ޚުޠުބާ: ހިތްދަތިކަމެއް ކުރިމަތިވިޔަސް އަމިއްލަ ނަފްސަށް ގެއްލުންދިނުމަކީ ނަރަކައަށް ވައްދަވައިފާނެ ނުބައި ޢަމަލެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 36ސ
ޚުޠުބާ: ހިތްދަތިކަމެއް ކުރިމަތިވިޔަސް އަމިއްލަ ނަފްސަށް ގެއްލުންދިނުމަކީ ނަރަކައަށް ވައްދަވައިފާނެ ނުބައި ޢަމަލެއް!

މުސްލިމް އަޚުންނޭވެ! މާތް ﷲވަނީ، އެކަލާނގެ އުފެއްދެވި ގިނަ ތަކެތީގެ މައްޗަށް އިންސާނާ މާތްކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރީން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތީން ރިޒުޤުދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ."  

މުސްލިމް އަޚުންނޭވެ! މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ ނަފުސެއް ޙައްޤަކާނުލައި މެރުމަކީ ޙަރާމްކަމެކެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި ﷲ ޙުރުމަތްތެރިކުރައްވައިފައިވާ ނަފުސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ!" މާތް ﷲ މުޞީބާތްތައް ޖައްސަވަނީ އިންސާނާ އިމްތިޙާނުކުރެއްވުމަށް ޓަކައެވެ. އެ އިމްތިޙާނުން ފާސްވާނީ ކެތްތެރީންނެވެ. މުޞީބާތް ޖެހުމުން ކެތްތެރިނުވެ، އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނުވެއެވެ. ކެތްތެރިވާށެވެ! ކެތްތެރީންނަށް މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ ސުވަރުގެއެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.‏ --- ‎މާނައީ: "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނުކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!"

މުސްލިމް އަޚުންނޭވެ! މާތް ﷲއީ އަހަރެމެންގެ މައްޗަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. އިސްލާމްދީނުގައި އެއްވެސް މީހަކަށް، އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ވެސް އަނިޔާވެރިވުމެއް ނުވެއެވެ. އަހަރެމެންގެ ނަފުސަކީ އަހަރެމެން ބޭނުން ގޮތަކަށް އެއާމެދު ޢަމަލުކުރެވޭނޭ އެއްޗެއް ނޫނެވެ. އޭގެ ވެރިފަރާތަކީ މާތް ﷲއެވެ. ނަފުސަކީ އަމާނާތެކެވެ. އަމާނާތަށް ގެއްލުންދިނުން ޙަރާމްވެގެން ވެއެވެ. އަމިއްލަ ނަފުސު ޤަތުލުކުރާ މީހުންނާ މެދު މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (وَمَنْ قَتَلَ نَفْسَهُ بِشَيْءٍ عُذِّبَ بِهِ فِيْ نَارِ جَهَنَّمَ)[1] މާނައީ: "އަދި އެއްޗެއް ބޭނުންކޮށްގެން އަމިއްލަ ނަފުސު ޤަތުލުކުރި މީހާއަށް، ނަރަކައިގައި އެ އެއްޗަކުން ޢަޛާބުދެއްވޭހުއްޓެވެ."  

މުސްލިމް އަޚުންނޭވެ! އަމިއްލައަށް މަރުވުމަކީ ބޮޑުފާފައެކެވެ. جَابِرُ بْنُ سَـمُرَةَ رَضِيَ اللَّهُ عَنْهُمَا ވިދާޅުވިއެވެ. (أُتِـيَ النَّبِـيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِرَجُلٍ قَتَلَ نَفْسَهُ بـِمَشَاقِصَ، فَلَمْ يُصَلِّ عَلَيْهِ)[2] މާނައީ "ތީރުތިލައަކުން އަމިއްލަ ނަފުސު ޤަތުލުކޮށްލި މީހަކު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް ގެނެވުނެވެ. ފަހެ، އެކަލޭގެފާނު އޭނާގެ މައްޗަށް ކަށުނަމާދު ނުކުރެއްވިއެވެ." ނަމަވެސް އަޞްޙާބުބޭކަލުން އެނާގެ މައްޗަށް ކަށުނަމާދުކުރެއްވިއެވެ. އެހެންކަމުން އިސްލާމީ އުންމަތުގެ ގިނަ ފިޤުހުވެރީންނާއި، سَمَاحَةُ الشَّيْخُ عَبْدُ الْعَزِيْزُ بْنُ بَاز (رَحِمَهُ اللهُ) ފަދަ ޢިލްމުވެރީން ދެކެވަޑައިގަންނަވާގޮތުގައި، އަމިއްލައަށް މަރުވާ މީހުންގެ ޖަނާޒާގެ ކަންތައް، ޢާންމު މުސްލިމުންނެކޭ އެއްގޮތަށް ކުރާންވާނެއެވެ. "އެ މީހުން ހިނަވައި، ކަފުންކޮށް، ކަށުނަމާދުކުރާންވާނެއެވެ. ނަމަވެސް، މުޖުތަމަޢުގެ ކަމުވޮށިވެގެންވާ ހެއުލަފާ ޞާލިހު މީހުން، އެ ކަމާ ނުރުހޭކަން ހާމަކުރުމުގެ ގޮތުންނާއި މީސްތަކުންނަށް އެ ކަންތަކާ މެދު ބިރުދެއްކެވުމުގެ ގޮތުން، އޭނާގެ މައްޗަށް ކަށުނަމާދުކުރުން ދޫކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ  ފަހަރެއްގައިވެސް އޭނާ އެކުރި ޢަމަލާ މެދު އެފަދަ މީހުން ރުހޭކަމަށް ހީވެދާނެތީއެވެ. އެ ގޮތުން އެންމެ އިސް އިމާމު، ރަސްގެފާނު، ފަނޑިޔާރުމަނިކުފާނު ނުވަތަ ރަށުގެ އެންމެ އިސް ވެރިޔާ، އެ ކަމަކީ ފާފަވެރި ނުބައި ޢަމަލެއްކަން މީސްތަކުންނަށް ހާމަކުރުމުގެ ގޮތުން، އެ މީހުންގެ ކަށުނަމާދުގައި ބައިވެރިނުވުން ރަނގަޅެވެ. ނަމަވެސް، އާންމު މުސްލިމުންގެ ބަޔަކު ކަށުނަމާދު ކުރާންވާނެއެވެ."[3] 

މުސްލިމް އަޚުންނޭވެ! އިސްލާމްދީނުގައި މީސްތަކުންގެ ފުރާނައާ އެއްވަރަށް އެބައިމީހުންގެ އަބުރު ވެސް ޙުރުމަތްތެރިވެގެން ވެއެވެ. އެހެންވެ، ހަނގާކޮށް، ފުރައްސާރަކޮށް، ހުތުރު ނަންތަކުން ގޮވައި، މަލާމާތްކޮށް އުޅުން ވަނީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށް ވުރެ، ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުން އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށް ވުރެ، އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ:އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ.) އަދި އެއްބަޔަކު، އަނެއް ބަޔަކު ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ!" ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ކީރިތި ރަސޫލާ ﷺ ވަނީ އިންސާނާގެ ލެއާއި މުދަލާއި އަބުރުގެ ކަރާމާތުގެ ވާހަކަ ގެންނަވައިފައެވެ.

އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ عَلَيْكُمْ حَرَامٌ، كَحُرْمَةِ يَوْمِكُمْ هَـٰذَا، فِيْ بَلَدِكُمْ هَـٰذَا، فِيْ شَهْرِكُمْ هَـٰذَا)[4] މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ ތަކެއްޗެވެ. މިއަދު (އެބަހީ: ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި ރަށް (އެބަހީ: މައްކާ) ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީ ފަދައިންނެވެ."

 

މިއަދު އޮންލައިން