ދިރިއުޅުން އުފާވެރިކުރުމުގެ އިތުރަށް ފާފަފުއްސަވައިދެއްވެވުން އެދިގެންވެސް އެހެން މީހުންނަށް މާފުކުރާ މީހަކަށްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދިރިއުޅުން އުފާވެރިކުރުމުގެ އިތުރަށް ފާފަފުއްސަވައިދެއްވެވުން އެދިގެންވެސް އެހެން މީހުންނަށް މާފުކުރާ މީހަކަށްވާށެވެ!

ތިމާއަށް ދެރައެއް ލިބޭނެ ކަމެއް ނުވަތަ ހިތުގައި ޖެހޭނެ ކަމެއް ކޮށްފިނަމަ އެމީހަކަށް މާފުކުރުމަކީ ބައެއް މީހުންނަށް އެހާފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ އަހުރެން މިބުނެދެނީ މީސްތަކުންނަށް މާފުކުރަންވީ ބައެއް ސަބަބުތަކެކެވެ. 

ފުރަތަމަ ސަބަބަކީ ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. އަހުރެމެންގެ ފާފަތައް ފުއްސަވައި ދެއްވެވުމެވެ. އަހުރެމެން މިބިންމަތީގައި ތިބެގެން އެކަކު އަނެކަކަށް މާފުނުކުރާނަމަ 7 އުޑުމަތީގައި ވޮޑިގެންވާ ﷲ ތަޢާލާ އަހުރެމެންގެ ފާފަތައް ފުއްސަވައިދެއްވަވާނެކަމަށް އުންމީދުކުރެވޭނީވެސް ކިހިނަކުންހެއްޔެވެ؟  

މީސްތަކުން އެކަކު އަނެކަކަށް މާފުކުރަން ﷲ ތަޢާލާ ވަނީ ޤުރްޢާނުގެ އެތައް ތަނެއްގައި ވަޙީކުރައްވަވައިފައެވެ. އެހެންކަމުން އެކަކު އަނެކަކަށް މާފުކުރަންވީ ތިމާއަށް ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތަށް އެދިގެންނެވެ.  

މީގެ އިތުރުން އެކަކު އަނެކަކަށް މާފުކުރުމަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވަވައިފައެވެ. ވީމާ އިތުރުއެކަލޭގެފާނު ދެކެ ލޯބިވާނަމަވެސް އަހުރެމެން އެކަކު އަނެކަކަށް މާފުކުރަން އެބަޖެހެއެވެ.  

އެންމެ މުހިންމު ކަމަކީ އަމިއްލަ ދިރިއުޅުމެވެ. ގިނަ ބައެއްގެ ދިރިއުޅުމަށް އެންމެ ބޮޑެތި ގެއްލުންތައް ލިބެނީ މާފުނުކުރުމުންނެވެ. ޢާއިލާގެ މީހުންނަށާއި ޙަޔާތުގެ ބައިވެރިޔާއަށް ކުރެވޭ ކުދިކުދި ކުށްތަކަށްވެސް މާފުނުކުރެވޭތީއެވެ. އެކަމުގެ ސަބަބުން ފިތުނަ އުފެދި ގިނަ ދުވަހަށް ދެމިގެންދާތީއެވެ. ފިތުނައި ހުޅުގަނޑު ބޮޑުވެ ދިރިއުޅުން އަނދައިގެންދާ އެންމެ ބޮޑު ސަބަބަކީ މާފުނުކުރެވުމެވެ.  

ވީމާ މާފުކުރުމުގައި ދީލަތިވާށެވެ! އެކަމުގެ ސަބަބުން ތިބާގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އަދި ދިރިއުޅުންވެސް އުފާވެރިވެގެންދާނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން

މިއަދު އޮންލައިން