ﷲ ތަޢާލާ ތިއަ ކަނަބަލުންނަށް ރައްކައުތެރިކަން ދެއްވަވާނެ ގޮތް ކުރިން ކިޔައިދީފީމެވެ. ﷲ ތަޢާލާ ތިއަ ކަނބަލުންނަށް ރައްކައުތެރިކަން ދެއްވެވީމާ ނުބައި މީހުންނަކަށް ތިބާގެ އެކުވެރިންނަކަށް ނުވެވޭނެއެވެ. އެކުވެރިއަކަށް ހަދަން އުޅުނަސް ސަބަބެއް މެދުވެރިކުރައްވަވައި އެމީހަކު ތިބާއާ ދުރުކުރައްވަވާނެތެވެ.
ހަމަ އެގޮތަށް ތިބާއަށް އުފާވެރި ޒަވާޖީ ހަޔާތެއް ހޯދައިދޭނެކަމަށްބުނެ މަކަރުހަދަން އުޅޭ މީހުންނަށް އެފުރުޞަތެއްވެސް ނުދެއްވަވާނެތެވެ. އެހެންވެ ކައިވެނި ކުރެވުން ލަސްވެ އެކަމަށް އިންތިޒާރުކުރަންވެސް ޖެހިދާނެއެވެ. އެޙާލަތުގައި ތިބާކުރަން އޮތްކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަމުން ދުޢާކުރުން ގިނަކުރުމެވެ.
ﷲ ތަޢާލާއަށް ފުރިހަަމ ގޮތުގައި އިތުބާރުކޮށް އެކަލާނގެ ޙަޟްރަތަށް ކުއްތަންވުމަށް މަސައްކަތްކުރާ އަޅުންނަށް ރައްކައުތެރިކަން ދެއްވަވާނީ ހަމައެކަނި ޝައިޠޯނާގެ ކިބައަކުން ނޫނެވެ. ދެރައާއި ގެއްލުންދޭން މަސައްކަތްކުރާ އެންމެންގެ ކިބައިން ރައްކައުތެރިކަން ދެއްވަވާނެއެވެ.
ގިނަބައަކަށް ހިތްދަތިކަން ލިބެން މެދުވެރިވާ ސަބަބަކީ ﷲ ތަޢާލާގެ ރައްކައުތެރިކަން ތިމާއަށް ލިބެން އޮތް މަގުން ކުރިއަށް ނުދެވުމެވެ. މަގުކުރުކޮށްލަން މަސައްކަތްކުރެވުމެވެ. އަހުރެމެންގެ ލޭގައި ޝައިޠޯނާ ދައުރުކުރެއެވެ. ޝައިޠޯނާއަށް އަހުރެމެންގެ ހިތަށް އަރާކަންކަން އެނގެނީ އެހެންވެގެންނެވެ. މަގުކުރުކޮށްލަން ހިތަށް އެރުވިޔަސް ފުރުޞަތުގެ ބޭނުން އަވަހަށް ހިފައި އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދަށް ވަދެގަންނާނެތެވެ. ވީމާ އަހުރެމެންނަށް އޮތީ ސަމާލުވެ އެފުރުބަތުވެސް ނުދިނުމެވެ.
އެއިރުން ތިބާއަށް ލިބޭނީ ރަނގަޅު އެކުވެރިންނެވެ. ބައްދަލުވާނީ ތިބާގެ ހިތް އުފާވެރިކޮށްދީގެން ގެންގުޅޭނެ ބައިވަރިޔާއާއިއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަަފތުގެ ދަރުސަކުން
(މިއަދު މިގެނެސްދޭ "ކަނބަލުންނަސް ޚާއްޞަ" 3 ލިޔުމަކީވެސް "ﷲ ރައްކައުތެރިކަން ދެއްވަވާ ކަނބަލުން" ގެ ނަމުގައި އޮތް ދަރުސެއްގެ 3 ބައެވެ. ދަރުސްގެ މުހިންމުކަން ބޮޑުކަމުން ކިޔުންތެރިންނަށް ފަސޭހައަކަށް 3 ސުރުޚީއަކަށް ބަހައިލީއެވެ.)