އެއީ ތަނަވަސް މީހެކެވެ. ކައިވެނިކޮށް ދިރިއުޅެނީވެސް ވަރަށް އުފަލުގައެވެ. އޭނާގެ އޮންނަ ހަމައެކަނި މައްސަލައަކީ ފައިސާގެ ކަންކަމުގައި އަނބިމީހާވެސް ހިމެނޭހެން ހަމައެކަކަށްވެސް އިތުބާރުނުކުރުމެވެ. އެއީ ބޮޑު މައްސަލައަކަށްވެދާނެކަން ވިސްނައިދޭން އަނބިމީހާ މަސައްކަތްކުރާއިރަށް ބުނަނީ ފައިސާގެ ކަންކަމުގައި އެއްވެސް މީހަކަށް އިތުބާރުނުކުރާނެ ކަމަށެވެ.
އެކްސިޑެންޓެއް ވެގެން ހޮސްޕިޓަލަށް ގެންދެވުނު ދުވަހެކެވެ. ސިކުނޑިއަށް ދިއައީ ލޭއެޅެމުންނެވެ. ހޮސްޕިޓަލުން ބުނީ މިހާރުން މިހާރަށް އޮޕަރޭޝަން ކުރަންޖެހޭ ކަމަށާއި ނަމަވެސް އެޑްވާންސް ފައިސާ ޑިޕޮޒިޓް ކުރުމުން ނޫނީ އޮޕަރޭޝަން ނުކުރެވޭނެ ކަމަށެވެ.
އޭނާގެ އެކައުންޓުން ފައިސާ ނެގޭނެ އެއްވެސް ގޮތެއް ނެތެވެ. ޕާސްވޯޑް އެނގޭ މުވައްޒިފަކުވެސް ނެތެވެ. ސޮއިކުރުމުގެ ހުއްދަ އެކަކަށްވެސް ދީފައެއް ނެތެވެ. ބޭންކުން ބުނީ ޤަވާއިދުތަކުގެ ތެރެއިން ނޫނީ ފައިސާ ދޫނުކުރެވޭނެކަމަށެވެ. ހެދޭނެ ގޮތެއްނެތި އަނބިމީހާއާ ޢާއިލާ ދެކޮޅަށް ދުވެދުވެ ތިއްބައި ޑޮކްޓަރުން ބުނީ އޭނާ ނިޔާވެއްޖެ ކަމަށެވެ.
މިޙާދިސާއަށް ބަލާއިރު ޞިއްޙީ މައްސަލައަކާއި ގުޅިގެން މިފަދަ ޙާލަތެއް މެދުވެރިއެއް ނުވާނެއެވެ. ޢާސަންދަ ލިބޭނެތީއެވެ. އަސާސީ ފަރުވާތައް އާސަންދައިން ކަވަރުކުރާނެތީއެވެ. އެހެންކަމާއިއެކުވެސް މިޙާދިސާ ކިޔުންތެރިންގެ ސަމާލުކަމަށް މިގެނައީ ދެމަފިރިން ލޯބިން އެކުގައި އުޅޭނަމަ އެކަކު އަނެކަކަށް އިތުބާރުކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.
މިޘާލަކަށް ފިރިމީހާގެ ހުރިހާ އެކައުންޓަތަކަށް އެކްސަސް ނުވެވުނަސް ދިމާވާ ކުއްލި ކަންކަމާއި ގުޅިގެން އަނބިމީހާއަށް ކަންކަން ހަމަޖައްސައިލެވޭނެ ގޮތެއް ހަމަޖެހިފައި އޮންނަންވާނެއެވެ. ނޫންނަމަ ދެރަ ގޮތްތައް މެދުވެރިވުމުގެ ފުރުޞަތު އެބައޮތެވެ. އަޅުގަނޑު ބުނާނީ ތަނަވަސްކަން ހުންނަވަރަކުން ދެމަފިރިންގެ ނަމުގައި އެކައުންޓެއް ގެންގުޅުމަކީ މިބާވަތުގެ މައްސަލަތަކުން ސަލާމަތްވެވޭނެ ގޮތެއް ކަމަށެވެ.
- އަޒުލިފާ / މިއަދުޏޫހުގެ ކިޔުންތެރިއެއް