހާއަށް ކުރިއަސަރު ޑޮކްޓަރަށް ފެނުމުން ވެގެން މިއުޅޭގޮތަކާއިބެހޭ ގޮތުން ސުވާލުކުރުމުން ރޮމުން މަންމަ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.  

ޑޮކްޓަރު ދިނީ އާދައިގެ ހިތްވަރެއް ނޫނެވެ! "ކަްނބޮޑުނުވާށެވެ! އިރާދަކުރެއްވިއްޔާ ތިބާ މަރެއްވެސް ނުވާނެއެވެ. އަދި މަރުވިޔަސް ދަރިފުޅު އެކަންޏެއްވެސް ނުވާނެއެވެ. ދަރިފުޅުގެ ބެލެނިވެރިކަމާއި މިޙަވާލުވީއެވެ. ހަމައެކަނި ދަރިފުޅުގެ ބެލެނިވެރިކަމާއިއެއްވެސް ނޫނެވެ. ތިބާގެ ބެލެނިވެރިކަމާއިވެސް މިޙަވާލުވީއެވެ. މިވަޤުތުން ފެށިގެން އެއްވެސް ކަމަކަށް ނުވިސްނާށެވެ. ބޭސްފަރުވާވެސް ކޮށްދޭނަމެވެ. ޑިޔުޓީ ނިމިގެންދާނީ ދަރިފުޅުވެސް ގޮވައިގެންނެވެ."  

މަހެއްހައި ދުވަހުގެ ފަރުވާއިން އަންހެންމީހާއަށް ޝިފާލިބުނެވެ. އެންމެ ބޮޑު ސަބަބަކީ ދަތިޙާލުގައި އުޅެންޖެހޭތީ ކުރިން ނުގަނެވުނު އަގުބޮޑު ބޭސްތައް ޑޮކްޓަރު ގަނެދިނުމެވެ. ރަނގަޅު އެއްޗެތި ކާންދިނުމެވެ. ދަރިފުޅުގެ ބެލެނިވެރިކަމާއި ޑޮކްޓަރު ޙަވާލުވުމުން ލިބުނު ހިތްހަމަޖެހުމެވެ.  

ހޮސްޕިޓަލުން ދޫކޮށްލުމުން ގެންދިއައީ ޑޮކްޓަރުގެ ގެއަށެވެ. ބުނީ ކުރިން ދިރިއުޅުނު ޖިފުޓިމަތިން ހަނދާންނައްތައިލުމަށެވެ. ނަމަވެސް އެބިން ދޫކޮށްނުލައި ރަނގަޅު ބިނާއެއް އަޅާނެ ކަމަށެވެ.  

ކުރުކޮށްލާނަމެވެ. އެއިގެ 20 އަހަރު ފަހެވެ. ދަރިފުޅަކީ މަޝްހޫރު ޑޮކްޓަރެކެވެ. އެހައި އަވަހަށް އެހައިބޮޑު މަޝްހޫރުކަމެއް ލިބުނީ "ބެލެނިވެރި" ޑޮކްޓަރުގެ މަޝްހޫރިކަމުންނެވެ. ދެބަފައިން ހިންގަނީ ކުޑަ ނަމަވެސް ފެންވަރު ރަނގަޅު ގިނަޚިދުމަތްތަކެއް ދެމުންގެންދާ އަމިއްލަ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލް ޢިމާރާތްކޮށްފައިވަނީ ކުއްޖާގެ މަންމައަށް އޭނާގެ މައިންބަފައިންގެ ފަރާތުން ވާރުތަވި ބިންކޮޅުގައެވެ.  

އެއްދުވަހެއްގެ ހަވީރެވެ. ދެޑޮކްޓަރުންނާއި އަންހެންމީހާ އާއި ހޮސްޕިޓަލުން ނުކުމެ ކާރަށް އަރަން ހިނގައިގަތްތަނާ އަސައެއް ވިއްދަމުން އައި މީހަކު އެމީހުންގެ ކުރިމައްޗަށް އެރިއެވެ. "ދަރިފުޅާއެވެ! މިވާހަކަ ދައްކަން ވަރަށް ލަދުވެސް ގަނެއެވެ. ކުރެވުނު ކުށް ވަރަށް ބޮޑުކަން އެނގެއެވެ. ނަމަވެސް މިއީ ތިއަދަރިފުޅުގެ ބައްޕައެވެ."  

އެހިސާބަށް ބުނާއިރަށް ދަރިފުޅު ބުނީ ތިއައީ ބައްޕަ ނަމަވެސް ބައްޕގެ ގޮތުގައި ދެކޭކަށް ނެތީމެވެ. އަތުގައި ފައިސާ ނެތް މީހުންނަށް ހިލޭ ބޭސްކުރެވޭ އިންތިޒާމެއް ހޮސްޕިޓަލުން ހިނަގައެވެ. ބޭނުންނަމަ ހޮސްޕިޓަލަށް ވަދެ ޙާލަތު ބަޔާންކުރީމާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ހަށިގަނޑުގަ ހިތެއް ނެތް މީހަކާ އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އަދި ހަދާންކުރާށެވެ! އަހުރެންގެ މަސައްކަތުގެ ތެރެއިން ބައްދަލުކުރަންޖެހޭ އެންމެންނާ އަހުރެން ބައްދަލުކުރަމެވެ. އެކަމަކު ދަރިފުޅުވެގެން ބައްދަލުކުރަން ހިތަށްވެސް ނުއަރުވާށެވެ!"  

އަޅުގަނޑު ވަކިއަތަކަށް ބަހެއް ބުނާކަށް ނެތީމެވެ. މިހާދިސާއަށް ވިސްނުމަށްފަހު އެދަރިފުޅުގެ ނިންމުމާއިމެދު ދެކޭ ގޮތް އަމިއްލައަށް ހާމަކޮށްލާށެވެ. ރަނގަޅީ ކޮމެންޓެއްކޮށްލަދިނިއްޔާއެވެ.  

އަޅުގަނޑަށާ އަޅުގަނޑުގެ ދަރިފުޅަކީވެސް ހަމަ މިފަދަ މިފަދަ ގޮތަކަށް ކަންކަން މެދުވެރިވި ދެމީހުންނެވެ. އެމަންމައަށް ކުރަންޖެހުނު އިޙްޞާޞްތައް މިމަންމަވެސް ކުރީމެވެ. އެދަރިފުޅަށް ކުރަންޖެހުނު އިޙްޞާޞްތައް އަޅުގަނޑުގެ ދަރިފުޅަށްވެސް ކުރަންޖެހުނެވެ. ކަންކަން މެދުވެރިވީވެސް ހަމަ އެފަދަ ގޮތަކަށެވެ. ބައްޕައަށް ދަރިފުޅު ފެނުނީ މަތީ މަޤާމެއް ލިބި ބޮޑު މުސާރަ ލިބެންފެށުމުންނެވެ.

 

- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން