މިއަދު މިބުނަނީ މާދަމާ ގިނައިން އަޅުކަންކުރާނެ
ކަމަށެވެ. މާދަމާއަށް އިރުއަރައި އޮއްސުމުން އަނެއްކާވެސް މިބުނަނީ މާދަމާ ކުރާނެ ވާހަކައެވެ. ވީމާ ގިނަ ބައެއްގެ ޢުމުރު ނިމިގެންދަނީ އެބުނާ މާދަމާއާއި ބައްދަލުނުވެއެވެ.
ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "މާދަމާ ކިޔާ އެއްވެސް ދުވަހެއް ނުއޮންނާނެއެވެ. އެއީ އަންނާނެ ވެސް ދުވަހެއް ނޫނެވެ. ސަބަބަކީ ހަފަތާގައި ވެސް އެއްވެސް މަހެއްގައި ވެސް މާދަމާ ކިޔާ ދުވަހެއް ނުއޮންނާތީއެވެ. މުސްލިމުންގެ މާދަމާއަކީ އާޚިރަތް ދުވަހެވެ. ޢާޚިރަތެވެ. އެދުވަހަކީ ކިތަންމެ ވަރަކަށް ކުރަން ބޭނުންވި ނަމަވެސް އެންމެ ހެޔޮ އަމަލެއްވެސް އަދި ނުބައި އަމަލެއްވެސް ކުރެވޭނެ ދުވަހެއް ނޫނެވެ. ވީމާ އަޅުކަން ކުރުމާއި ހެޔޮ އަމަލުކުރަން ފެށުމުގައި މާދަމާއަކީ އޮންނަ ދުވަހެއް ނޫނެވެ. އޮންނާނީ މިއަދެވެ. މިވަގުތުން ފެށިގެން ކުރަން ފެށުމެވެ!"
އަނެއްކާވެސް މިޘާލުމިދައްކަނީ ނިމިގެންދިއަ ރަމަޟާންމަހުންނެވެ. މިއަހަރުގެ ރަމަޟާން މަސްވެސް ނިމި ވަނީ އަހުރެމެންނަށް އަލްވިޑާޢުކިޔައިފައެވެ. ކީރިތި ޤްރްއާން ކިޔެވުން އިތުރުކުރަން ހިތުގައި އޮތެވެ. ނަމަވެސް އެކަންކުރަން މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. ދަމުނަމާދުކުރަންވެސް ހިތުގައި އޮތެވެ! ނަމަވެސް އެކަންވެސް ނުކުރެވުނެވެ. އެހެނިހެން ހެޔޮ އަމަލުތައް ވަރަށް ގިނައިން ކުރަންވެސް ހިތުގައި އޮތެވެ. ނަމަވެސް ކުރެވުނީ ވަރަށް މަދުކަމެކެވެ. މިހުރިހާކަމެއްވެސް ނުކުރެވިދިއައީ ހަމަ މާދަމާގެ ސަބަބުންނެވެ. މާދަމާ ކުރަން މަޑުކުރެވޭތީއެވެ.
މާދަމާގެ މައްސަލަ ކުރިމަތިވަނީ ތިބާގެ ހިތުގައި ހެޔޮ އަމަލުތައް ކުރަން ޝައުޤުވެރިކަން އޮތް ނަމަވެސް ޝައިޠާނާގެ ބާރު ތިބާގެ މައްޗަށް ގަދަވުމުންނެވެ. ވީމާ އެކަމަށް އޮންނާނެ ޙައްލަކީ އެއްވެސް ހެޔޮކަމެއްކުރަން މާދަމާ ފަށަން މަޑު ނުކުރުމެވެ. ކޮންމެ ކަމެއް ކުރަން އުޅުމުންވެސް މިއަދު ނުކުރިނަމަވެސް ފުދޭނެކަމަށާއި މާދަމާ ކުރަންށިއަސް ކުރެވޭނެ ކަމަށް އެބުނަނީ ޝައިޠޯނާއެވެ. ވީމާ ދެންވެސް ވަގުތުން ޝައިޠޯނާގެ ގައިގައި ކޮޅުފައިން ޖަހާށެވެ. ޝައިޠާނާގެ ގައިގައި ކޮޅުފައިން ޖެހުމަކީ ވަގުތުން ހެޔޮ އަމަލުތައް ކުރަން ފެށުމެވެ.
ނަމާދުތައްކޮށް ކީރިތި ޤްރްއާން ކިޔަވަން މިއަދު ފަށާށެވެ. މިރޭވެސް ރޭއަޅުކަން ކުރާށެވެ. އެހެނިހެން ހެޔޮ އަމަލުތައް ކުރަންވެސް ހަމަ މިއަދު ފާށާށެވެ! މި ބައްދަލުވުމުން ނުކުތުމުގެ ކުރިންވެސް ކީރިތި ޤްރުއާނުން އެންމެ އާޔަތެއް ނަމަވެސް ކިޔަވާށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން