އެކުވެރިންނަށް ތިބާ އަޅުވެތިކޮށް ފައިސާހޯދުމާ ނުބައި ޢަމަލުތައް ކުރުވަން ފަސޭހަވެގެންދަނީ ތިބާގެ ސިއްރުތަކާ ޢައިބުތައް އެމީހުންނަށް ކިޔައިދެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
އެކުވެރިންނަށް ތިބާ އަޅުވެތިކޮށް ފައިސާހޯދުމާ ނުބައި ޢަމަލުތައް ކުރުވަން ފަސޭހަވެގެންދަނީ ތިބާގެ ސިއްރުތަކާ ޢައިބުތައް އެމީހުންނަށް ކިޔައިދެވޭތީ!

އެއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ.

އޮފީހުގެ ބައަކަށް އޭނާގެ ސިއްރުތަކެއް އުނގުމުން މިހާރު އޭނާގެ އަތުން ކޮންމެ މަހަކު ފައިސާޢަތުލައެވެ. އަދި މިހާރު އަޑުއިވެނީ އޭނާ ވިއްކަން ރާވާ ކަމަށެވެ. މިޙާލަތުން އޭނާ ސަލާމަތްކުރެވޭނީ ކިހިނަކުންތޯ؟ އެއީ ވަރަށް ރީތި ކުއްޖެއްވީމަ ހަމްދަރުދީ ވެވެނީ!  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކުށް އެންމެންނަށްވެސް ކުރެވޭނެއެވެ. ކުށްކުރެވުމުން އޮތީ ބްލެކްމޭލްވުމެއް ނޫނެވެ. ތައުބާވުމެވެ. ދެން ވިސްނާނީ ވަޒީފާ ގެއްލުން، ފަޟީޙަތްވުން ފަދަ ކަންކަމަށެވެ. ކުރެވުނު ކުށަށް ﷲ ގެ ޙަޟްރަތުގަ ތައުބާވުމުން ދެން ލިބިދާނެ ގެއްލުމަކަށް ވިސްނާކަށް ނުޖެހެއެވެ. އަސްތަޣްފާރުކުރުންމަތީގަ ދެމިހުރީމަ އޭނާގެ ހުރިހާ ކަމަކަށް  މާތް ﷲ ރަޙްމަތް ލައްވަވާނެތެވެ.  

ގުޅުންހުރި ލިޔުމެއް!  

ތިބާގެ ކިތަންމެ ގާތް އެކުވެރިއަކަށް ނަމަވެސް ތިބާގެ ސިއްރުތައް ކިޔައިދިނުމަކީ އެކުވެރިޔާއަށް އަޅުވެތިވެ އޭނާގެ އަޅަކަށްވާންޖެހިދާނެ އެންމެ ބޮޑު އެއް ސަބަބެވެ. ޙަޔާތުގެ ސިއްރުތަކާއި ސިއްރުން ކުރެވޭ ފާފަތައް ސިއްރުގެ ގޮތުގައި ހިފަހައްޓަން އިސްލާމް ދީން އެހައި ބޮޑަށް ބާރުއަޅަނީ އެ ސަބަބަށްޓަކައެވެ.  

އަބަދުވެސް ބުނާފަދައިން ކިތަންމެ ގާތް އެކުވެރިއަކީވެސް ކޮންމެ ހިނދެއްގައިވެސް ތިބާއާއި ގުޅުންކަނޑާލައިފާނެ މީހެކެވެ. އަދި ތިބާއަށް ކިތަންމެ ބޮޑު އުރެދުމެއްވެސް އުރެދިފާނެ މީހެކެވެ. އޭނާ ކިތަންމެ ބޮޑު ނުބައިކަމެއް ތިބާއަށްކޮށް ކިތަންމެ ބޮޑު ގެއްލުމެއްދިންނަމަވެސް އެމީހަކަށް ބްލެކްމޭލްވެ އަޅުވެތިވެގެން ހުންނަން ނުޖެހޭނީ ތިބާގެ ސިއްރުތައް އޭނާއަށް ނުއެނގޭނަމައެވެ. އެނގޭނަމަ ހަމަ ގިނަފަހަރަށްޖެހޭނީ އަޅުވެތިވެގެން ހުންނާށެވެ.  

ކުޑަކުޑަމިސާލެއްގެގޮތުން ވަރަށް ގިނައިން ހިނގާ ވަރަށް ޢާންމުކަމެއްގެ ވާހަކަ ބުނެލާނަމެވެ. ތިބާއަކީ ހަމަ ވަރަށް ރަނގަޅަށް ބައިވެރިޔާއާއިއެކު ދިރިއުޅެމުންދާ ބައިވެރިއެކެވެ. އަނހެނެއް ފިރިހެނެއް ބުނާކަށް ނެތީމެވެ. އެހެންކަމާއިއެކުވެސް، ޝައިޠޯނާގެ ސަބަބުން ތިބާއަށް އޮތީ ލަދުވެތިކަމެއް ކުރެވިފައެވެ. ބައިވެރިޔާއަށް އެނގިއްޖެނަމަ ކައިވެނި ރޫޅިދާނެކަމުގެ ބިރު އޮތް ކަމެއް ވަނީ ކުރެވިފައެވެ. އެކަންކުރިކަން އެކުވެރިޔާއަށް އެނގެއެވެ. ނުވަތަ ތިބާއަށް ވަނީ އެކުވެރިޔާއަށް އެވާހަކަކިޔައިދެވިފައެވެ.

އެ އެކުވެރިޔާ ތިބާގެ ބައިވެރިޔާއާއިއެކު އެފަދަ ގުޅުމެއް ހިންގިކަން ތިބާއަށް އެނގުނީއެވެ. ނުވަތަ ހިންގަނީއެވެ. ނިކަން ބުނެބަލާށެވެ! އެ ޙާލަތުގައި ތިބާއަށް ބުނެވޭނީ ކޮންބަހެއް ހެއްޔެވެ؟ ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ ބަހެއް ބުނެފިނަމަ ފަޅާއަރުވައިލާނެ ބޮޑު ސިއްރު އެކުވެރިޔާއަށް ވަނީ ހާމަކުރެވިފައެވެ.  

ޤަބޫލުކުރަން އުނދަގޫވިނަމަވެސް މިޙާލަތު ކުރިމަތިވެ، ދެން ޢަމަލުކުރެވިދާނެގޮތަކާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. އެއީ މެދުވެރިދާނެޙާލަތެއްކަން އެނގެނީ އެފަދަ ސުވާލުތަކުންނެވެ.  

މިފަދަ އެތައް ކަމެއްގެ މިށާލުތައް ދެއްކިދާނެއެވެ. ވީމާ ތަކުރާރުކޮށް ބުނަމެވެ! ތިމާގެ ސިއްރުތައް ކިތަންމެ ގާތައެކުވެރިއަކަށް ނަމަވެސް ހާމަނުކުރާށެވެ! ކިތަންމެ ބޮޑު ގެއްލުމެއް ހަަމ މިދުނިޔެމަތީގައިވެސް ލިބިދާނެއެވެ. ކިތަންމެ ބޮޑު އަނިޔާއެއްގައި، ކިތަންމެ ބޮޑު ހިތްދަތިކަމެއްވެސް ކުރިމަތިވާނެއެވެ!

ތިމާގެ ސިއްރުތައް ބަހައްޓަންޖެހޭނީ ތިމާ އާއި ﷲ ތަޢާލާ ޢާއި ދެމެދުގައެވެ. ފާފައެއް ކުރެވިއްޖެނަމަ ތައުބާވާށެވެ. އަދި އެކަން އެއްވެސް މީހަކަށް ހާމަނުކުރާށެވެ!

 

- މައުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން