ބައެއް ޙާލަތްތަކުގައި ވަރަށް ހަގު އުމުރުގައިވެސް ކައިވެނިކުރަން ދަރިން ބޭނުންވެއެވެ. ކައިވެނި ކުރަން ބޭނުންވާ މީހާ ގޮވައިގެން ވެސް މައިންބަފައިންގެ ކުރިމައްޗަށް އެބަ އައުދެއެވެ. އެހާލަތުގައި ބެލެނިވެރިންނަށް ކުއްލި ޝޮކެއް ވެސް ލިބިދާނެއެވެ. ތިމާގެ ދަރިފުޅު މިހައި އަވަހަށް ކައިވެންޏެއް ކުރަން ނިންމުމުންނެވެ. ކޮލެޖް ނޫނީ ޔުނިވަރސިޓީ ތައުލީމްވެސް އަދި ފުރިހަމަ ނުކުރާތީއެވެ.
މައިން ބަފައިން ދަރިންނާއިމެދު ކުރާ އުންމީދުތަކެއް ހުންނާނެއެވެ. ވީމާ ޔުނިވަރސިޓީ ތައުލީމު ޙާޞިލުކުރުމަށް ވެސް އުންމީދު ކުރާނެއެވެ. ނަމަވެސް ސުވާލަކީ އެހުރިހައި އުންމީދުތަކެއް ކުރާއިރު ދަރިފުޅުގެ ކަންކަން ބެލެހެއްޓުނީ ކިހައިވަރަކަށް ހެއްޔެވެ؟ މިއަދު ދަރިފުޅު އެހެރީ އޭނާ ކައިވެނިކުރަން ބޭނުންވާ މީހާ ގޮވައިގެން މައިންބަފައިންގެ ކުރިމަތީގައެވެ.
ލޮބުވެތި މައިންބަފައިންނޭވެ! ތަކުރާރުކޮށްލާނަމެވެ! ތިބާ ނުހަނު ލޯބިން ބަލައި ބޮޑުކުރި އެ ދަރިފުޅު މިއަދު އޭނާ ކައިވެނިކުރަން ބޭނުންވާމީހާ ގޮވައިގެން އައިސް އެހެރީ މައިން ބަފައިންގެ ކުރިމަތީގައެވެ. މައިން ބަފައިން އެކަން ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ. ކައިވެނިކުރަން ހުއްދަ ދޭން ބޭނުމެއް ނުވެއެވެ. އެހެންކަމަށްވާއިރު ނިކަން ބުނެބަލާށެވެ! ތިބާގެ ދަރިފުޅު، މިއަދު އެމީހަކާއިއެކު އައިސް ތިބާގެ ކުރިމަތީގައި ހުރި މީހާ ޢާއިއެކު ކިތައް ފަހަރު ކިތައް ގޮތަށް ޖިންސީ ގުޅުން ހިންގައިފިހެއްޔެވެ؟ އެކަން ބެލުނު ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކައިވެނި ކުރުމުގެ ހުއްދަ ނުދީ
ހިފެހެއްޓިދާނެއެވެ. ނަމަވެސް މިކުރި ސުވާލަށް ޖަވާބު ދެވޭނީ ކިތައް ބެލެނިވެރިންނަށް ހެއްޔެވެ؟ މިކުރި ސުވާލަށް ޖަވާބު ދެވޭނެ ބެލެނިވެރިންގެ ކުރިމައްޗަށް ދަރިން ގޮސް އެގޮތަކަށް ނުހުއްޓޭނެއެވެ.
ކިތަންމެ ގިނަ ބައަކު ދެކޮޅު ހެދިނަމަވެސް އަދި ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިއަދު މުޖުތަމައުތަކުގައި ހާލު ހުރިގޮތެވެ. ކަންކަން ހިނގަމުންދާ މަގެވެ. ދަރިން ބޮޑެތި ވެގެން އަންނައިރު ބަލަހައްޓަން ސަމާލުކަމެއް ނުދެވެއެވެ. ސަމާލުކަން ދޭން މިފެށެނީ ކައިވެންޏަކާއި ހަމައަށް ކަންކަން ދިއުމުންނެވެ.
ރަމަޟާން މަސް ފެށިގެން ކުރިއަށް މިދަނީއެވެ. ތިމާމެންގެ އަންހެން ދަރިން ގެއިން ބޭރުގައި ވަގުތު ހޭދަކުރަނީ ކޮންބައަކާއިއެކު ކީއްކުރަންކަން ބެލެނީ ކިތައް ބެލެނިވެރިންނަށް ހެއްޔެވެ؟ ބާލިޣްވެފައި ތިބި އަންހެން ދަރިން ރެސްޓޯރަންޓްތަކާއި ކޮފީޝޮޕްތަކުން ދުވަން އެކަނި ފޮނުވަން ހުއްދަ ދިނީ ކާކުހެއްހެވެ؟ ފުރަތަމަ ހޯދަންވީ އެމީހަކު ނޫން ހެއްޔެވެ؟ ހަމަ ގައިމުވެސް އެއީ ﷲ ތަޢާލާ އެއްވެސް ބެލެނިވެރިއަކަށް ދެއްވަވާފައިވާ ހުއްދައެއް ނޫނެވެ.
ދަރިންނަށް ކަންކަން މަނާކުރަންވީ ވީއްލިގެން ދާނެހައި ހިސާބަކަށް ދިއުމަކުން ނޫނެވެ، އެއިގެ މާކުރިންނެވެ. އެއިރު ކަންކަން މަނާ ނުކުރވިއްޖެ ނަމަ ދެން އޮތް އެންމެ ރަނގަޅު ގޮތަކީ ދަރިން ވީއްލިގެން ގޮސް އިޚްތިޔާރުކުރި ބައިވެރިޔާ އާއިއެކު ޒަވާޖީ ޙަޔާތެއް ފެށުމުގެ މަގު ފަހިކޮށް ދިނުމެވެ. ފަހަރެއްގައި ކައިވެނި ރޫޅި އިތުރު ތަކްލީފްތަކެއް ޖެހިވެސް ދާނެއެވެ. ޖެހޭނީ އެކަން ބަލައިގަންނަން ތައްޔާރަށް ތިބޭށެވެ. އެކަން މެދުވެރިވީ މައިންބަފައިންގެ އިހުމާލުން ކަމަށްވީތީއެވެ!
- މުފްތީމެންކުގެ ދަރުސަކުން
-މިއަދުނޫސް