ގިނަގިނައިން ވުޟޫކުރުމާއި ވުޟޫމަތީގައި ހުރުމަކީވެސް އަޅުކަމެކެވެ. އެއިގެ އިތުރަށް ވުޟޫމަތީގައި ހުންނަންޖެހޭ ވަޤުތެއް އެބައޮތެވެ. އެއީ ތިބާއަށް ޙަސަދަވެރިވާކަމަށް ވިސްނޭ މީހުންނާ ބައްދަލުކުރާ ވަޤުތެވެ.
ވުޝޫމަތީގައި ދެމިހުރުމަކީ އެސްފީނާ އާއި ސިހުރު ޖެހުމުން ދުރުކޮށޮދޭ ކަމެކެވެ. ވުޝޫމަތީގައި ހުރުމަކީ އެކަމަށް މަސައްކަތްކޮށްފި މީހަކަށް އެހައި ބުރަކަމެއް ނޫނެވެ. މުހިންމީ އެމީހަކަށް ވެވުނުވަރަކުން ވީހައި ގިނައިރު ވުޝޫމަތީގައި ދެމިހުރުމެވެ.
ކުރިން ބުނި ފަދައިން ގިނަގިނައިން ވުޝޫ ކުރުމަކީ މަތިވެރި އަޅުކަމެކެވެ. ވުޝޫ ކުރެވޭ ގުނަވަންތައް ޤިޔާމަތް ދުވަހު ހުންނާނީ ﷲ ތަޢާލާގެ ނޫރުފުޅުން ދިއްލިފައެވެ.
އެއްވެސް އަލިކަމެއް ނުލިބި ކަޅުކަން ގަދަ އަނދިރިކަމުގަ އޮންނަ ޤިޔާމަތް ދުވަހު ޞިރާޠުމަގު ހުރަސްކުރަން އެ ގުނަވަންތައް އަލިކޮށްދޭނެއެވެ. ޤިޔާމަތް ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިއުންމަތުގެ މީހުން ވަކިކުރައްވަން އެނގިވަޑައިގަންނަވާނެ އެއް ސަބަބަކަށް ވެސް ވުޝޫ ކުރާ ގުނަވަންތައް ދުއްލިފައި ހުރުން ވެގެންދެއެވެ.
ވީމާ ވުޟޫކުރާއިރު އެންމެ ފުރިހަމައަށް ވުޝޫ ކުރުމުގެ މުހިންމުކަން މިކަންކަމުންވެސް އެނގިގެންދެއެވެ. ކިތަންމެ އަވަހަށް ވުޟޫ ގެއްލުމަކީ މައްސަލައެއް ނޫނެވެ. ފެންވަރައި ނިންމައިލާއިރު ވުޟޫކުރަން އާދަކުރާށެވެ. އަދި ވަޤުތު އޮތްނަމަ ފާޚާނާކޮށް ނިމިގެން ނުކުންނަމުންވެސް ވުޟޫކޮށްލާށެވެ. ވުޟޫކުރާއިރު ގުނަވަންތަކުން އޮހޮރިގެންދާ ފެނާއިއެކު ފާފަތައް ގައިން ނުކުމެގެންދާކަން އެއީވެސް ވުޟޫކުރުން ގިނަކުރަން އޮތް ސަބަބެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން