މުސްލިމް އަޚުންނޭވެ! ގަނާކުރުމަކީ މިއަދު ފެތުރެމުން އަންނަ ވަބާއެކެވެ. އޭގެ ސަބަބުން މަރުވާ މީހުންނާއި ކުޑަކުދީންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. މީހަކަށް ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެއީ އޭގެ ސަބަބުން ނަރަކަވަންތަވެރިއަކަށް ވެދާނޭ ކަމެކެވެ. أَبُوْ هُرَيْرَة رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. "ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ދެންނެވުނެވެ: "އޭ ﷲގެ ރަސޫލާއެވެ! މިވެނި އަންހެނަކީ ދަމުނަމާދުކޮށް، ސުންނަތް ރޯދަހިފައި، އެކިއެކި ހެޔޮކަންތައްކޮށް، ޞަދަޤާތްދީ އުޅޭ މީހެކެވެ. ނަމަވެސް އޭނާގެ ދުލުން އޭނާގެ އަވަށްޓެރީންނަށް އުނދަގޫކުރެއެވެ. އެ ހިނދު ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "އޭނާގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނެތެވެ.
އޭނާވަނީ ނަރަކަވަންތަވެރީންގެ ތެރެއިންނެވެ." އަދި ދެންނެވުނެވެ. އެވެނި އަންހެނަކީ ހަމައެކަނި ފަރުޟު ނަމާދުތައްކޮށް، މަދު މިންވަރެއްގެ ހިއްކި ކިރުކޮޅަކުން ޞަދަޤާތްކޮށްއުޅޭ މީހެކެވެ. އޭނާ އެއްވެސް މީހަކަށް އުނދަގުލެއް ނުކުރެއެވެ. އެ ހިނދު ރަސޫލާ z ޙަދީޘްކުރެއްވިއެވެ. "އޭނާ ވާހުށީ ސުވަރުގެވަންތަވެރީންގެ ތެރެއިންނެވެ."[1]
މުސްލިމް އަޚުންނޭވެ! މިއަދު ގަނާގެ ޝިކާރައަށް ވެފައިވަނީ ކިތައްކިތައް މީހުންހެއްޔެވެ! ބިރުދެއްކުމާއި ބަހާއި ޢަމަލުން ލިބޭ އިންޒާރުތަކުގެ ސަބަބުން، މައިންބަފައިންނާއި، މުދައްރިސުންނާއި ރައްޓެހީންގެ ގާތުގައި އެ ވާހަކަ ބުނާން ނުކެރި ތިބެ، ކުށެއް ނެތް ކިތައް ދަރިވަރުން ދުނިޔެ ދޫކުރޭހެއްޔެވެ! އިސްލާމްދީނުގައި ތިމާގެ އަމިއްލަ ނަފުސުދެކެ ލޯބިވާ މިންވަރަށް، ތިމާގެ އަޚާ ދެކެ ލޯބިވެއްޖައުމަށް ދާންދެން އެއްވެސް މީހަކު ފުރިހަމަ މުއުމިނަކަށް ނުވެއެވެ. މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (لَا يُؤْمِنُ أَحَدُكُمْ حَتَّى يُـحِبَّ لِأَخِيْهِ مَا يُـحِبُّ لِنَفْسِهِ)[2] މާނައީ: "އަމިއްލަ ނަފުސަށް ލިބުމަށް ލޯބިކުރާ ކަންތައްތައް، އޭނާގެ މުސްލިމު އަޚާއަށް ވެސް ލިބުމަށް ލޯބިކޮށްފުމަށް ދާންދެން، ތިޔަބައިމީހުން ކުރެ އެކެއްގެ ވެސް އީމާންކަން ފުރިހަމައެއް ނުވާނެތެވެ."
ލޮބުވެތި ދަރީންނޭވެ! ދުނިޔެ ބަވަނަވަމުން އަންނައިރު، ތިޔަކުދީންނާ ކުރިމަތިވާ ގޮންޖެހުންތަކަށް ޖެހިލުންވެ، ހިމޭންނުވާށެވެ! ފިސާރި ކެރިގެން އެ ކަންކަމާ ދެކޮޅަށް ތެދުވާށެވެ! ތިޔަ ކުދީންނަށް ގޯނާކުރާ ބައެއް މީހުން، އެ ކަންކުރަނީ ފަރުދާވެތިބެއެވެ. އެ ފަދަ މީހުންނަކީ ކޮންބައެއްކަން ނޭނގި ރައްޓެހިނުވާށެވެ! އެއީ ކޮންމެ ފަދަ ކެއްސެއް ވެސް ދީފާނޭ ބައަކުކަން ދަންނާށެވެ! ދީނުގެ އިމުގައި ތިބެ، އެ ފަދަ މީހުންނާ މުޢާމަލާތުކުރާށެވެ! ތިމާ ފަޟީޙަތްވެދާނޭ ފަދަ ޒާތީ ސިއްރެއް އެއިން މީހަކަށް ހާމަނުކުރާށެވެ! ލަހެއްފަހެއް ނުވެ އެމީހަކު ތިބާ ފަޟީޙަތްކޮށްލައިފާނެތީއެވެ. ދެން އޭނާ ތިބާއަށް ބިރުދައްކައި، އިންޒާރުދޭން ފަށައެވެ. އޭރުން މީހެއްގެ ގާތުގައި އެ ވާހަކަތައް ކިޔައިދޭން ވެސް ނުކެރި، އެއިން ސަލާމަތްވާނޭ މަގެއް ނުފެނި، ތިބާއަށް ގޮތްހުސްވެއެވެ.
ކަމާބެހޭ މުއައްސަސާތަކުގެ މަސްއޫލުވެރީންނޭވެ! ދުނިޔެއަށް ތިޔަބައިމީހުންގެ ލޯތައް ހުޅުވާށެވެ! ގަނާކުރުމާއި، ސައިބާކުރައިމްތަކާއި އިންސާނީ ވަގުފާރީގައި ޙަރަކާތްތެރިވާ މީހުން ދެނެގަންނާށެވެ! ޤާނޫނާއި ޤަވާޢިދުގެ އެހީގައި އެ ކަންކަން ހުއްޓުވާށެވެ! ބެލެނިވެރީން ދަރީންގެ ކަންކަން ގާތުން ބަލާށެވެ! ކެހިވެރީންގެ ނުބައި ރޭވުންތަކުން ރެކޭނޭ މަގުތައް ބުނެދޭށެވެ! ދިމާވާ ހާސްކަމަކާއި ކަންބޮޑުވުމަކާ ގުޅިގެން ވިއަސް އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ އޭގެ ޙައްލުނޫންކަން ބުނެދޭށެވެ! ދީނީގޮތުން އެ ކަންކަން އޮތް ގޮތް ބުނެދޭށެވެ! މުދައްރިސުން ދަރިވަރުންނަށް މަޢުލޫމާތުދީ އެ ކުދީން ހޭލުންތެރިކުރުވާށެވެ! މުނާސަބު ވަގުތުގައި އެކަށިގެންވާ އިރުޝާދުދޭށެވެ! އެ ކުދީންނާ ކުރިމަތިވާ ކަންކަމުގައި އެ ކުދީންނާ އެކުގައިވާނޭކަމުގެ ޔަޤީންކަންދޭށެވެ!