ގިނަ ބައަކަށް ބަލައިގަންނަންވެސް އެންމެ އުދަގޫ އެއްކަމަކަށްވެފައި އޮންނަނީ އެކުވެރިންތައް ތިމާއާއި ވަކިވުމެވެ. ޚާއްޞަކޮށް ބައިވެރިޔާ ވަކިވުމެވެ. އެކަމުން ހިތްދަތިކަން ނުލިބޭނެ މީހަކު ނުހުންނާނެއެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަށް ނުވަތަ އެޙާލަތު މެދުވެރިވާ ސަބަބަށް ވިސްނައިފިނަމަ ހިތާމަކުރާކަށް ނުޖެހޭނެއެވެ. އޮތީ އުފާކުރުމެވެ.
އެކުގައި އުޅޭ މީހުން ތިމާއާއި ވަކިވުމަށް ބަލައިފިނަމަ އެކަން ގިނަ ފަހަރަށް ވެފައި އޮންނާނީ އެމީހަކަށް ލައްވަވާ ބޮޑު ރަޙްމަތަކަށެވެ. މިޘާލަކަށް ބުނާނަމަ ﷲ ތަޢާލާ ލައްވަވާ އެންމެ ބޮޑު ރަޙްމަތަކީ ތިމާއަށް ރައްކައުތެރިކަން ދެއްވެވުމެވެ. އެހެންވީމާ އެކުގައި އުޅޭ މީހުންގެ ނުވަތަ މީހެއްގެ ސަބަބުން ތިބާއަށް ދެރައެއް ލިބެން އުޅޭނަމަ އެކަމަކުން ތިބާއަށް ރައްކައުތެރިކަން ދެއްވެވުމަށްވެސް މީހުން ތިބާއާއި ދުރުކުރައްވަވައެވެ. ހަމައެކަނި އެކުވެރިންނެއް ނޫނެވެ. ޙަޔާތުގެ ބައިވެރިޔާއާއިވެސް ވަކިކުރައްވަވައެވެ.
ރަނގަޅަށް ވިސްނާށެވެ. ޙަޔާތުގެ ބައިވެރިޔާއާއި ވަކިވެވުނީތީ އުފާކުރާ މީހުން މަދެއް ނުވާނެއެވެ. ހަމައެފަދައިން އެކުވެރިން ތިމާއާއި ވަކިވީތީ އުފާކުރާ މީހުންވެސް މަދެއްނުވާނެއެވެ. އެމީހުންވެސް އެކަމަސް ފުރަތަމަ ކުރާނީ ހިތާމައެވެ. ހިތްދަތިކަމުގައި ދުވަސްކޮޅަކު ތިބޭނެއެވެ. ނަމަވެސް އަރައިގަނެވޭނެއެވެ. އިން ޝާ ﷲ
އެކުވެރިން ނުވަތަ ބައިވެރިޔާ ވަކިވުމުން ދެރަވެވެނީ އެކަމުގައި ފޮރުވިފައިވާ ބޮޑު ސިއްރު ނުވަތަ ޙިކުމަތް ނުއެނގޭތީއެވެ. ފަހުން އެކަންކަން އެނގޭނެއެވެ. އެނގުމުން އެކަން އުފާވެރިކަމަށް ބަދަލުވަނީއެވެ. ކަންކަން މެދުވެރިވާނެ ގޮތް ނުއެނގެނީ އަހުރެމެންނަށެވެ. އެކަމަކު މާތް ﷲ ދެނެވޮޑިގެންވެއެވެ.
ކޮންމެ ކަމެއް ކުރިމަތިވިޔަސް މިއީ މެދުވެރިކުރެއްވެވި ރަޙްމަތެއްކަމަށް ޤަބޫލުކުރެވޭނެ މިންވަރަށް އީމާންކަން ވަރުގަދަކުރާށެވެ. އެއިރުން މިބުނި ފަދަ ކަންކަން ކުރިމަތިވިޔަސް ބޮޑު މައްސަލައަކަށްނުވާނެއެވެ. އެއިރުން އަބަދުވެސް ހުރެވޭނީ ތިމާއަށް ދެރަގޮތެއް މާތް ﷲ މިންވަރު ނުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން