މީހަކު ތިބާއަށް ދެރައެއްދޭން މަސައްކަތްކުރާނަމަ ސީދާ އެކަން ތިބާއަށް ނުއަންގަވައިފާނެއެވެ. އަދި ދޮގުހަދާނަމަ ވަޤުތުން އެކަން ބޭޒާރުވެސް ނުކުރައްވަވައިފާނެއެވެ. އެހެންކަމާއިއެކުވެސް ތަޤްވާވެރިންނަށް ﷲ ތަޢާލާ މިންވަރުކުރައްވަވާ ނިޢުމަތެއް އެބައޮތެވެ. އެއީ އެފަދަ މީހުންނާއި ބައްދަލުވުމުން ހިތަށް ނުތަނަވަސްކަން ލިބުމެވެ. އަދި އެފަދަ ވާހަކަތަކުގެ އަޑުއިވުމުންވެސްމެއެވެ.
އަހުރެމެންނަށް އޮތީ އެކަމަށް ވިސްނުމެވެ. ޠޯހިރު ހިތްތަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. ހެޔޮނުބައި ދެނެގަތުމުގެ ބާރުވެސް ދެއްވަވާނެތެވެ. ގިނަ ބައަކަށް އެކަންކަން ނުވިސްނި ބޮޑެތި ދެރަތައް ލިބެން މެދުވެރިވާ ސަބަބަކީ ތަޤްވާވެރިކަން ކުޑަވުމެވެ. ތިމާއާއި ﷲ ތަޢާލާ އާއި ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަވުމެވެ.
ބައެއް އަންހެނުންނަށް ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެއެވެ. އެތައް ގޮތަކުން ހިތްދަތިކަން ލިބެއެވެ. އެތައް ކަމަކުން ބޮޑެތި ތަކްލީފްތައް އުފުލަން ޖެހެއެވެ. އެކަމަކު އެކަނބަލުން ފަހަތަކަށް ނުޖެހެއެވެ. މަސައްކަތްކުރާނީ ކުރިއަށް ދިއުމަށެވެ.
މިފަދަ އަންހެނުން މަދުވާނެއެވެ. އެކަނބަލުންނަކީ އެކަނބަލުންގެ ތަޤްވާވެރިކަން ބޮޑުކަމުން ހިތަށް ޘާބިތުކަން ދެއްވަވާފައިވާ ކަނބަލުންނެވެ. އެފަދަ ކަނބަލުންގެ ކައިވެނި ރޫޅި ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް ފަހަތަކަށް ނުޖެހޭނެއެވެ. ކުރާ އަޅުކަން މަދެއް ނުކުރާނެއެވެ. ދުޢާކުރުން ކުރާނީ ގިނައެވެ.
އެކަންކަމުގެ ސަބަބުން ﷲ ތަޢާލާ އެކަނބަލުންގެ ދަރަޖަ އިތުރަށް މަތިވެރިކުރައްވަވަތެވެ. ލައްވަވާ ރަހްމަތް އިތުރުކުރައްވަވަތެވެ. އެއިރުން މިފަދަ އަންހެނަކަށް ދެރައެއް ދިނަސް ބަދަލުހިފާކަށް ނުއުޅޭނެއެވެ. އެއީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގަ އިތުބާރުކުރާތީއެވެ. އަދި މީހުން ދައްކާ ބޭކާރު ވާހަކަތަކަށް ސަމާލުކަމެއް ނުދޭނެއެވެ. ބަލާނީ ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށެވެ.
އެއިރުން އޭނާއަށް ހިތްދަތިކަމެއް ކުރިމަތިކުރުވިޔަސް ކަންބޮޑުވެ ޝަކުވާތަކެއް ނުކުރާނެއެވެ. ރޭގަނޑުގެ ފަހުދަންފަޅީގައި ހޭލައި ދުޢާކުރާނީއެވެ. ކަރުނަ އަޅައި އާދޭސްދަންނަވާނީއެވެ. އެކަމުގެ ސަބަބުންވެސް އެނާގެ ދަރަ އިތުރަށް މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
- މިއަދުނޫސް